މަޖޫއަކީ މި ފަހަރުގެ އެވޯޑްސްގައި އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު އަންހެން ފަންނާނު ވެސް މެ.
މަޖޫ: ތިން ފިލްމަކުން މޮޅު ބަތަލާގެ އެވޯޑަށް ވާދަ ކުރޭ.
14 ޑިސެމްބަރ 2017 - 06:19
ކުރިއަށް އޮތް އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތަކަށް ބަލާއިރު، ޒުވާން ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އުޅެނީ ވަރަށް ކުރީގަ އެވެ.
ފިލްމީ ދާއިރާއަށް 2014 ގައި ނިކުތް ބަތަލާގެ ތިން ފިލްމެއް އެވޯޑްގައި ވާދަ ކުރާ އިރު، އޭނާ ވަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ އެ ތިން ފިލްމުން ވެސް އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓްވެފަ އެވެ.
އެއީ މަޖޫގެ ފުރަތަމަ ފިލްމް "ހުޅުދާން" އާއި ދެވަނަ ފިލްމް "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ އިތުރުން ތިން ވަނަ ފިލްމް "ވާށޭ މަށާއެކީ" އިންނެވެ. ތިން ފިލްމުން އެންމެ މޮޅު ބަތަލާގެ މަގާމަށް އޭނާ ވާދަ ކުރުމަކީ ގަބޫލު ކުރެވޭ ގޮތުން އެވޯޑް ވެސް އުފުލައިލާނެ ކަމަށް ބާރުދޭ ކަމެކެވެ.
މަޖޫއާ އެކު ދެން އެންމެ މޮޅު ބަތަލާގެ ކެޓަގަރީ އަށް ވާދަ ކުރަނީ ފިލްމް "އާދޭސް" އިން ނިއުމާ މުހައްމަދާއި "މިކޮއެ ބައްޕަ ބައޭބައޭ" އިން އައިޝަތު ރިޝްމީ އެވެ. މި ތަރިންނާ މަޖޫ ވާދަ ކުރާ އިރު، އެންމެ ބޮޑު ވާދަވެރި ކަމެއް އޮންނާނީ ރިޝްމީ ކުޅުނު ރޯލާ ކަމަށް ގަބޫލު ކުރެވެ އެވެ. ރަވީ ފާރޫގް ޑައިރެކްޓް ކުރި "މިކޮއެ ބައްޕަ ބައޭބައޭ" ގައި މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި މޮޅު ބަތަލާގެ މަގާމު ހޯދި ރިޝްމީ ވަނީ ވަރަށް ތަފާތު ރޯލަކުން އެހާމެ މޮޅު އެކްޓިއެއް ދައްކައިފަ އެވެ.
މަޖޫގެ ތިން ފިލްމްގެ ތެރެއިން "ހުޅުދާން" އަކީ އޭނާ ވެސް ވަރަށް ވަރުގަދަ ރޯލެއް ކުޅެފައިވާ ފިލްމެކެވެ.
ތިން ފިލްމަކުން މޮޅު ބަތަލާ އަށް ވާދަ ކުރާތީ މަޖޫގެ އުންމީދު ހުރީ ކިހެނެއްތޯ ބަލައިލުން ވެސް މި ދަނޑިވަޅުވައި ވަރަށް މުހިއްމެވެ.
"ވަރަށް އުފާވެފައި މި ހުރީ. މިއީ ފިލްމީ ދާއިރާ އަށް ނިކުތް ފަހުން، އަހަރެންގެ ފިލްމްތަކެއް އެވޯޑްގައި ވާދަ ކުރާ ފުރަތަމަ ފަހަރު ވެސް މެ،" މަޖޫ ބުންޏެވެ. "އެންމެ އުފާވަނީ ކުޅުނު ތިން ފިލްމުން އެންމެ މޮޅު ބަތަލާ އަށް ނޮމިނޭޓްވުމުން. އަހަރެން ގަބޫލު ކުރަނީ ނޮމިނޭޓްވުމަކީ ވެސް ހަމަ އެވޯޑް ލިބުން ކަހަލަ ކަމެކޭ."
އޭނާ ބުނީ ތިން ފިލްމަކުން މޮޅު ބަތަލާ އަށް ވާދަ ކުރިޔަސް އެވޯޑަށް އެހާ ބޮޑަށް އުންމީދު ނުކުރާ ކަމަށެވެ.
"އަނެއްކޮޅުން ވާދަ ކުރަން މި ތިބީ މަޖޫ އަށް ވުރެ މޮޅު ދެ ބަތަލާއިން. ނިއުމާ އާއި ރިޝްމީއާ ހަގީގަތުގައި ވާދަ ކުރެވޭ ހިސާބެއްގައެއް ވެސް ނޫން މަޖޫ އަދި މިހުރީ،" މަޖޫ ބުންޏެވެ. "އަދި ވަރަށް އާ ވެސް މެ ދާއިރާ އަށް. އެހެންވެ އެހާ ބޮޑަކަށް އެވޯޑް ލިބޭނެ ކަމަކަށް އުންމީދެއް ނުކުރަން."
އޭނާ ބުނީ ފިލްމްތައް އެވޯޑަށް ހުށަހެޅި އިރު ކޮންމެވެސް ދިމާލަކުން ނޮމިނޭޓް ވާނެ ކަމަށް އުންމީދު ކުރި ކަމަށެވެ.
"ތިން ފިލްމުން ވާދަ ކުރިޔަސް، އެވޯޑް ލިބޭނެއެކޭ ބުނާކަށް ނުކެރޭނެ. އެކަމަކު ހަމަ ވަރަށް އެކްޒައިޓްވެފައި މި ހުރީ،" ފިލްމީ ދާއިރާގެ އެންމެ އުންމީދީ ބަތަލާއިންގެ ތެރޭގައި ހިމެނޭ މަޖޫ ބުންޏެވެ. "ދެން ވާ ގޮތެއް ބަލަން ވެސް ބޭނުންވެފައި މިހާރު މިހުރީ. އެވޯޑް ލިބިއްޖެއްޔާ ހަމަ ވަރަށް ވަރަށް އުފާވާނެ."
ޑާކް ރެއިނުން އަންނަ މާޗް 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" ގެ ވެސް ބަތަލާ މި ފަހަރުގެ އެވޯޑްގައި ނޮމިނޭޓްވީ ހަމައެކަނި އެންމެ މޮޅު ބަތަލާގެ ކެޓަގަރީން އެކަންޏެއް ވެސް ނޫނެވެ. މަޖޫ ވަނީ އެންމެ މޮޅު އާ ބަތަލާ (ހުޅުދާން) އެންމެ މޮޅު މޭކަޕް (ހުޅުދާން/ވާށޭ މަށާއެކީ)، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން (ހުޅުދާން/ވާށޭ މަށާއެކީ) އިން ވެސް ނޮމިނޭޓްވެފަ އެވެ.
އެހެންވެ އަށް ވަނަ ފިލްމް އެވޯޑްސްގައި މި ފަހަރު އެންމެ ގިނަ ނޮމިނޭޝަން ލިބުނު އަންހެން ފަންނާނަކީ ވެސް މަޖޫ އެވެ. އެއީ ޖުމްލަ އަށް ނޮމިނޭޝަނާ އެކުގަ އެވެ.
ފިލްމީ ކެރިއަރުގެ ފުރަތަމަ އެވޯޑް ހަފުލާއާ އެކު މަޖޫ އަށް އުފުލައި ލެވެނީ ކޮންކޮން އެވޯޑްތަކެއްތޯ އާއި ކިތައް އެވޯޑްތޯ ބަލައިލަން ޖެހޭނީ މި މަހުގެ 19 އާ ހަމައަށް އިންތިޒާރުކޮށްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޒަ
16 December 2017
މަޖޫ މޮޅު ބަޓް އައްޒަ މާ މޮޅު.. ހަމަ ބަޔަކު ފޭވާ ކޮށްގެން ހޮވާފަ ހުރި ނޮމިނޭޝަން ތަކެއް
ޝިރުޒިމަތު
16 December 2017
ކެއްހ!!!!! މަޖޫ އެކްޓިން ބަލާލިންތަ؟ ސޯ ނެޗުރަލް. އައްޒަ ގެ ތިކިޔާ މޮޅު އެކްޓިންގ ގަ ނުހުރޭ އެއްވެސް އަސަރެއް. މަޖޫގެ އެކްޓިންގ ހާދަ އަސްލޭ. ޑައިލޮގް ޑެލިވަރީ އަށް ބެލިއަސް އެހާ ސްމޫތް އެހާ ރިއަލް މަޖޫގެ. އައްޒަ ގެ ހުންނަނީ އާރޓިފިޝަލް ގޮތްގަނޑެއް. ސީމްސް ލައިކް އައްޒަ އިޒް ޓްރައިން ވޭ ޓޫ މަޗް. :ޕ
ޢަލީބަލީ
16 December 2017
މަޖޫގެ ހުންނަނީ ނެޗްރަލް އެކްޓިންއެއް. މަރިޔަމް ނިޝާއަށްފަހު ފިލްމް އިންޑަސްޓްރީއަށް އައި އެންމެ ހުނަރުވެރި އެކްޓަރެސް.
ފަންނާނު
14 December 2017
ހޫނު މަރުހަބާއެއް މަޖޫ.. އެހެން ތަރިންނަށް ތި ކުރި އިހްތިރާމުންވެސް މަޖޫގެ ހިތްހެޔޮ މިޒާޖު އެނގިއްޖެ. މި އެވޯޑު، މަޖޫއަށް ލިބޭނެކަމަށް ވަރަށް އުއްމީދު ކުރެވޭ
ޢައިސަ
14 December 2017
3 ފިލްމުން ނޮމިނޭޓުވީމަ ޕޮއިންޓް ގިނަވާނެތާ
ފޭން
14 December 2017
ތީ ފިލްމީ ދާއިރާގެ މުސްތަގްބަލް. އެކްޓްރެސްގެ އެވޯޑް ހުޅުދާންއިން މަޖޫޢަށް ހައްޤު.. އޯލް ދަ ބެސްޓް