ޔޫއެންގެ ޑިފެންސް މިނިސްޓީރިއަލް ކޮންފަރެންސްގައި ޖޮލީ ވާހަކަ ދައްކަނީ.
17 ނޮވެމްބަރ 2017 - 06:24
މަސައްކަތް ކުރާ ހުރިހާ ދާއިރާއަކުން ވެސް އަންހެނުންނަށް އިހާނެތިކޮށް އަމަލުކުރުމާއި ޖިންސީ ފުރައްސާރަ ކުރިމަތިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ބުނެފި އެވެ.
ކެނެޑާގެ ވެންކޫވާގައި މިހާރު ކުރިއަށްދާ އދ. ގެ ޑިފެންސް މިނިސްޓްރީއަލް ކޮންފަރެންސްގައި ޔޫއެންގެ ޕީސް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޖޮލީ ބުނީ އޭނާ މަސައްކަތް ކުރާ ހޮލީވުޑްގެ އިތުރުން އަންހެނުންނަށް އެ މީހުން މަސައްކަތް ކުރާ ހުރިހާ ދިމާލަކުން ވެސް ޖިންސީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ހޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ދާދި ފަހުން ފެންމަތިވި ޖިންސީ މައްސަލަތަކާ ގުޅިގެން، އޭނާއާ ދެކޮޅަށް ވެސް ވާހަކަ ދެއްކި ބަތަލާ ބުނީ ވިޔަފާރި އާއި އަސްކަރިއްޔާ އާއި ސިޔާސީ ދާއިރާގެ އިތުރުން ޔުނިވަސިޓީތަކުގައި ވެސް މި މައްސަލަ އެބަ އޮތް ކަމަށެވެ.
"އެކަމަކު އަންހެނުނަށް ކުރާ މިފަދަ ފުރައްސާރަތަކަކީ ބައެއް މީހުންނަށް އެހާ ބޮޑު ކަމަކަށް ނުވޭ. އެއީ ހަމަ އާދައިގެ ކަމެއްގެ ގޮތުގައި ބެލިފައި މި އޮންނަނީ،" މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން ބުންޏެވެ.
ޖޮލީ ބުނީ އަންހެނުންނަށް ފުރައްސާރަ ކުރާ ފިރިހެނުންނަކީ އުޅުމެއް ނެތް އަނިޔާވެރި ބައެއް ކަމަށާއި އެފަދަ މީހުންނާ ދޭތެރޭ ސީރިއަސް ވާން ޖެހޭނެ ކަމަށެވެ.
"އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ހެދި އެ މީހުންނަށް ލިބެންވާ ހަމަހަމަ ހައްގުތައް ހޯދުމުގައި ވެސް ހުރަސްތަކެއް އެބަ ކުރިމަތި ކުރުވާ،" އޭނާ ބުންޏެވެ.
ޖޮލީ ބުނި ގޮތުގައި އަންހެނުންނަށް ކުރިމަތިވާ ފުރައްސާރައިގެ ވާހަކަތައް ނުދައްކައި ހިމޭނުން ތިބުމަކީ ހައްލެއް ނޫނެވެ. އަދި ކެރިގެން ނިކުމެ އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ހިތްވަރު އަންހެނުން ހޯދަން ޖެހޭ ކަމަށް ބުންޏެވެ.
"އެހެންވީމާ އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ކުރިމަތިވާ ކަމަށް ވަންޏާ އެ ވާހަކަތައް އަންހެނުން ދައްކަން ޖެހޭނެ. އެއީ އެ މީހުންގެ އިންސާނީ ހައްގެއް ވެސް މެ،" ޖޮލީ ބުންޏެވެ. "ދުނިޔެއަކީ އަމާން ތަނަކަށްވާތީ އަންހެނުންނަށް ވެސް އެ މީހުންގެ ހައްގު މަގާމު ދީގެން. އެ މީހުންގެ ކަރާމަތާއި އިއްޒަތަށް ވެސް އިހުތިރާމުކޮށްގެން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމަ
17 November 2017
ޗަބުނީ ހަމަ ހެޔޮކޮށް.