ޓޭލާ ސްވިފްޓް: އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލަ މި ފަހަރު ވެސް ކޯޓުން ވަނީ ބޭރުކޮށްލާފައި.
17 ފެބުރުއަރީ 2018 - 07:43
ލަވައެއްގެ ޅެމެއް ނަކަލު ކުރި ކަމަށް ތުހުމަތުކޮށް، ގެއްލުމުގެ ބަދަލު ނަގައި ދޭން އެދި، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ ދެކޮޅަށް ކެލިފޯނިއާގެ ފެޑެރަލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ޝޯން ހޯލް އާއި ނަތަން ބަޓްލާ، 28 އަހަރުގެ ލަވަކިޔުންތެރިޔާއާ ދެކޮޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެމެރިކާގެ އަންހެން ބޭންޑެއް ކަމަށްވާ 3އެލްޑަބްލިއު އަށް އެ މީހުން 2001 ގައި ލިޔެ ދިން ލަވަ "ޕްލަޔަސް، ގޮނަ ޕްލޭ އެންޑް ހޭޓާޒް، ދޭ ގޮނަ ހޭޓް" ލަވައިގެ ޅެން ސްވިފްޓް 2014 ގައި ނެރުނު ސިންގަލް "ޝޭކް އިޓް އޮފް" ގައި ނަކަލުކޮށްފައިވާ ކަމަށެވެ.
ޓޭލާގެ ލަވައިގައި "ކޯޒް ދަ ޕްލެޔާޒް ގޮނަ ޕްލޭ، ޕްލޭ، ޕްލޭ، ޕްލޭ، އެންޑް ދަ ހޭޓާޒް ގޮނަ ހޭޓް ހޭޓް ހޭޓް" މި ކަނޑިތައް ހިމެނޭތީ އެ މީހުން ބުނީ އެއީ ކޮޕީކުރުން ކަމަށެވެ.
ނަމަވެސް އަންގާރަ ދުވަހު ކޯޓުން މައްސަލަ ބޭރުކޮށްލަމުން ޖަޖް މައިކަލް ޑަބްލިއު. ފިޒްޖެރާލްޑް ބުނެފައި ވަނީ އެ ކަޑިތައް ލަވައިގައި ހިމެނިފައި އޮތުމަކީ ކޮޕީރައިޓްގެ ގާނޫނުގެ ދަށުން ލަވަ ނަކަލު ކުރި ކަމަށް ދައުވާ ކުރެވޭނެ ހުއްޖަތެއް ނޫން ކަމަށެވެ. އެހެންވެ ލަވަ ނަކަލު ކުރި ކަމަށް ސާބިތު ކުރެވޭނެ އިތުރު ހެކިތައް ހުރި ނަމަ، އެ ކަންތައްތައް ފާހަގަކޮށް މައްސަލަ އަލުން ހުށަހަޅަން ވަނީ ފުރުސަތު ދީފަ އެވެ.
Lhemeh copy kuri kamuge thuhumath Taylor Swift ah
The most trusted news source in the Maldives
Mihaaru
ޓޭލާއާ ދެކޮޅަށް ދައުވާ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި.
މިކަމާ ބެހޭ ގޮތުން ޝޯން އާއި ނަތަންގެ ވަކީލު ޖެރާޑް ފޮކްސް ބުނީ މައްސަލަ އަލުން ހުށަހަޅަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ޖަޖްގެ ނިންމުން އިސްތިއުނާފު ކުރަން ކަމަށެވެ.
ޝޯން އާއި ނަތަން "ޝޭކް އިޓް އޮފް" ގެ ޅެމުގެ މައްސަލާގައި ދައުވާ ކުރި އިރު، 2015 ވަނަ އަހަރު ލަވަކިޔުންތެރިޔާ ޖެސީ ގްރަހަމް ވެސް ހަމަ މި ލަވައިގެ ޅެމުގެ މައްސަލާގައި ދައުވާކޮށް، ޓޭލާގެ އަތުން 42 މިލިއަން ޑޮލަރު ނަގައި ދޭން ކޯޓްގައި އެދުނެވެ. އެކަމަކު އެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy