ޒައިރާ: އޭނާ ބުނީ އަދިވެސް ޑިޕްރެޝަނަށް ފަރުވާ ހޯދަމުން އަންނަ ކަމަށް.
13 މެއި 2018 - 06:57
ދީޕިކާ ޕަދްކޯނާއި ކަރަން ޖޯހަރް ފަދަ ބޮލީވުޑްގެ ނުފޫޒު ގަދަ ފަންނާނުން ޑިޕްރެޝަނަށް ފަރުވާ ހޯދިކަން ހާމަކުރުމާ އެކު އެފަދަ ތަޖުރިބާތައް ހިއްސާކުރާ މީހުން މިހާރު ގިނަ ވެއްޖެ އެވެ. އުމުރުން އަދި އެންމެ 17 އަހަރުގެ ޒައިރާ ވަސީމް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޑިޕްރެޝަނާ ހަނގުރާ ކުރި ކަމަށް ބުނެ އޭނާގެ ތަޖުރިބާތައް ވެސް ހިއްސާކޮށްފަ އެވެ.
އާމިރް ހާނާ އެކު "ޑަންގަލް" އާއި "ސީކްރެޓް ސްޕަސްޓާ" ފަދަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ކަޝްމީރަށް އުފަން ބަތަލާ ވަނީ އިސްޓަގްރާމްގައި އޭނާގެ ޑިޕްރެޝަނުގެ ތަޖުރިބާ ކިޔައިދީފަ އެވެ.
ޒައިރާ ބުނި ގޮތުގައި ހަތަރު ވަރަކަށް އަހަރު އޭނާ ޑިޕްރަޝަންގެ ވޭނުގެ ތެރޭގައި އުޅުނެވެ. އަދި އެ ދުވަސްވަރު އަމިއްލަ އަށް ފުރާނަ ދުއްވައިލުމުގެ ހިޔާލުތައް ސިކުނޑީގެ ތެރޭގައި ވަރަށް ބޮޑަށް އެނބުރު ކަމަށް ބުންޏެވެ.
ޒައިރާގެ އިސްޓަގްރާމް ޕޯސްޓް.
"ޑަންގަލް" އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުނި ގޮތުގައި ޑިޕްރެޝަންގެ ވާހަކަ ދެއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި އެއީ "ލަދުވެތި އެހެން މީހުންގެ މަލާމާތާއި ފާޑުކިޔުންތައް އަމާޒުވާ ކަހަލަ ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނާތީ" އޭނާ ވެސް އުޅުނު ޑިޕްރެޝަންގެ ވާހަކަތައް ފޮރުވައިގެންނެވެ.
"އަހަންނަށް ގަބޫލު ކުރެވުނު ގޮތުގައި ޑިޕްރެޝަނަކީ ވަކި އުމުރަކަށް ވެސް އޮތް ކަމެއް ނޫން. އަހަރެން މި ވާހަކަ ކިޔައި ދިނީމަ ބައެއް މީހުން ސުވާލު ވެސް ކޮށްފާނެ ކަންނޭނގޭ ކަލޭ ތިހާ ޅަ އުމުރުގައި ކޮން ކަމަކާހޭ ޑިޕްރެޝަނަށް ދާންވީ،" ޒައިރާ ބުންޏެވެ. "އަހަންނަށް ޑިޕްރެޝަންގެ ތެރޭގައި އެހާ ގިނަ ދުވަހު އުޅެން ޖެހުނީ ވެސް ޑޮކްޓަރުންނާއި އާއިލާގެ މީހުން ވެސް އެއީ މާ ބޮޑު ކަމަކަށް ކުރިން ނަހަދައި އޮތީމަ. އެ މީހުން ބުނަމުން ދިޔައީ ތިއީ އަދި ކުޑަ ކުއްޖެކޭ."
އޭނާ ކިޔައި ދިން ގޮތުގައި ޑިޕްރެޝަންގެ ތެރޭގައި ފުރަތަމަ ޕެނިކް އެޓޭކާ ކުރިމަތިވީ އުމުރުން 12 އަހަރުގަ އެވެ.
"މިއީ ބައްޔެއް. މިއީ އެއްވެސް މީހަކު އަމިއްލަ އަށް ކުރިމަތި ކުރުވާ ހާލަތެއް ނޫން. އަދި މިއީ ކޮންމެ މީހަކަށް ވެސް ކުރިމަތި ވެދާނެ ކަމެއް. އެހެން ޑިޕްރެޝަނަށް މީހުން ހޭލުންތެރި ވާން ޖެހޭ. އަހަރެން މި ވާހަކަ ކިޔައި ދޭން ވެސް ބޭނުންވި ސަބަބަކީ އެއީ،" ޒާއިރާ ބުންޏެވެ. "އަދިވެސް އަހަރެން މި އަންނަނީ ޑިޕްރެޝަނަށް ބޭސް ކުރަމުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy