ޑޮކިއުމަންޓްރީތަކާއި ކޯޕަރޭޓް މީޑިއާ އުފެއްދުންތަކަށް ހާއްސަކޮށްގެން ފްރާންސްގައި ދޭ ދަ ކާންސް ކޯޕަރޭޓް މީޑިއާ އެންޓް ޓީވީ އެވޯޑްސްގެ ޖޫރީންގެ ތެރޭގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ޑައިރެޓަރު/ޕްރޮޑިއުސަރު އަބްދުލް ފައްތާހް ހިމެނިއްޖެ އެވެ.
އޭނާ ޖޫރީ މެމްބަރުންގެ ތެރޭގައި މި އަހަރު ހިމެނުނީ އަމިއްލަ ފިލްމް ކުންފުނި ރެޑް ޕްރޮޑަކްޝަނުން ގެނެސް ދެމުން ގެންދިޔަ ޑޮކިއުމަންޓްރީ "ވައްޓަފާޅި" އަށް ކޮށްފައިވާ މަސައްކަތް ފާހަގަކޮށް، އޭގެ ތެރެއިން ލިބުނު ފުރުސަތެއްގެ ތެރެއިންނެވެ. ފައްތާހް ވަނީ މިދިޔަ އަހަރުގެ ރޯދަ މަހާ ހަމައަށް ކޮންމެ އަހަރަކު ރާއްޖެ ޓީވީން "ވައްޓަފާޅި" ގެ ސީޒަނެއް ގެނެސް ދީފަ އެވެ. އެގޮތުން މިދިހަ އަހަރާ ހަމައަށް އެ ޑޮކިއުމަންޓްރީގެ ހަ ސީޒަން ގެނެސްދީ ޖުމްލަ 30 ޑޮކިއުމަންޓްރީ ގެނެސް ދީފައިވެ އެވެ.
"ވައްޓަފާޅި" އަކީ ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމާއި އާދަކާދަތަކާއި ޓޫރިމާއި މޫދު ކުޅިވަރުތައް ފަދަ ތަފާތު ކަންކަމަށް ހާއްސަކޮށްގެން ގެނެސް ދިން ޑޮކިއުމަންޓްރީއެކެވެ.
ފައްތާހާ އެކު، ކާންސް ކޯޕަރޭޓް މީޑިއާ އެންޓް ޓީވީ އެވޯޑްސްގެ ޖޫރީންގެ ތެރޭގައި ޖުމްލަ 45 މީހުން ހިމެނެ އެވެ. މީގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ އާޓާ ގުޅުން ހުރި ދާއިރާތަކުގެ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި އޮސްކާ އާއި އެމީ ފަދަ ނުފޫޒު ގަދަ އެވޯޑްތައް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފަންނާނުން ހިމެނެ އެވެ.
ފައްތާހަކީ ކާންސް ކޯޕަރޭޓް މީޑިއާ އެންޓް ޓީވީ އެވޯޑްސްގެ ޖޫރީ ޕެނެލްގައި ހިމެނުނު ފުރަމަތަ ދިވެއްސެވެ.
ކާންސް ކޯޕަރޭޓްގެ ވެބްސައިޓްގައި ވަނީ ޖޫރީންނާ ބެހޭ ތައާރަފު ވެސް އެ މީހުންގެ ފޮޓޯތަކާ އެކު ހިމަނައިފަ އެވެ. ފައްތާހުގެ ތައާރަފުގައި އޭނާއަކީ 1990 ގެ އަހަރުތަކުގައި ފިލްމީ ދާއިރާ އަށް ނުކުތް މީހެއްކަން ފާހަގަކޮށް މިހާތަނަށް 12 ފީޗާ ޑައިރެކްޓްކޮށްފައިވާ ކަމަށް ބުނެފައި އެވެ.
މިދިޔަ އަހަރު ފިލްމީ ދާއިރާ ދޫކޮށްލިކަން އިއުލާން ކުރުމުގެ ކުރިން ފައްތާހްގެ 12 ފިލްމް "ހައްދު" ވަނީ ބެލުންތެރިންނަށް ގެނެސް ދީފަ އެވެ.
ކުއްލި ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްލަން ނިންމުމާ ގުޅިގެން "ވައްޓަފާޅި" ޑޮކިއުމަންޓްރީ ވެސް ނުގެނެސް ދޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ކާންސް ކޯޕަރޭޓް މީޑިއާ އެންޓް ޓީވީ އެވޯޑްސްއަކީ 2010 އިން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ. މި އަހަރު ބާއްވާ މީގެ 9 ވަނަ އެޑިޝަން ކުރިއަށް ދާނީ ފްރާންސްގެ ޕާމް ބީޗް ކާންސްގައި ސެޕްޓެމްބަރު މަހުގެ 26 އާއި 27 އަށެވެ.
މި އެވޯޑަށް ޑޮކިއުމަންޓްރީތަކާއި ކޯޕަރޭޓް އުފެއްދުންތަކާއި ވީޑިއޯ ރިޕޯޓްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަަހުގެ 8 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި އެވޯޑްސްގައި ދެވޭ ޝަރަފު ޑޮލްފިން ޓްރޮފީ އެވޯޑް ތަފާތު 42 ކެޓަގަރީއަކުން ދެ އެވެ.
ޑޮލްފިން ޓްރޮފީ ދެނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގޯލްޑް އެންޑް ސިލްވާ ޑޮލްފިންސް، ބްލެކް ޑޯލްފިންސް، ބްލޫ ޑޯލްފިންސް ވައިޓް ޑޮލްފިންސް (ދަ ގްރޭންޑް ޕްރިކްސް) އެވެ.