އަޖޭ އާއި ރަންބީރް، ޑައިރެކްޓަރު ލަވްއާ އެކު: ލަވްގެ އާ ފިލްމުން ދެ އެކްޓަރުން ފެންނާނެ.
16 މެއި 2018 - 08:59
ކަރްތިކް އާރިޔާން އާއި ސަނީ ސިންގް އަދި ނުސްރަތު ބަރޫޗާ ފަދަ މާ މަޝްހޫރު ނޫން ތަރިންތަކެއް ހިމަނައިގެން ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމަށް އޭ ލިސްޓް ދެ އެކްޓަރަކު ސޮއިކޮށްފި އެވެ.
އަދި ވަކި ނަމެއް އިއުލާންކޮށްފައި ނުވާ ފިލްމްގެ ބަތަލުންގެ ރޯލަށް ސޮއިކޮށްފައި ވަނީ އަޖޭ ދޭވްގަން އާއި ރަންބީރް ކަޕޫރެވެ. އަޖޭ މިހާރު ވެސް އަންނަނީ ލަވް ޕްރޮޑިއުސް ކުރާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ އާކިލް އަލީ ޑައިރެކްޓްކޮށް، މި އަހަރު ފަހުކޮޅު ރިލީޒް ކުރަން ނިންމާފައިވާ އަދި ނަން ރަސްމީކޮށް އިއުލާންކޮށްފައި ނުވާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ތައްބޫ ބަތަލާގެ ރޯލް ކުޅޭ ރޮމޭންޓިކް ކޮމެޑީގެ ނަމަކީ "ދޭ ދޭ ޕިޔާރް ދޭ" އެވެ.
އަޖޭ އާއި ރަންބީރު ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. އެއީ 2010 ގައި ޕްރަކާޝް ޖާ ގެނެސް ދިން ޕޮލިޓިކަލް ތުރިލާ "ރާޖްނީތީ" ގަ އެވެ.
އަޖޭ އާއި ރަންބީރުގެ ސޮއި ހޯދުމަށް ފަހު، ލަވް ބުނީ ވަރުގަދަ ދެ އެކްޓަރަކާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި ބެލުންތެރިން އުންމީދު ކުރާ ވަރުގެ ރީތި އަދި ފުރިހަމަ ފިލްމެއް ގެނެސް ދޭނެ ކަމަށް ބުންޏެވެ. "ޕިޔާރް ކާ ޕަންޗްނާމާ" ގެ ފިލްމްތައް ގެނެސްދޭ ލަވް އެންމެ ފަހުން ގެނެސް ދިން "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަކީ މި އަހަރު 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދި ފިލްމެކެވެ.
ލަވްގެ ފިލްމާ ބެހޭ ގޮތުން އަޖޭ ބުނީ ރަންބީރާ އެކު އަނެއްކާ ވެސް މަސައްކަތްކޮށްލަން ލިބުމަކީ އާ ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
"އޭނައަކީ ވަރަށް މޮޅު އެކްޓަރެއް. ރަންބީރާ އެކުގައި އަލުން ސެޓަށް ނުކުންނަން ވަރަށް ކެތްމަދުވެފައި މިހުރީ،" އަޖޭ ބުންޏެވެ.
ރަންބީރު ބުނީ އަޖޭއަކީ އޭނާ އަބަދު ވެސް ވަރަށް އިހުތިރާމް އަދި ވަރަށް މޮޅު އެކްޓަރެއް ކަމަށެވެ.
"އަޖޭ އާއި ލަވްއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ އާދައިގެ ކަމަކަށް ނުވާނެ. އަހަރެން ވެސް މިހިރީ ފިލްމް މަސައްކަތް ފަށާނެ އިރެއްގެ އިންތިޒާރުގައި." ރަންބީރު ބުންޏެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ "ސަންޖޫ" އިންނެވެ. ރަންބީރުގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ބްރައްމަސްތުރާ" އާއި "ޝަމްޝޭރާ" ފާހަގަކޮށްލެވެ އެވެ.
އަޖޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަންނަ ޑިސެމްބަރުގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy