މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަން ޝޯތައް މިހާރު ނިމުމަކަށް އައީ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓީވީއެމުން ދައްކަން ފެށި އޮޑިޝަން ޝޯތައް ރޭ ނިންމައިލުމާ އެކު، ކުރިއަށް ދެން އޮތީ ތިއޭޓަ ރައުންޑެވެ.
މި ފަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮޑިޝަން ބާއްވައިގެން ތިއޭޓާ ރައުޑުން ފުރުސަތު ލިބުނީ 33 ބައިވެރިއަކަށެވެ. މާލެ އޮޑިޝަނުން 22 ބައިވެރިން ދަތުރު ކުރި އިރު، އައްޑޫ އޮޑިޝަނުން ފުރުސަތު ލިބުނީ ފަސް ބައިވެރިއަކަށެވެ. އަދި ރ. އުނގޫފާރު އޮޑިޝަނުން، ތިއޭޓަށް ރައުންޑަށް ދަތުރު ކުރެވުނީ ހަތަރު ބައިވެރިންނަށެވެ.
އޮޑިޝަންތައް ނިންމައިލި އިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ތިއޭޓަ ރައުންޑްގައި ގްރޫޕް ޕަފޯމަންސެއް ނުދީ، ސޯލޯ ހުށަހެޅުމަކަށް ދާން ވެސް ބައިވެރިއަކަށް ފުރުސަތު ވެސް ފަހިވެފައި އޮތް ކަމެވެ. އެއީ އަލަށް ތައާރަފު ކުރި ގޯލްޑެން މައިކް ފުރަތަމަ ފަހަރަށް ހާސިލްކުރި ހަމައެކަނި ބައިވެރިޔާ އައިމިނަތު ސައިނާ އެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ފޯރި އަދި އޮތީ އެވެ.
ދެ ބަޔަކަށް ބަހާލައިގެން ތިއޭޓަ ރައުންޑް ކުރިއަށް ގެންދާ އިރު، ފުރަތަމަ ބުރުގައި ބައިވެރިންގެ މެދުގައި ގްރޫޕްތަކެއް ބަހައިލުމަށް ފަހު، ގްރޫޕް ޕަފޯމަންސެއް ދޭން ޖެހޭނެ އެވެ. ގްރޫޕް ޕަފޯމަންސުން ހޮވޭ ބައިވެރިންގެ މެދުގައި ސޯލޯ ޕަފޯމަންސް ދިނުމަށް ފަހު، ޕިއާނޯ ރައުންޑަށް ދަތުރު ކުރާ 16 ބައިވެރިން އިއުލާން ކުރާނެ އެވެ. މި މަރުހަލާގައި ދެއްކޭ ހުނަރަކުން ނޫނީ ގާލާ ރައުންޑަށް ދާން ފުރުސަތެއް ވެސް ނުލިބޭނެ އެވެ.
އެހެންވެ ގާލާ ރައުންޑަށް 12 ބައިވެރިން ހޮވުމަކީ ޖަޖުންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ފަހަރުގެ ޖަޖުންގެ ޕެނެލުގައި ތިބީ އަލަށް ޕެނެލާ ގުޅުނު ޒާރާ މުޖުތަބާއާ އެކު، ކުރިން ވެސް ޖަޖްކަންކޮށްފައިވާ އިސްމާއީލް އައްފާނާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އަހުމަދު އިބްރާހީމް (އައްމަޑޭ) އެވެ.
ޓީވީއެމުން މޯލްޑިވިއަން އައިޑޮލްގެ ޝޯތައް ދައްކާނީ ހަފުތާ ބަންދުތެރޭގަ އެވެ. މި ފަހަރު ވެސް ޝޯ ހުށަހަޅައި ދޭނީ ކުރީ ދެ ސީޒަން ވެސް ހުށަހަޅައި ދިން ފިރިހެން ހޯސްޓް މޫސާ ވަސީމާއި މި ފަހަރު އަލަށް ޝޯ ހޯސްޓް ކުރަން ހަވާލުވި ޝައިނާ ޝަރީފެވެ.