ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު މުހައްމަދު ފައިސަލް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރު ވާން ފަށައިފި އެވެ.

މިދިޔަ އަހަރު "ވާށޭ މަށާއެކީ" އާއި "4426" އާއި "ބައިވެރިޔާ" އިން ފެނުނު އެކްޓަރު ބުނީ އޭނާގެ ފުރަތަމަ ޑައިރެކްޝަނަކީ އަހުމަދު ޒަރީޒްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެއް ކަމަށެވެ.

ފިލްމްގެ ވަގުތީޓައިޓްލްއަކަށް ހަމަޖައްސައިފައި ވަނީ "ސޮރީ" އެވެ.

"ސްކްރީންޕްލޭގެ މަސައްކަތް ޒަރީރު މިހާރު ފަށާފައި އޮތީ. ޕްލޭންކޮށްފައި މިއޮތީ އަންނަ މަހުގެ ތެރޭގައި ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް ނިންމައި، ރޯދައިގެ ކުރިން ފިލްމުގެ ޝޫޓިން ފަށަން،" އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައި، އެ ސްޓޫޑިއޯ އިން ހަދާ ފިލްމާ ބެހޭ ގޮތުން ފައިސަލް ބުންޏެވެ. "ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް އެހާ ތަނަށް ނިންމާ ނުލެވިއްޖެ ނަމަ، ރޯދައިގެ ފަހުން ފިލްމުގެ ޝޫޓިން ފަށާނީ."

ސްޓޫޑިއޯ ރަޖިސްޓްރީ ކުރަން މިހާރު އޮތީ ހުށަހަޅައިފަ އެވެ.

ފައިސަލް ބުނީ "ސޮރީ" އަކީ މުޖުތަމައު ތެރޭގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މަސްހުނިކޮށްލައިގެން ހަދާ ފިލްމެއް ކަމަށެވެ. ހުރިހާ ރަހައެއް ވެސް އެކުލެވޭ ފިލްމުގެ މައިގަނޑު ޕްލޮޓަކީ ލޯބި ހޯދަން ކަމާކަންފަށާ މަސައްކަތް ކުރަން ނުޖެހޭ ކަމާއި ވަގުތު ޖެހުމުން އެކަން ވާން އޮތް ގޮތަކަށް ވާނެކަން ދައްކައި ދިނުމެވެ.

"ރިއަލް ލައިފް ސިޗްއޭޝަންތަކެއް ހުރިހާ އެންމެންނާ ވެސް ރިލޭޓްވާ ކަހަލަ ގޮތަކަށް ފިލްމުން ފެނިގެން ދާނީ. ބެލުންތެރިން ބަލާ ހިތްވާ، އެންޖޯއި ކުރާ ކަހަލަ ފިލްމަކަށް ފިލްމް ހަދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" މީގެ ކުރިން ގިނަ އަދަދެއްގެ ޓީވީ އިޝްތިހާރުތައް ވެސް ހަދާފައިވާ އެކްޓަރު ބުންޏެވެ. "ފުރަތަމަ ޑައިރެކްޝަން ވީމަޔާ އެއްކޮށް މިއަށް ވަރަށް ބޮޑަށް އެބަ ތައްޔާރުވަން."

ފައިސަލް: އޭނާ ބުނީ އަމިއްލަ އުފެއްދުންތަކެއް ގެނެސް ދޭން ބޭނުންވާ ކަމަށް.
ފައިސަލް: އޭނާ ބުނީ އަމިއްލަ އުފެއްދުންތަކެއް ގެނެސް ދޭން ބޭނުންވާ ކަމަށް.

"ސޮރީ" ޑައިރެކްޓް ކުރުމުގެ އިތުރަށް އޭގެ ލީޑް އެކްޓަރަކީ ވެސް ފައިސަލެވެ. މި ފިލްމުގެ ފައިސަލްގެ ތަފާތު އުމުރުފުރާތަކެއް ފެނިގެން ދާނެ އެވެ. އެއީ 18-30 އަހަރާ ދެމެދު އެވެ. އެހެންވެ ހަށިގަނޑަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

"ފިލްމުގައި ފަސް ވަރަކަށް ބަތަލާއިން ހިމެނޭނެ. ބޮޑަށް މި ބަލަނީ އާ ކުދިންތަކެއް ނެރެވޭތޯ. ދެން ސަޕޯޓިން ރޯލްތަކުން ހަމަ މިހާރުގެ ބައެއް އެކްޓަރުން ފެނިގެން ދާނެ،" އޭނާ ބުންޏެވެ.

"ސޮރީ" އަކީ މި އަހަރު ސްކްރީނަށް ގެންނަން އަމާޒު ހިފާފައިވާ ފިލްމެކެވެ.

"އުންމީދު ކުރެވޭ އަހަރުގެ ފަހުކޮޅު ފިލްމް އެޅުވޭނެ ކަމަށް." ފައިސަލް ބުންޏެވެ.

އޭނާ އަދި ބުނީ މިހާރު ބޭނުން ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް ވުޖޫދަށް ގެނައުމަށް ފަހު، ފެންވަރު ރަނގަޅު، ރީތި އަދި ތަފާތު ޖޯންރާތަކުގެ ފިލްމްތަކެއް ބެލުންތެރިންނަށް ގެނެސް ދިނުން ކަމަށެވެ.

އެގޮތުން "ސޮރީ" އަށް ފަހު، ސަތޭކަ ޕަސެންޓް ކޮމެޑީއެއް ގެނެސް ދޭން ވަނީ ހިޔާލުކޮށްފަ އެވެ.

"ފުލް ފުލެޖް ކޮމެޑީއެއް ހަދާލުން އެއީ ވަރަށް ބޮޑު ޑްރީމެއް. މި ފަށަން އުޅޭ ޕްރޮޖެކްޓް ނިންމާފައި، ދެން އުޅޭނީ އެކަމާ،" ފައިސަލް ބުންޏެވެ.