ނަށަން ނޭނގޭތީ ބޮލީވުޑް ފިލްމެއް ނުކުޅެވޭނެ: ބްރެޑް ޕިޓް

ބޮލީވުޑް ފިލްމެއް ކުޅުމުގެ ކުޅަދާނަކަމެއް ނެތް ކަމަށް ހޮލީވުޑް މަޝްހޫރު ތަރި ބްރެޑް ޕިޓް ބުނެފި އެވެ.


ޕިޓްގެ އާ ފިލްމު "ވޯ މެޝިން" ރިލީޒްކުރުމަށް މުމްބާއީގައި މިދިޔަ ބުދަ ދުވަހު ބޭއްވި އިވެންޓެއްގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާނާ ވާހަކަ ދައްކަމުން ޕިޓް ބުނީ އޭނާއަށް ބޮލީވުޑް ފިލްމު ކުޅުމުގެ ފުރުސަތު ލިބުނަސް އެކަން ކުރެވެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ލަވަކިޔާށާއި ނަށަން ނޭނގޭތީ އެވެ.

ޕިޓް ދެއްކި ވާހަކަތަކަށް ޖަވާބު ދެމުން ޝާހްރުކް ބުނީ ނަށާށާއި ލަވަކިޔަން ޕިޓަށް ވަރަށް ފަސޭހައިން ދަސްކުރެވިދާނެ ކަމަށެވެ.

"ކޮންމެ މީހަކު ލައްވާ ވެސް އަހަރެމެންނަށް ނެށުވިދާނެ. ހަމައެކަނި ދެ އަތް ހުޅުވާލާފައި އެހެން ކަމެއް ނުކޮށް ހުރުމަކީ ވެސް ނެށުމުގެ ސްޓެޕެއް،" ޕިޓް ގާތު ޝާހްރުކް ބުންޏެވެ.

ޝާހްރުކް އާއި ބްރެޑް ޕިޓް

ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ އެންޖެލީނާ ޖޮލީއާ ކުރި ކައިވެނި ދާދި ފަހުން ރޫޅުނު ޕިޓް އިންޑިއާއަށް ޒިޔާރަތްކުރީ ޖަޕާނަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު ބުދަ ދުވަހު ހެނދުނު އެވެ. ޕިޓް އިންޑިޔާއަށް ދިޔައީ އޭނާގެ ނެޓްފްލިކްސް ފިލްމް "ވޯ މެޝިން" ގެ ޕްރޮމޯޝަނަލް ދަތުރުގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުންނެވެ.

އެމެރިކާގެ ޖެނެރަލެއްގެ ރޯލު ޕިޓް އަދާކުރާ މި ފިލްމު ނެޓްފްލިކްސް ގައި ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.