ދިވެހި ފިލްމް އެވޯޑްސް: ނުވަ އެވޯޑާއެކު އެންމެ މޮޅު ފިލްމަކަށް "ވާށޭ މަށާއެކީ"

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި 21 ކެޓަގަރީއަކުން ނޮމިނޭޓްވެ، ޑާކް ރެއިން އެންޓަޓައިންޓްމެންޓްގެ ފިލްމް "ވާށޭ މަށާއެކީ" ޖުމްލަ ނުވަ އެވޯޑާ އެކު އެންމެ މޮޅު ފިލްމްގެ އެވޯޑް ރޭ އުފުލާލައިފި އެވެ.


އެ ފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އަލީ ޝިފާއު (ޗިއްޕެ) ގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ޖުމައްޔިލް ނިމާލް (ޖުމަލް) މޮޅު ބަތަލުގެ އެވޯޑާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން މި ރޮމޭންޓިކް ކޮމެޑީ އަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި ބެސްޓް އެޑިޓިން (ޗިއްޕެ)، ބެސްޓް އާޓް ޑިރެކްޝަން (ޗިއްޕެ، މޮގާ)، އެންމެ މޮޅު ކޮސްޓިއުމް (މަޖޫ)، އެންމެ މޮޅު ނެށުން (މަޖޫ)، ބެސްޓް ސައުންޑް އެޑިޓިން (މުހައްމަދު އިކްރާމް) އަދި އެންމެ މޮޅު އެޑިޓިން (ޗިއްޕެ) ހިމެނެ އެވެ.

އެންސީއޭ އިން 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯސްގެ އިތުރު ކެޓަގަރީތަކަށް ބަލާއިރު އެންމެ މޮޅު ސްކްރީންޕްލޭއަކަށް ހޮވުނީ އައިޝަތު ފުއާދު ތައުފީގް ލިޔެ، ޑައިރެކްޓް ކުރި "ހުޅުދާން" އެވެ. ޑާކް ރެއިންގެ މި ފިލްމަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި ބެސްޓް މޭކަޕް (މަޖޫ)، އެންމެ މޮޅު ޅެން (ތަކުރަށް ބަހެއް/ހުޅުދާން) އަދި އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ (ތަކުރަށް ބަހެއް/ފްލޫ ނާޝިދު/ހުޅުދާން) ހިމެނެ އެވެ.

އެވޯޑްސްގެ އިތުރު ވަނަތައް:

* އެންމެ މޮޅު ސަޕޯޓިން ބަތަލު: އަހުމަދު ސައީދު (އަހްޝަމް)

* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ޒީނަތު އައްބާސް (އަހްޝަމް)

* އެންމެ މޮޅު އާ ބަތަލާ: މަޖޫ (ހުޅުދާން)

* އެންމެ މޮޅު އާ ބަތަލު: ޖުމަލް (އަނިޔާ)

* އެންމެ މޮޅު އޮރިޖިނަލް ސޯންގް ފޯއެވާ އިން ލަވް (24 ގަޑިއިރު)

* އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ: އުނޫޝާ (ފޯއެވާ އިން ލަވް/24 ގަޑިއިރު)

* އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: އަހުމަދު ޝިނާން (4426)

* އެންމެ މޮޅު ސައުންޑް އެޑިޓިން: އިކްރާމް (މިކޮއެ ބައްޕަ ބައޭބައޭ)

* އެންމެ މޮޅު ބެކްމިއުޒިކް: އިކްރާމް (އެންމެ ފަހު ވިންދާ ޖެހެންދެން)

* އެންމެ މޮޅު ސިނަމަޓޯގްރަފީ: ޝިވާޒް އަބްދުﷲ (އަހްޝަމް)

ކުރު ފިލްމް ކެޓަގަރީ އަށް ބަލާ އިރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ ޑާކް ރެއިންގެ "ވޫޑޫ" އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އެ ފިލްމްގެ ޑައިރެކްޓަރު ޗިއްޕެ އެވެ. އެންމެ މޮޅު އެކްޓަރުގެ މަގާމު ޑާކްރެއިންގެ "ކަޝްފް" އިން އިބްރާހީމް ޖިހާދު (ޖިމީ) އަށް ލިބުނުއިރު އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ "ފަރިހިބެ 3" އިން ފާތުމަތު އާޒިފާ (އަޒޫ) އެވެ. އެންމެ މޮޅު ސަޕޯޓިން ބަތަލާއަކަށް ވެސް ހޮވުނީ އޭނަ އެވެ.

އެންމެ މޮޅު ސަޕޯޓިން ބަތަލަކަށް ހޮވުނީ "ވޫޑޫ" އިން އަހުމަދު ނަޝްހަތު އެވެ.

ކުރު ފިލްމް ކެޓަގަރީން އެންމެ މޮޅު ކެމެރާ އަދި އެޑިޓިންއަކަށް ވެސް ހޮވުނީ "ވޫޑޫ" އިން ޗިއްޕެ އެވެ.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ވަނީ ފިލްމީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ދެ ބޭފުޅަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދީފަ އެވެ. އެއީ "ނުފޮޅޭމާ" އާއި "އިންތިހާން" ފަދަ ފިލްމްގައް ގެނެސް ދެއްވި މުހައްމަދު މުސްތޮފާ ހުސައިނާއި ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ފަތިސްހަނދުވަރު" އާ އެކު ޖުމްލަ 26 ފިލްމް ގެނެސް ދެއްވި ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދެވެ.

މީގެ އިތުރުން ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ދެ ތަރިއަކު ރަން ވަނަތަކެއް ހޯދާފައިވާތީ އެ މީހުންނަށް ވެސް ހާއްސަ ހަނދާނީ ފިލައެއް ރޭގެ އެވޯޑްސްގައި ދިނެވެ. އެއީ މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި "ވިޝްކާ" އިން އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި އައިޝަތު ރިޝްމީ އާއި 2014 ގެ ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ފިލްމް "އިނގިލި" އިން ހޯދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

އޮލިމްޕަހުގައި ބޭއްވި އަށް ވަނަ ފިލްމް އެވޯޑްސް ހަފުލާގައި ބައެއް ފަންނާނުންގެ ސްޓޭޖް ޕާފޯމަންސްތަކެއް ވެސް ދައްކައިލި އެވެ. އޭގެ ތެރޭގައި ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް ވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ތަރިންނަށް ޓްރިބިއުޓެއް ދީފަ އެވެ. އަދި ބަތަލާ ޝީލާ ނަޖީބާއި އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) ގެ ޑާންސެއް ވެސް ގެނެސް ދިނެވެ.

މީގެ އިތުރުން ޖާދުﷲ އިސްމާއީލް (ޖާދު) އާއި އަޒޫގެ ހުށަހެޅުމަކާ އެކު ބަތަލާ ނިއުމާ މުހައްމަދަށް މަރިޔަމް އައްޒަ އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އިސްމާއީލް ޖުމައިހް (ޖުމާ) ވަނީ ޓްރިބިއުޓެއް ދީފަ އެވެ.