ސޭމް ސުމިތު: އޭނާގެ ދެވަނަ އަލްބަމް ނެރޭނީ އަންނަ މަހުގެ ތިނެއްގައި.
10 އޮކްޓޯބަރ 2017 - 06:15
އޮސްކާ އާއި ގޯލްޑެން ގްލޯބް އަދި ގްރެމީ ފަދަ އެވޯޑްތައް އުފުލާލައިފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަ ކިޔުންތެރިޔާ ސޭމް ސުމިތުގެ އާ އަލްބަމް "ދަ ތުރިލް އޮފް އިޓް އޯލް" އަންނަ މަހުގެ ތިނެއްގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
ޖުމްލަ 10 ލަވަ ހިމެނޭ މި އަލްބަމަކީ އޭނާ 2014 ގައި ނެރުނު ފުރަތަމަ އަލްބަމް "އިން ދަ ލޯންލީ އަވާ" ގެ ފޮލޯއަޕެކެވެ. ސޭމްގެ އާ އަލްބަމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، އޭނާ ވަނީ އަލްބަމް ރިލީޒް ކުރާ ތާރީހާ އެކު، އޭގެ ދެ ލަވައެއް ވެސް ފޭނުންނަށް ދޫކޮށްލައިފަ އެވެ. އެއީ "ޓޫ ގުޑް އެޓް ގުޑްބައިސް" އާއި "ޕްރޭ" އެވެ.
މީގެ އިތުރުން އަލްބަމް ޕްރޮމޯޓް ކުރަން އުތުރު އެމެރިކާގައި ކުރިއަށް ގެންދާ "ދަ ތުރިލް އޮފް އިޓް އޯލް" ޓުއާގެ ތާވަލް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ޓުއާގެ ޓިކެޓް އަންނަ ބުދަ ދުވަހުން ފެށިގެން ސޭމްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޕްރި-ސެލްއަށް ހުޅުވައިލާ އިރު، އާންމުކޮށް ޓިކެޓް ވިއްކަން ފަށާނީ ބުރާސްފަތު ދުވަހު އެވެ.
ސޭމްގެ އަލްބަމްގެ ޓްރެކް ލިސްޓް.
އޮންލައިންކޮށް ޓުއާގެ ޓިކެޓް ގަންނަ މީހުންނަށް "ދަ ތުރިލް އޮފް އިޓް އޯލް" އަލްބަމްގެ ކޮޕީއެއް ވެސް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
ޓުއާ ފަށާނީ ކެނެޑާ އިން ޖޫން 18، 2018 ގަ އެވެ. އަދި ނިންމައިލާނީ ސެޕްޓެމްބަރު 13، 2018 ގަ އެވެ.
ހަތަރު ގްރެމީ ހާސިލްކޮށްފައިވާ ސޭމް އަށް އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ލިބުނީ 2015 ގައި ރިލީޒް ކުރި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމް "ސްޕެކްޓްރާ" އަށް އޭނާ ކިޔައި ދިން ލަވަ "ރައިޓިން އން ދަ ވޯލް" އިންނެވެ. އެ ލަވައަށް ވަނީ ބެސްޓް އޮރިޖަނަލް ސޯންގްގެ އޮސްކާ އާއި ގޯލްޑެބް ގްލޯބް ލިބިފަ އެވެ.
ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ސޭމް، 25، އެންމެ ބޮޑަށް އާންމުންގެ މެދުގައި ވިދާލީ ދެބޭން ހިމެނޭ އިނގިރޭސި ބޭންޑް "ކްލޯޝާ" އާ އެކު އޭނާ 2012 ގައި ގެނެސް ދިން ސިންގަލްސް "ލެޗް" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy