އެންމެފަހުން އަޒަލް މޯލްޑިވިއަން އައިޑޮލް ކާމިޔާބުކޮށްފި

މޯލްޑިވިން އައިޑޮލްގެ ކުރީގެ ދެ ސީޒަންގައި ވެސް ބައިވެރިވެ ކަޓައިގެން ދާން ޖެހުނު އައިޝަތު އަޒަލް ޒާހިރު މިފަހަރުގެ އައިޑޮލް ކާމިޔާބުކޮށްފި އެވެ.


އައްޑޫ ފޭދު އަށް ނިސްބަތްވާ އަޒަމް މި ފަހަރުގެ ޓައިޓްލް ގެންދިޔަ އިރު، މިއީ ރާއްޖޭގައި ފްރެންޗައިޒުން އުސޫލުން ބާއްވާ އެންމެ ބޮޑު ރިއަލިޓީގެ ޝޯގެ ޓައިޓްލް އަންހެން ބައިވެރިޔަކު ގެންދިޔަ ދެވަނަ ފަހަރެވެ.

ޓީވީއެމުން 2015 ގައި ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް ކާމިޔާބުކުރީ ލައިޝާ ޖުނައިދެވެ. އަދި 2016 ގައި ބޭއްވި ޝޯ ކާމިޔާބުކުރީ ތަސްނީމް (ބޮބް) އަހުމަދު އެވެ.

ތިން ވަނަ ސީޒަންގެ ޓައިޓަލްއާ އެކު އަޒަމް މި ފަހަރު މޯލްޑިވިއަން އައިޑޮލްގެ ޓްރޮފީ އުފުލައިލީ ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔަ ގަދަ ފަސް ބައިވެެރިންގެ ތެރޭގައި ހިމެނި، ގަދަ ތިނަކަށް ދިޔަ ތިން އަންހެން ބައިވެރިންގެ ތެރޭގައި ހިމެނިގެންނެވެ. މިރޭގެ ފިނާލޭ ޝޯގައި އޭނާ އަށް ޓްރޮފީ ހަވާލުކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އެވެ.

ގަދަ ތިނަކަށް އަޒަލްއާ އެކު ދިޔައީ ދެވަނަ އަށް ދިޔަ އާމިނަތު ސައިނާ މުހައްމަދު ރަޝީދާއި ތިން ވަނަ ހޯދި މަރިޔަމް މައީޝާ އެވެ. މި ފަހަރު އަލަށް މޯލްޑިވިއަން އައިޑޮލްގެ ފައިނަލަށް ދިޔަ ފަސް ބައިވެރި ދިޔަ އިރު، އޭގެ ތެރޭގައި ދެން ހިމެނެނީ ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްދުއްލަތީފެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޓައިޓްލް އަޒަލް އަށް އުފުލައިލަން މި ފަހަރު ފުރުސަތު ލިބުނީ ފާއިތުވި ދެ ސީޒަންގެ އޮޑިޝަންގައި ވެސް ބައިވެރިވެ، ތިއޭޓަ ރައުންޑާ ހަމައިން ކަޓައިގެން ދިޔަކަމުގެ ތަޖުރިބާތަކާ ވެސް އެކުގަ އެވެ.