ޝަހުދާން ބޭނުމީ އައްޑޫ ފަހުރުވެރިކޮށް ދޭން

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި އައްޑޫ ލަވަކިޔުންތެރިންގެ ނުފޫޒު ގަދަ އެވެ. މި ޝޯގެ ގަދަ 6 އާ ހަމައަށް ދިޔަ އިރު، މީގެ ތެރެއިން ތިން ބައިވެރިން ނިސްބަތްވަނީ އައްޑު އަށެވެ. އެއީ އައިޝަތު އަޒަލް އާއި ހަސަން ޝަހުދާނާއި ސައިނާ މުހައްމަދު ރަޝީދެވެ. އެކަމަކު ރޭގެ ޝޯގައި ޝަހުދާން ވަނީ ޝޯއާ ވަކިވާން ޖެހިފަ އެވެ.


އައިޑޮލްގައި މިހާތަނަށް އޭނާ ދައްކަމުން އައި ހުނަރަށް ބަލާއިރު، ޝަހުދާންއަކީ އެންމެ ވަރުގަދަ އެކެކެވެ. ގާލާ ރައުންޑާ ހަމައަށް ވެސް އޭނާ ދަތުރު ކުރީ ގޯލްޑެން މައިކާ ވެސް އެކުގަ އެވެ.

މިހާ ހިސާބުން ވަކިވާން ޖެހުނަސް، ޝަހުދާންގެ މިހާރު މާ ބޮޑު ހާސް ކަމެއް ނެތެވެ. އޭނާ ސިފަ ކުރަނީ އައިޑޮލްގެ މި ހިސާބުން ވަކިވާ ކޮންމެ ބައިވެރިއަކީ ހަމަ މުބާރާތް ކާމިޔާބުކޮށްގެން ދާ ބައިވެރިއެއް ކަމަށެވެ. އަައިޑޮލް ތިން ވަނަ ސީޒަނުން ޝަހުދާން ހުނަރު ދައްކައިލަން ފުރުސަތު ލިބުމުގެ ކުރިން އޭނާ ވަނީ މި ޝޯގެ ފުރަތަމަ ސީޒަންގެ އޮޑިޝަންގައި ވެސް ބައިވެރިވެފަ އެވެ. އެކަމަކު 2015 ގައި ބޭއްވި ޝޯ އިން ފުރުސަތު ނުލިބުނީ އެވެ.

ޝަހުދާން ގޯލްޑެން މައިކް ހޯދައި ޕިއާނޯ ރައުންޑަށް ދަތުރު ކުރި ލަވަ.

މި ސީޒަނުގެ ތަޖުރިބާއާ އެކު އޭނާ މިހާރު ނުކުންނަނީ ކުރިއަށް އޮތް ތަނުގައި މިއުޒިކީ ދާއިރާ އަށް ހިދުމަތް ކުރުމުގެ އަޒުމާ އެކުގަ އެވެ.

ރޭގެ ވަކިވުމަށް ފަހު ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ޝަހުދާން ފަހުރުވެރިކަމާ އެކު ބުނީ ބޭނުން ވަނީ މިއުޒިކީ ރޮނގުން އައްޑޫ ފަހުރުވެރި ވާނެ ކަހަލަ މީހަކަށްވާން ކަމަށެވެ. އަދި އައިޑޮލްގެ ދަތުރުގައި އައްޑޫ ރައްޔިތުން ދިން ތަރުހީބަށް ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

"ބޭނުން ވަނީ އައްޑޫ ފަހުރުވެރިވާ ވަރުގެ މީހަކަށް ވާން. ކުރިއަށް އޮތް ތަނުގައި ޝަހުދާންގެ ސްޓައިލްގެ، ޝަހުދާންވަންތަ އަމިއްލަ ރާގުގެ ލަވަތަކެއް ގެނެސް ދޭނަން،" އަބަދު ވެސް އަމިއްލަ ރާގުތަކަށް ވަރަށް ލޯބި ކުރާކަން ފާހަގަކޮށް ޝަހުދާން ބުންޏެވެ.

ޝަހުދާންގެ ލަވައެއް.

ލަވަކިޔަން ފެށުމުގެ ކުރިން ވެސް ގިޓާ ވެސް ކުޅެމުން އަންނަ ޒުވާން ހުނަރުވެރިޔާ ބުނި ގޮތުގައި އައިޑޮލް ޕްލެޓްފޯމަކީ ކުރިއަށް ދާން ލިބުނު ތަޖުރިބާއެކެވެ. އަދި އެއިން ދަސްވި އެއްޗެހި ކެރިއަރުގައި ބޭނުން ކުރާނެ ކަމަށް ބުންޏެވެ.

ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު (ޝައްމު) ޝައްމޫނާއި މޫޝަން (މުއްމު) މުބާރިކް އަދި އައިޑޮލްގެ ޖަޖުންގެ ތެރޭގައި ހިމެނޭ އިސްމާއީލް އައްފާންގެ ލަވަތައް އަބަދު ވެސް ފޮލޯކުރަމުން އަންނަ ޝަހުދާން ބުނީ ޝޯ އިން ވަކިވާން ޖެހުމުން އޭނާ އަށް އޮތް ބޮޑު މާޔޫސްއަކީ ލަވަ ކޯޗް މުހައްމަދު (ތޭރަވާ) އަބްދުލްޢަނީއާ ވަކިވާން ޖެހުން ކަމަށެވެ.

"އެއީ އެންމެ ބޮޑަށް މިސްވާނެ ކަމަކީ. ރޭ ސްޓޭޖްމަތީގައި ރޮވުނީ ވެސް ތޭރަ ސާ އައިސް ބައްދާލީމަ. ވަރަށް މިސްވާނެ. ދެން އައިޑޮލްގެ ބޭންޑްގެ ކުދިންނާއި ޝޯގެ ބައިވެރިންގެ މަތިން ވަރަށް ހަނދާން ވާނެ،" ޝަހުދާން ބުންޏެވެ.

ގަދަ 6 އާ ހަމައުން އައިޑޮލްގެ ދަތުރު ރޭ ޝަހުދާނަށް ކުރުކޮށްލަން ޖެހުމާ އެކު، ބައިވެރިންގެ އަދަދު މިހާރު ވަނީ 5 އަށް ތިރިވެފަ އެވެ. އެންމެ ފާހަގަކޮށްލެވެ ކަމަކީ މެޖޯރިޓީ މި ފަހަރު އަންހެން ބައިވެރިންކޮޅަށް ބުރަވުމެވެ. އެއީ ތިން އަންހެން ބައިވެރިންނާއި ދެ ފިރިހެން ބައިވެރިންނެވެ.

މޯލްޑިވިއަން އައިޑޮލް 3ގެ ގަދަ 5:

* ސައިނާ މުހައްމަދު ރަޝީދު

* ތަލްސީމް އަބްދުލް ކަރީމް

* މަރިޔަމް މައީޝާ

* ނައުޝާދު އަބްދުއްލަތީފް

* އައިޝަތު އަޒަލް ޒާހިރު

މޯލްޑިވިއަން އައިޑޮލް ތިނެއްގެ ރޭގެ ޝޯ ހާއްސަކުރީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ފަންނާނުންގެ ލަވަތަކަށެވެ. އޭގެ ތެރޭގައި ޖަމީލާ ހަސަން، ނައިފަރު ދޮހޮއްކޮ، މުހައްމަދު ރަޝާދު، މަސްއޮޑި ހުސެންފުޅު، ހައްވާ ފަރީދާ އަދި ޖޭމް ދޮންކަމަނަ ހިމެނެ އެވެ.

ރޭގެ ޝޯގައި ބައިވެރިންނާ އެކު ލަވަކީ ފަންނާނުން އައިޑޮލްހެ ހޯސްޓުންނާ އެކު.

އިއްޔެ ފާހަގަކުރި ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ސިފައިންގެ ބޭންޑްގެ އަކްރަމް ބައިވެރިވި އެވެ. އަދި މިދިޔަ އަހަރު އަވަހާރަވި ކުރީގެ ލަވަކިޔުންތެރިޔާ އަހުމަދު އާތިފްގެ ހަނދާނުގައި ހާއްސަ ޓްރިބިއުޓެއް ދިނެވެވެ. ބައިވެރިން ރޭ ލަވަތައް ހުށަހަޅައިދިނީ މިހާރުގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާ އެކުގަ އެވެ. އޭގެ ތެރޭގައި މަރިޔަމް އަޝްފާ، ޑިމްބެ، ސަމާ، އިންޝާ، ޔާމީން އަދި ފުބޫ ހިމެނެ އެވެ.