"ތިޔަ ލޯތްބާ ދުރަށް" ގެ އާ ޓީޒާއެއް ދައްކާލައިފި

ޓެކްނޯ މީޑިއާ އިން އަންނަ މަހު ގެނެސްދޭ ފިލްމް "ތިޔަ ލޯތްބާ ދުރަށް" އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމްގެ އާ ޓީޒާއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.


ފިލްމްގެ ރަސްމީ ޕޯސްޓަރު ވެސް މިދިޔަ ހަފުތާގައި ދައްކާލައިފައިވާ އިރު، ފިލްމް ސިނަމާ އަށް އަންނާނީ އަންނަ މަހުގެ 21 ގަ އެވެ. "ތިޔަ ލޯތްބާ ދުރަށް" އަކީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް (މަރީ) މޫސާގެ އަމިއްލަ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަވަށްޓެރި ސްރީ ލަންކާގައި އެއްކޮށް ޝޫޓްކޮށްފައިވާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު (އަޒޭ) އަޒްމީލް އާއި މަލީހާ (މަލް) ވަހީދުގެ އިތުރުން ލަންކާގެ ބަތަލާ އުދޭނީ އެވެ. އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ތިޔަ ލޯތްބާ ދުރަށް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު (ޓޮމް) އަމަން އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ، ސުޖީތާ (ސުޖީ) އަބްދުﷲ އަދި އާރިފާ އިބްރާހީމް ހިމެނެ އެވެ.

އަންނަ މަހުގެ 21 ގައި ފިލްމް އޮލިޕަސް ސިނަމާގައި އަޅުވާ އިރު، މި ފިލްމް ރަށްރަށުގައި ދައްކަން ޝައުގުވެރިވާ ނަމަ، އެ ފުރުސަތު ވެސް ޓެކްނޯ މީޑިއާ އިން މިހާރު ވަނީ ހުޅުވާލައިފަ އެވެ.