މި އަހަރު ޓެލެޑްރާމާ މުބާރާތުގައި ވާދަކުރަނީ ހަ އޮފީހަކުން

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ވާދަކުރަނީ ހަ އޮފީހަކުން ކަމަށް، މި މުބާރާތް އިންތިޒާމުކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.


އެންސީއޭ އިން ބުނި ގޮތުގައި މުބާރާތުގައި ވާދަކުރާ އޮފީސްތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މާލޭ ވޯޓަ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.

ޓީވީއެމުން ކުރިން ވަރަށް ކާމިޔާބުކަމާ އެކު ގެނެސް ދެމުން ގެންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2004 އިން ފެށިގެން މެދުކެނޑިފައި އޮތުމަށް ފަހު އަލުން ގެނެސް ދޭން ފެށީ 2015 އިން ފެށިގެންނެވެ. އެ އަހަރު 5 އޮފީހަކުން މުބާރާތުގައި ވާދަ ކުރި އިރު، ޖެހިގެން އައި އަހަރު ހަ އޮފީހަކުން ވާދަކުރި އެވެ.

އަދި މިދިޔަ އަހަރުގެ މުބާރާތުގައި ވާދަ ކުރީ 7 އޮފީހަކުންނެވެ. މިދިޔަ އަހަރު އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ ސްޓެލްކޯގެ "ކަޅާއި ހުދު" އެވެ.

މުބާރާތުގައި 14 ކެޓަގަރީއަކުން މި އަހަރު އެވޯޑް ދޭ އިރު، ފަސް ކެޓަގަރީއަކަށް، ޓްރޮފީއާ އެކު ފައިސާގެ އިނާމު ވެސް ދެ އެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް 50،000ރ، އެންމެ މޮޅު ބަތަލު/ބަތަލާ އަށް 15،000ރ، އެންމެ މޮޅު ސަޕޯޓިން ބަތަލު/ބަތަލާ އަށް 10،000ރ. ގެ ފައިސާގެ އިނާމު ދޭނެ އެވެ.

ކުރިން 12 ކެޓަގަރީއަކުން އެވޯޑު ދިން ނަމަވެސް މި ފަހަރު ވަނީ ބެސްޓް ނިއު ކަމާ މޭލް/ފީމޭލް އިތުރުކޮށްފަ އެވެ. އެ ކެޓަރީން ހޮވޭ އެކްޓަރުންނަށް 5،000ރ. ގެ ފައިސާގެ އިނާމު ދޭނެ އެވެ.