ފިލްމު ހަދަން ލުއި ލޯނު ހަމަޖެހޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ: ޕީއެސްއެމް

ފިލްމް ހަދަން މާލީ ގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ލުއި ލޯނު ދޫކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީން ދީފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިރޭ ބުނެފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި މިހެން ބުނީ އޮލިމްޕަސް ސިނަމާ ޕީއެސްއެމްގެ ދަށަށް ބަދަލު ކުރުމަށް ފަހު، ފިލްމީ ދާއިރާގެ މީހުންނާ އެ ކުންފުނިން އާދީއްތަ ދުވަހު ބޭއްވި ބައްދަލުގައި ބައެއް ފަންނާނުން ސަރުކާރުގެ މާލީ އެހީތެރިކަމަށް އެދިފައި ވަނިކޮށެވެ.

ޕީއެސްމުން ބުނީ ފިލްމީ ދާއިރާ އަށް ފަންޑް ހޯދުމާ ގުޅޭ ގޮތުން އިކޮނިކް މިނިސްޓްރީއާ އެކު ހޯމަ ދުވަހު މަޝްވަރާ ކުރުމުން، ފިލްމީ މަސައްކަތްތަކަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމުތަމެއް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ޕީއެސްއެމުން ބުނީ ލޯނު ހަމަޖެއްސުމާ ބެހޭ ގޮތުން މިނިސްޓްރީ އާއި ޕީއެސްއެމުން އެއްބަސްވުމެއްގައި ސޮއި ކުރެވުމާ އެކު، ފިލްމު އިންޑަސްޓްރީ އަށް ލުއި ލޯނު ދޫކުރުމާއި ފަންނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެށުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ކަންކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް ސަރުކާރުގެ މާލީ އެހީތެރިކަން ފިލްމް ހެދުމުގެ މަސައްކަތްތަކަށް ދީފައިވެ އެވެ. އޭރު އެކަން ކުރީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަފޯމިން އާޓްސް (މާޕާ) މެދުވެރިކޮށެވެ.

ޕީއެސްއެމުން ފިލްމީ ދާއިރާގެ މީހުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ/ ޕީއެސްއެމް

އެކަމަކު އޭރު އެކަމާ ބައެއް ސްޓޫޑިއޯތަކާއި ޕްރޮޑިއުސަރުން އެހާ ގަބޫލެއް ނޫނެވެ. ސަބަބަކީ މާޕާގެ ތެރެއިން ފުރުސަތުތައް ލިބުނީ ވަކި ބަޔަކަށް ކަމަށް ތުހުމަތު ކުރެވި، އަމިއްލަ އަށް ހަރަދުކޮށްގެން ފިލްމްތައް ހަދާ މީހުންނަށް ސަރުކާރުން އެހީ ދީގެން ހަދާ ފިލްމްތަކާ ވާދަކުރުމުގައި ގޮންޖެހުންތަކެއް ހުރުމުންނެވެ.

ޕީއެސްއެމުން ބުނި ގޮތުގައި ފިލްމީ ދާއިރާ އަށް ލުއި ލޯން ދޫކުރުމަކީ މިހާރު ފިލްމް ހަދާ މީހުންނަށާއި އަލަށް މިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަށް ކުރިއަށް ދާން މަގުފަހިކޮށް ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.