އެކްޓަރު މުހައްމަދު ފައިސަލް "ސޮރީ" ގެ ނަމުގައި ރޮމޭންޓިކް ކޮމެޑީއެއް ޑައިރެކްޓް ކުރަން ކުރިން ނިންމި ނަމަވެސް، މި ވަގުތަށް އެ މަސައްކަތް ބާއްވާފައި އޭނާގެ ފުރަތަމަ ޑައިރެކްޝަނަކަށް "ހައްޔަރު" ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މި ފިލްމަކީ ދާދި ފަހުން އަންނަ އަހަރަށް ލޯންޗް ކުރި ފިލްމްތަކުގެ ތެރެއިން ފިލްމެކެވެ.
ފައިސަލް ބުނީ އަހުމަދު ޒަރީރު ލިޔާ "ސޮރީ" އަކީ ހަތަރު ބަތަލާއަކު ހިމެނޭ ގޮތަށް އޮތް ސްކްރިޕްޓަކަށްވާތީ، އަންހެން ކާސްޓުން ހޯދުމުގައި ދިމާވި ދަތިތަކާ އެކު، އޭގެ ސްކްރިޕްޓަށް މިހާރު ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އޭގެ މަސައްކަތް ތަންކޮޅަށް ފަހަށް ބޭއްވި ނަމަވެސް ފިލްމް ހަމަ އަންނަ އަހަރު ރިލީޒް ކުރަން ބޭނުންވާ ކަމަށް ފައިސަލް ބުންޏެވެ.
"އެހެންވީމަ އަހަރެންގެ ފުރަތަމަ ޑައިރެކްޝަނަކަށް ފެންނާނީ ހައްޔަރު." ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭއަކަށް ހަދާ ސަސްޕެންސް ތުރިލާއާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މިއީ ހަމަ ލޯބީގެ ވަރަށް ތަފާތު ސަސްޕެންސް ތުރިލާއަކަށް ވާނެ."
"ހައްޔަރު" ގެ ޝޫޓިން އަށް މި މަހުގެ ފަހުކޮޅު ތ. އަތޮޅަށް ކާސްޓާއި ކްރޫ ފުރާނެ އެވެ. މި ފިލްމްގައި ފައިސަލާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ޔޫއްޕެ މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފިލްމް "ދެވަންސޫރަ" އިން ފިލްމީ ދާއިރާ އަށް ތައާރަފުކުރާ ބަތަލާ މަރިޔަމް ޝިފާ އާއި އަލީ އާޒިމް (ދޮންއައްޔަ) އެވެ.
"ތިން މަސް ދުވަހު އަހަރެމެން ތ. އަތޮޅުގައި ޝޫޓް ކުރާނަން. ފިލްމުގެ ލޮކޭޝަން ހަންޓް ކުރަން އަންނަ ހަފުތާގެ ތެރޭގައި އެ އަތޮޅަށް ޓީމެއް ފުރާ ގޮތަށް ވެސް އޮތީ ހަމަޖެހިފައި،" ފައިސަލް ބުންޏެވެ.
"ހައްޔަރު" ގައި ހިމެނޭނީ ދެ ލަވަ އެވެ.
"މީ ދެ ލަވަ ވަރު އިންނާނީ. ލިޕް ސިންކް ކުރާ ކަހަލަ ލަވަތަކެއް ނުހުންނާނެ،" ފައިސަ؛ލް ބުންޏެވެ. "ސްޓޯރީއާ ގުޅިގެން އަންނަ ކަހަލަ ލަވަތަކެއް ފިލްމުން ފެންނާނީ."
އަލަތު ޑައިރެކްޝަނަކަށް ފައިސަލް ތައްޔާރުވަމުން އަންނަ އިރު، އޭނާ ބުނީ ފިލްމް ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ފީޗާ ފިލްމެއްގެ ޑައިރެކްޝަނަކާ ހަމައަށް މިއާދެވުނީ މިހާތަނަށް ފިލްމީ މަސައްކަތްތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއްގެ އެކްސްޕީރިއަންސާ ވެސް އެކު،" މަޖާ ރޯލްތައް ކުޅެން މޮޅު އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަފަ ކުރާ އެކްޓަރު ބުންޏެވެ. "އެހެންވީމާ މިހާރު އެކުގައި މަސައްކަތް ވެސް ކުރާ ޓީމާ އެކު، ހަމަ ވަރަށް ރަނގަޅު، ފުރިހަމަ މަސައްކަތްތަކެއްކޮށްލެވޭނެ ކަމަށް ގަބޫލު ކުރަނީ. ޔަގީނުން ވެސް އެއްޗެހިތަކެއް ދަސްވެގެން މި މަސައްކަތަށް މި ނުކުންނަނީ."
ފައިސަލް ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނެ ފިލްމަކީ އޭނާ ފުލުހެއްގެ ރޯލުން ފެނިގެންދާ "ދެވަންސޫރަ" އެވެ.