މޯލްޑިވިއަން އައިޑޮލް: ގާލާ ރައުންޑްގެ ފުރަތަމަ ހައެއް ކަށަވަރުވެއްޖެ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ބުރު ރޭ ނިންމައިލި އިރު، ގާލާ ރައުންޑުން ޖާގަ ހޯދި ފުރަތަމަ ހަ ބައިިވެރިން ކަށަވަރުވެއްޖެ އެވެ.


ގާލާ ރައުންޑްގެ ގަދަ 12 އިން ޖާގަ ހޯދި ފުރަތަމަ ހަ ބައިވެރިންނަކީ އައިޝަތު އަޒަލް ޒާހިރު، އަބްދުﷲ މުރްޝިދް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، ޝާން ޝަރީފް އަދި ގޯލްޑެން މައިކް ހާސިލް ކުރި ރައިހާން އާދަމެވެ.

މުބާރާތާ ވަކިވާން ޖެހުނު ދެ ބައިވެރިންނަކީ އަހުމަދު އިޝާމް އާއި ނިޝްފާ އެވެ.

ޕިއާނޯ ރައުންޑަށް ދަތުރު ކުރި 16 ބައިވެރިންގެ ތެރެއިން ކުރީ ރޭ ފުރަތަމަ ލަވަ ހުށަހަޅައި ދިން ބައިވެރިންގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރާ ބައިވެރިން ކަނޑައެޅިގެން ދިޔައީ އާންމުންނާއި ޖަޖުންގެ މާކްސް އެއްކޮށްލައިގެން އެންމެ ގިނަ ވޯޓް ލިބުނު ބައިވެރިންނަށެވެ. އެއީ އާންމުންގެ 50 ޕަސެންޓާއި ޖަޖުންގެ 50 ޕަސެންޓް ވޯޓުންނެވެ.

ގާލާ ރައުންޑުން ޖާގަ ނުލިބި ވަކިވާން ޖެހުނު ނިޝްފާ.

ރޭގެ ޝޯގައި ބައިވެރިން ހުށަހަޅައި ދިނީ ޑުއެޓް ލަވަތަކެވެ.

މި ހަފުތާވެގެން ދާނީ ގާލާ ރައުންޑަށް ދަތުރު ކުރާ އަނެއް ހަ ބައިވެރިން ކަށަވަރުވެގެން ދާ ހަފުތާއަަށެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ ބާކީ ތިބި އަށް ބައިވެރިން ލަވަތައް ހުށަހަޅައި ދޭނެ އެވެ. އެއީ ގޯލްޑެން މައިކް ހާސިލްކުރި އަނެއް ތިން ބައިވެރިން ކަމަށްވާ ސައިނާ ޝަހްދާން އަދި ޝަމީލްއާ އެކު ސަލްވާ، ތަސްލީމް، އިޝާން، ނާޒިހް އަދި ނައުޝާދެވެ.

ގާލާ ރައުންޑުން ފުރުސަތު ނުލިބި ވަކިވާން ޖެހުނު އިޝާމް.

ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑޮލް ތިނެއްގެ ހޯސްޓުންނަކީ މޫސާ ވަސީމާއި ޝާއިނާ ޝަރީފެވެ. ޖަޖުންނަކީ ޒާރާ މުޖުތަބާ، އިސްމާއިލް އައްފާން، މަރިޔަމް (ކިޑީ) އުނޫޝާ އަދި އަހުމަދު (އައްމަޑޭ) އިބްރާހީމެވެ.