އަހަރު ނިމޭއިރު ދިވެހި ސިނަމާ ފަޅުވަނީ

މިދިޔަ އަހަރު ވެސް އަށް ފިލްމް، މި އަހަރު ވެސް އަށް ފިލްމް.

ކުރިން ބެލެވުނު ގޮތާ ހިލާފަށް މި އަހަރަކީ މިދިޔަ އަހަރަށް ވުރެ އިތުރަށް ދިވެހި ފިލްމްތަކެއް ސިނަމާ އަށް އަންނާނެ އަހަރެއް ނޫނެވެ. އަހަރު ނިމުމަކާ ހިސާބަށް ގޮސްފައި ވާއިރު، މި އަހަރު ވެސް ސިނަމާ އަށް އަންނާނީ އަށް ފިލްމެވެ. މިދިޔަ އަހަރު ސިނަމާއަށް އައީ ފިލްމެވެ.


މި އަހަރުގެ ބާކީ އަދި ތިން މަސް އޮތް އިރު، ދެ ފިލްމެއް ރިލީޒްވެ އަދި ތާވަލްކޮށްފައި އެބަ އޮތެވެ. މި މަހުގެ 27 ގައި ރިލީޒްކުރާ "ނޭދެން ވަކިވާކަށް" އާއި އަންނަ މަހުގެ 31 ގައި ރިލީޒްކުރާ ފިލްމް "ބޮސް" އެވެ.

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިމަންޓުން ގެނެސްދޭ "ބޮސް" އާ އެކު ފިލްމީ ސީޒަން ނިމުމަކަށް ދަނީ ކަމަށް ބެލެވި ދާނެ އެވެ. ސަބަބަކީ އޭގެ ފަހުން އެއްވެސް ފިލްމެއް ރިލީޒް ކުރަން ކުރިއަށް ނެތުމެވެ. އެހެންވެ ޑިސެމްބަރު މަހަކީ ދިވެހި ސިނަމާ އަށް އެއްކޮށް ފަޅުކަން އަންނާނެ މަހެކެވެ.

"ބޮސް" އަންނަ މަހުގެ 31 ގައި ރިލީޒް ކުރާތީ، ނޮވެމްބަރުގައި ސިނަމާގައި ފިލްމް ކުރިއަށް ދާނެ އެވެ. އެކަމަކު މަހުގެ މެދަށް ނުވަތަ ފަހަތަށް އަންނަ އިރު، "ބޮސް" ގެ ވިޔަފާރި ހުއްޓައިލަން ވެސް ޖެހިދާނެ އެވެ. އެހެންވެ އެ ފަޅުކަން އަައުމަކީ ގާތް ކަމެކެވެ.

މި އަހަރު ރިލީޒް ވާނީ އަށް ފިލްމުކަން މިހާރު ކަށަވަރުކަމާ އެކު ބުނަން ކެރޭ އިރު، ކުރިން އޮތް ގޮތުން ނަމަ މި އަހަރު އިތުރު އެހެން ދެ ފިލްމެއް ވެސް ސްކްރީނަށް އަންނާނެ އެވެ. އެއީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އެވެ. މި ފިލްމަކީ ކުރިން މި އަހަރުގެ ފަހުކޮޅަށް ތާވަލް ކުރި ފިލްމެކެވެ. އެކަމަކު ޑާކް ރެއިނުން ޕްލޭން ކުރި ދުވަސްވަރަށް އޮލިމްޕަސް ލިބުމުގައި ހުރި ތާށިކަމާ ހުރެ، ފިލްމް މި އަހަރު ސްކްރީނަށް ނުގެންނަން ނިންމައި، ފިލްމްގެ ޝޫަޓިން ފަސްކޮށްލި އެވެ.

ނަމަވެސް މިދިޔަ މަހުން ފެށިގެން "ވަކިން ލޯބިން" ޝޫޓް ކުރަމުން އަންނަ އިރު، އެ ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް ފަހެއްގަ އެވެ.

މި އަހަރު ރިލީޒްވާނެ ކަމަށް ބެލެވުނު އަނެއް ފިލްމަކީ ފިލްމީ މަސައްކަތުގެ ތެރެއަށް އަލަށް ވަން އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އެވެ. ޖުލައި މަހުގެ ތެރޭގައި ސްކްރީނަށް އެ ފިލްމް ގެންނަން އިމޭޖިނޭޝަނުން ކުރިން އަމާޒު ހިފި ނަމަވެސް، އެކަން ވެސް ކާމިޔާބުވާ ގޮތެއް ނުވީ އެވެ.

އަހަރުގެ ފަހުކޮޅަށް އަންނަ އިރު، ދިވެހި ސިނަމާ އަށް ފަޅުކަން ކުރިމަތިވާ އިރު، މި އަހަރަކީ ވަރަށް ފޯރިގަދަކޮށް ދިޔަ އަހެރެކެވެ. އެގޮތުން ނޮވެމްބަރުގައި "ވީ ބޭވަފާ" އެޅުވި އިރު، ޑިސެމްބަރު މަހުގެ ތެރޭގައި "ބައިވެރިޔާ" އަޅުވައި، ބޮޑު ކާމީޔާބީއެއް ހޯދި އެވެ.

ޑިސެމްބަރު މަހަކީ އާންމުކޮށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފިލްމްތައް ރިލީޒް ކުރަން ފަސްޖެހޭ މަހެކެވެ. އެއީ ބޮޑު ޗުއްޓީއާ ދިމާވެ، މާލޭން ބޭރަށް ގިނަ ބަޔަކު ދާތީ، ފިލްމްގެ ވިޔަފާރިއެއް ނޯންނާނެ ކަމަށް ގަބޫލު ކުރެވިފައި އޮންނާތީ އެވެ. އެހެންވެ އެ މަހުގައި ފިލްމެއް އައުމަކީ ވަރަށް ނާދިރު ވެސް ކަމެކެވެ. ރޯދަ މަހަކީ ވެސް ހަމަ މި ކަހަލަ މަހެކެވެ. އަދި ހަމައެއާ އެކު އަހަރުގެ ފުރަތަމަ ދެ މަހަކީ ވެސް ފިލްމްތައް ފިލްމްތައް ސިނަމާ އަށް ގެނައުން ބީރައްޓެހި ދެ މަހެވެ. އެއީ ދިރާސީ އަހަރުގެ ތައްޔާރީތަކުގައި އެންމެން އަވަދިނެތި އުޅޭނެތީ އެވެ.

އެކަމަކު "ބައިވެރިޔާ" އާ އެކު އެންވިޝަން އެންޓަޓަޓައިންމަންޓުން މިދިޔަ އަހަރު ސާބިތުކޮށް ދިނީ ބަލާ ހިތްވާ ކަހަލަ ފިލްމެއް ޑިސެމްބަރުގައި ގެނެސް ދީފި ނަމަ، ބެލުންތެރިން ފިލްމް ބަލަން ވަންނާނެ ކަމެވެ.

މިހާރު ސިނަމާގައި އޮތް "ހައްދު" ގެ ޓްރެއިލާއެއް.

ކޮންމެއަކަސް މި އަހަރުގެ ފިލްމީ މޫސުން ޑިސެމްބަރުގައި އެއްކޮށް ނިމުމަމަކަށް އަންނާނެ ކަމަށް ބަލަމާ ހިނގާށެވެ.

މި އަހަރު އެޅުވި ފިލްމްތަކަށް ބަލާ އިރު، އަހަރުގެ ފުރަތަމަ ފިލްމް އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ގެ "މަލިކާ" އެޅުވީ މާޗް މަހުގެ ދޭއްގަ އެވެ. އެ ފިލްމް އޮލިމްޕަހުގައި ދައްކަމުން ދަނިކޮށް، ތިއޭޓަ މިރާޖާއީ އޯކޭޒް އިންކްގެ "އިލް ނޮއިސް" ޝްވެކް ސިނަމާގައި ދައްކަން ފެށި މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ފިލްމުގެ ފަހަތުން ދެން ސިނަމާ އަށް އައި ޝްކެވެކްގައި އެޅުވި ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އެވެ. އެ ފިލްމް އެޅުވީ މާޗް އަށެއްގަ އެވެ. އޭގެ ފަހުން ދެން ސިނަމާ އަށް އައީ އެޕްރީލް ފަހެއްގައި ރިލީޒް ކުރި ޑާކް ރެއިންގެ "މީ ލޯތްބަކީ" އެވެ.

އެންވިޝަންގެ "ނޯޓީ 40" ސިނަމާ އަށް އައީ އޮގަސްޓް ދޭއްގަ އެވެ. މިހާރު ސިނަމާގައި ދައްކަމުން އަންނީ ރެޑް ޕްރޮޑަކްޝަންގެ "ހައްދު" އެވެ. ކުރިއަށް އޮތީ "ނޭދެން ވަކިވާކަށް" އާއި "ބޮސް" އެވެ.

އަންނަ އަހަރު ރިލީޒް ކުރާ "ލަސްވިޔަސް" ގެ ޓީޒާ.

މިދިޔަ އަހަރާއި މި އަހަރު ރިލީޒް ކުރާ ފިލްމްތަކުގެ އަދަދު އެއްވަރުވި ނަމަވެސް، އަންނަ އަހަރަށް އަދި ހުރީ ކޮންކޮން ފިލްމްތަކެއް ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު އަމްޖަދު އިބްރާހީމްގެ "ގިލަން" އަކީ އަހަރުގެ ފުރަތަމަ ފިލްމަށް ވެދާނެ އެވެ. އެ ފިލްމް ޖެނުއަރީ ފަހުކޮޅުގައި ރިލީޒް ކުރަން އޮތީ ވާހަކަ ދެކެވިފަ އެވެ.

އަންނަ އަހަރު ރިލީޒްވާނެކަން ޔަގީންވާ ބައެއް ފިލްމްތަކުގެ ތެރޭގައި މިހާރު ވެސް ތާރީހު އިއުލާންކޮށްފައިވާ ޑާކް ރެއިންގެ "ވަކިން ލޯބިން" އާއި އެ ސްޓޫޑިއޯ އިން އެޕްރީލް ފަހެއްގައި ރިލީޒް ކުރާ "ގޮށްރާޅު" ހިމެނެ އެވެ. މީގެ އިތުރުން އަމްޖޭގެ "ދޭތީ އަނިޔާ" އާއި މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ "ލަސްވިޔަސް" ފާހަގަކޮށްލެވެ އެވެ.