"ނޯޓީ 40" ގެ އިތުރު ހަތަރު ޝޯ އޮލިމްޕަހުގައި ދައްކަން ނިންމައިފި

މިދިޔަ މަހުގެ ދޭއްގައި ރިލީޒްކޮށް، އޮލިމްޕަހުގައި 13 ޝޯ ދެއްކި ކޮމެޑީ ފިލްމް "ނޯޓީ 40" ގެ އިތުރު ހަތަރު ޝޯ މި މަހުގެ ތެރޭގައި އޮލިމްޕަހުގައި އަނެއްކާ ވެސް ދައްކާ ގޮތަށް ނިންމައިފި އެވެ.


ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ "ނޯޓީ 40" ގެ ހަތަރު ޝޯ ދައްކާނީ މި މަހުގެ 23-26 އާ ހަމައަށް ކަމަށެވެ. މި ޝޯތަކުގެ ޓިކެޓް މި މަހުގެ 10 ވަނަ ދުވަހުން އޮލިމްޕަހުން ވިއްކަން ހަމަޖެހިފައިވާ އިރު ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖާއި ހޮޓްލައިން މެދުވެރިކޮށް ޓިކެޓް މިހާރު ނޯޓް ކުރެވޭނެ އެވެ.

ޝަފީގް ބުނީ މި ފަހަރު "ނޯޓީ 40" ގެ ހަތަރު ޝޯ އޮލިމްޕަހުގައި ދައްކާ އިރު، މިއީ މި ފިލްމް ނުބެލި މާލޭގައި ތިބި މީހުންނަށާއި އަލުން ފިލްމް ބަލާލަން ބޭނުންވާ މީހުންނަށް ފިލްމް ބަލައިލަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.

އޮލިމްޕަހުގައި މި ފިލްމް ދެވަނަ ފަހަރަށް އަޅުވަނީ މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ޖުމްލަ 24 ޝޯ ދެއްކުމަށް ފަހު އެވެ. އެގޮތުން އެއިން ކޮންމެ ސިނަމާއެއްގައި ޖުމްލަ 12 ޝޯ ދެއްކި އެވެ.

ޝަފީގް ބުނީ "ނޯޓީ 40" އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިދިޔަ އަހަރު އެންވިޝަން އެންޓަޓައިމަންޓުން ގެނެސް ދިން ފިލްމް "ބައިވެރިޔާ" އަށް ވުރެ "ނޯޓީ 40" މާ ބޮޑަށް ވެސް ކާމިޔާބު ކަމަށް ބުންޏެވެ.

"ފިލްމަށް ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. މިހާރު ވެސް އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމް ދައްކަމުން މި އަންނަނީ." ޝަފީގް ބުންޏެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރި ނޯޓީ 40" ގެ ތަރިންގެ ތެރޭގައި ޔޫއްޕެ، އަލީ ސީޒަން، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު އަދި އަހުމަދު ސައިދާ އެކު، މިހާރުގެ އެންމެ ވިދާ ބައެއް ތަރިން ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ. އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ތައާރަފުވި އެވެ.