"ހައްދު"ގެ އާ ޝޯތަކެއް މިރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަން ފަށަނީ

މިދިޔަ އަހަރު އެޅުވި ކާމިޔާބު ފިލްމް "ހައްދު" ގެ އާ ޝޯތަކެއް މިރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަން ފަށާނެ އެވެ.


މި މަހުގެ ކުރީކޮޅުން ފެށިގެން ފިލްމްގެ ޓިކެޓް ވިއްކަމުން އަންނަ އިރު، މި ރެއިން ފެށިގެން 10 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ފިލްމީ ދާއިރާ ދޫކޮށްލި މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ވަދާއީ ފިލްމެވެ.

ސެޕްޓެމްބަރު، 6، 2017 ގައި އެޅުވި "ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަަކަށް ހަދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. މިރޭ އަލުން ދައްކަން ފަށާ އިރު، ކުރިން ފިލްމްގައި ނުހިމެނޭ ބައެއް މަންޒަރުތައް ވެސް ފެނިގެން ދާނެ އެވެ.

"ހައްދު"ގެ އިތުރު ޝޯތަކެއް އޮލިމްޕަހުގައި ދައްކާއިރު، ފިލްމް އެޅުވި ދުވަސްކޮޅު އޮލިމްޕަހާއި ޝްވެކް ދެ ސިނަމާގައި ފިލްމްގެ ޖުމްލަ 54 ޝޯ މާލެ ސަރަހައްދުގައި ދެއްކި އެވެ. އަދި މި ފިލްމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އާއި ރިސޯޓްތަކުގައި ވެސް ދައްކައިފަ އެވެ.

"ހައްދު" ގެ ޓްރެއިލާއެއް.

"ހައްދު" ގެ ކަންކަމާ މިހާރު ހަވާލުވެ ހުރި، ފިލްމްގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނެފައިވާ ގޮތުގައި ރަށްރަށުގައި ފިލްމް އަޅުވައި ދޭން އެދޭ ނަމަ، އެ ފުރުސަތު ވެސް އެބަ އޮތެވެ.

ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނެ އާ ފިލްމަކީ އަންނަ މަހުގެ 6 ގައި އަޅުވާ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އެވެ.