12 ނޮވެމްބަރ 2017 - 06:40
ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި އައިޝްވަރިޔާ ރާއީގެ ފިލްމުތައް ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ސަލްމާންގެ "ރޭސް 3" އާއި އައިޝްވަރިޔާގެ "ފެނީ ޚާން" ރިލީޒްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖޫން 15ގަ އެވެ. މިއީ މި ދެ ފިލްމު ވެސް ބުކް ކޮށްފައިވާ ތާރީހެވެ.
"ފެނީ ޚާން" ރިލީޒްކުރާ ތާރީޚަކީ 15 ޖޫން ކަން ޔަގީންކޮށްދެމުން ޕްރޮޑިއުސަރު ބުނީ މިި ފިލްމުގެ ލީޑް ކެރެކްޓާއަކީ މުސްލިމަކަށް ވާތީ އީދު ދުވަހާ ދިމާކޮށް ފިލްމު ރިލީޒްކުރަން އެ ތާރީހު ކަނޑައެޅީ ކަމަށެވެ. ޖޫން 15 ދިމާވަނީ ކުޑަ އީދަށެވެ.
ސަލްމާނަކީ އަބަދުވެސް އީދު ދުވަހު ފިލްމު ރިލީޒްކުރަން ސަމާލުކަން ދޭ އެކްޓަރެކެވެ. އެގޮތުން އަންނަ އަހަރު އަންނަ ފުރަތަމަ އީދު އޭނާ އޮތީ "ރޭސް 3" އަށް ބުކް ކޮށްފަ އެވެ.
ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރާ ނަމަ ކޮންމެވެސް އެއް ފިލްމަކަށް ވަަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެ އެވެ.
ސަލްމާނަކީ ބޮކްސް އޮފީީހުގައި ކާމިޔާބީތައް ހޯދުމުގައި ދެ ވަނައެއް ނެތް އެކްޓަރެއް ނަމަވެސް އައިޝްވަރިޔާ އާއި އަނިލް ކަޕޫރުގެ ފޭނުން ވެސް ވަކިން މަދެއް ނޫނެވެ. ހަމަގައިމު ވެސް "ފެނީ ޚާން"ގެ ޕްރޮޑިއުސަރުންނަށް އެ މީހުންގެ ފިލްމު ރަނގަޅަށް ހިނގާނެ ކަމާ މެދަކު ޝައްކެއް ނެތެވެ.
"ރޭސް 3"ގެ ޝޫޓިން ސަލްމާން ވަނީ މި ހަފުތާ ތެރޭ ފަށައިފަ އެވެ. އަދި އައިޝްވަރިޔާގެ ފިލްމު "ފެނީ ޚާން"ގެ ޝޫޓިން ވެސް ވަނީ ފަށައިފަ އެވެ. ނަމަވެސް ފިލްމުގައި ބައިވެރިވާ ދެ އެކްޓަރުންގެ ތެރެއިން ރާޖްކުމާރު ރާއޯގެ ފަޔަށް އަނިޔާވުމުގެ ސަބަބުން ފިލްމުގެ ޝޫޓިންއަށް ވަނީ ބުރޫ އަރާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy