ޝާހުރުކް ހާނާއި އާމިރު ހާން
20 ޑިސެމްބަރ 2017 - 06:13
އިންޑިއާގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ހަޔާތުގެ މައްޗަށް ހަދާ "ސެލިއުޓް"ގައި އޭނާގެ ރޯލު އަދާކުރަން ކުރި ހަމަޖެހިފައި އޮތީ އާމިރު ޚާނެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފިލްމު ކުޅެވެން ނެތުމުން ޝާހްރުކް ޚާނާ ބައްދަލުކޮށް އާމިރު އެދުނީ އެ ފިލްމު ކުޅެދިނުމަށެވެ.
ޝަރުމާ އަކީ އިންޑިއާ އިން ފުރަތަމަ ޖައްވަށް ދިޔަ އެސްޓްރޮނޯޓް ކަމަށް ވާތީ އޭނާގެ ބައި ކުޅެން ކޮންމެ އެކްޓަރަކު ވެސް ބޭނުންވާނެ އެވެ. ނަމަވެސް އޭނާ އަމިއްލަ އަށް އުފައްދާ ފިލްމުތަކުގައި ނޫނީ ބައިވެރިނުވާން ނިންމާފައި ކަމަށް ވާތީ އޭނާއަށް އެ ފިލްމު ކުޅެން އެއްބަސް ނުވެވުނީ އެވެ.
ސިދާރްތު ރޯއި ކަޕޫރު ޕްރޮޑިއުސްކޮށް މަހޭޝް މަތާއީ ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރިޕްޓް އާމިރަށް ވެސް ވަރަށް ކަމުދިޔަ އެވެ. އޭނާ ޝާހްރުކާ ބައްދަލުކޮށް ފިލްމާ ބެހޭ ތަފްސީލު ކިޔައިދީ އެ ފިލްމު ކުޅެން ޝާހްރުކް އެއްބަސްކުރުވީ ވެސް އެއީ ވަރަށް ރަނގަޅު ފިލްމެއް ކަމަށް ގަބޫލުކުރެވިގެންނެވެ.
ޝާހްރުކް މިހާރު ވަނީ ފިލްމު ކުޅެން ސޮއިކޮށްފަ އެވެ.
"ސެލިއުޓް" އަކީ ޝާހްރުކްގެ ފުރަތަމަ ސްޕޭސް ފިލްމެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ސްވަދޭޝް"ގައި ނާސާ އިންޖިނިއަރެއްގެ ރޯލު ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy