މި އަހަރުގެ އޮފީސް ޑްރާމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މުބާރާތް ބާއްވާނީ މަދުވެގެން ފަސް އޮފީހަކުން ވާދަ ކުރާ ނަމަ ކަމަށް އެންސީއޭ އިން ބުނޭ.

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.


އެތަނުން ބުނީ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ އޮފީސްތަކަށް އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމަ އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތަށް އެދޭ ފޯމް އެންސީއޭ އިން މިހާރު އަންނަނީ ދޫކުރަމުންނެވެ. ޑްރާމާތަކުގެ މަސައްކަތް ނިންމައި، ކްލެސިފިކޭޝަން ސެޓްފިކެޓާއި ޓްރެއިލާއާ އެކު އެންސީއޭ އަށް ހުށަހަޅަން ޖެހެނީ މެއި 10ގެ ކުރިންނެވެ.

އޮފީސް ޓެލެޑްރާމާ އާންމުކޮށް ބާއްވަނީ މުބާރާތުގައި މަދުވެގެން ފަސް އޮފީހަކުން ބައިވެރިވާ ނަމަ އެވެ.

އެންސީއޭ އިން ދައުލަތުގެ މީޑިއާ ޓީވީއެމާ ގުޅިގެން ރޯދަ މަހު ގެނެސްްދޭ އޮފީސް ޓެލެޑްރާމާ މުބާރާތަކީ އަބަދު ވެސް ވަރަށް ވާދަވެރި އަދި ފެންވަރު ރަނގަޅު ޑްރާމާތަކެއް ގެނެސްދޭ މުބާރާތެއްކަން ފާހަގަކޮށްލެވެ އެވެ.

މުބާރާތުގައި 12 ކެޓަގަރީއަކުން އެވޯޑް ދޭ އިރު، ފަސް ކެޓަގަރީއަކަށް، ޓްރޮފީއާ އެކު ފައިސާގެ އިނާމު ވެސް ދެ އެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް 50،000ރ، އެންމެ މޮޅު ބަތަލު/ބަތަލާ އަށް 15،000ރ، އެންމެ މޮޅު ސަޕޯޓިން ބަތަލު/ބަތަލާ އަށް 10،000ރ. ގެ ފައިސާގެ އިނާމު ދޭނެ އެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފަންނާނުން އިތުރުކޮށް، ފަންނުވެރިންނަށް ހިތްވަރު ދީ، އަގުވަޒަންކޮށް، އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށް އެންސީއޭ އިން ބުންޏެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޑްރާމާ "ކަޅާއި ހުދު" ގެ ޓްރެއިލާއެއް.

ފިލްމީ ދާއިރާ އަށް ވެސް އާ ފަންނާނުންތަކެއް ނުކުންނަން މަގުފަހިވެގެން ދިޔަ އޮފީސް ޓެލެޑްރާމާ މުބާރާތް 2004 އިން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު، އަލުން މުބާރާތް ބާއްވަން ފެށީ 2015 އިން ފެށިގެންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކީ ސްޓެލްކޯގެ "ކަޅާއި ހުދު" އެވެ.