"އިންތިހާ" އަންނަ އަހަރު އަޅުވަން ނިންމައިފި

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރެއިން ވަރަށް ވަރަށް އުންމީދީ އެއް ފިލްމެއް އަދި ރިލީޒް ނުވެ އެބަ އޮތެވެ. އެއީ 2011 ގައި ސްރީ ލަންކާގައި ޝޫޓް ކުރި "އިންތިހާ" އެވެ. މި ފިލްމް 2013 ގައި ރިލީޒް ކުރަން ޕްލޭން ވެސް ކުރި އެވެ. އެކަމަކު އަދިވެސް ބެލުންތެރިންނާ ހަމަޔަށް ގެނެވޭ ގޮތެއް ނުވެ އެވެ.


އެކަމަކު އަންނަ އަހަރު "އިންތިހާ" ސްކްރީނަށް ގެންނަން މިހާރު ވަނީ ނިންމައިފަ އެގވެ. ކުރީގެ އެކްޓަރު ހުސައިން ސޮބާހްގެ އިލެވެން އިލެވެން ޕްރޮޑަކްޝަނުން ހަދާފައިވާ "އިންތިހާ" އަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ސަސްޕެންސް ތުރިލާއެކެވެ.

ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޔޫއްޕެ އާއި އޭނާގެ ކުރީގެ އަންހެނުން ފާތުމަތު ފަރީލާ އާއި މުހައްމަދު ފައިސަލްގެ އިތުރުން މަރިޔަމް އަފީފާ އެވެ. އަދި ފިލްމްގެ މުހިއްމު ރޯލަކުން ސޮބާ ވެސް ފެންނާނެ އެވެ.

"އިންތިހާ" ގެ ދެ ޓީޒާ ޓްރެއިލާއެއް މީގެ ކުރިން ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. އެ ޓީޒާތަކުން ވެސް ފެންނަ ގޮތުގައި މި ފިލްމަކީ ލޯބީގެ ތަފާތު ރަހަތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އަހަރަށެވެ.

ފައިސަލް ބުނީ ސޮބާގެ އަތުން ފިލްމް ނަގައިގެން، އަންނަ އަހަރު ސްކްރީނަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މަސައްކަތް ނިމިފައި އޮންނަތާ ދުވަސްތަކެއް ވިޔަސް، އިންތިހާއަކީ އަހަރެމެން ވެސް ލުކްފޯވާޑް ކުރާ ފިލްމެއް. އެއީ ޔޫއްޕެގެ ހަމަ ވަރަށް ސަޅި މަސައްކަތެއް،" އޭނާ ބުންޏެވެ. "އެހެންވެ މިހާރު މަސައްކަތް ކުރަމުން މި އަންނަނީ އަހަރުގެ ތެރޭގައި ފިލްމް ސްކްރީނަށް ގެންނަން."

"އިންތިހާ" ރިލީޒް ކުރަން އަމާޒު ހިފާފައިވާ އިރު، އެ ފިލްމްގެ ދެ ބަތަލާއިން ކަމަށްވާ ފަރީލާ އާއި އަފީއަކީ މިހާރު ފިލްމީ ދާއިރާ އިން ވަރަށް ނުފެންނަ ދެ ބަތަލާއިންނެވެ.

އެކަމަކު މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި އަފީގެ އެހެން ފިލްމެއް ވެސް އަންނަ އަހަރު އަޅުވަން ވަނީ ހަމަޖެހިފަ އެވެ. އެއީ ވިނީލް ސްޓޫޑިއޯގެ "ބާކީވެފާ" އެވެ.