ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖެ މިފަހަރު ހުސް އަތާ

އިއްޔެ ސްރީ ލަންކާގައި ނިންމައިލި 8 ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިކުރި ހަތަރު ފިލްމަށް ވެސް، އެއްވެސް ކެޓަގަރީއަކުން އެއްޗެއް ނުލިބި ސުމަކުން ނިންމައިލަން ޖެހިއްޖެ އެވެ.


މިފަހަރު ރާއްޖޭން ފެސްޓިވަލްގައި ވާދަކުރީ ދެ ފީޗާ ފިލްމާއި ކުރު ދެ ފިލްމެވެ. ފީޗާ ފިލްމް ކެޓަގަރީގައި ވާދަކުރީ މިދިޔަ އަހަރު ރިލީޒްކުރި، އަބްދުލް ފައްތާހްގެ "ހައްދު" އާއި 2016 ގައި ރިލީޒް ކުރި ފާތުމަތު ނަހުލާގެ "4426" އެވެ.

ކުރު ފިލްމްގައި ވާދަކުރީ އޭސީސީގެ "ބިތުފަންގި" އާއި އަލީ ޝާމިންގެ "ސްޓޭޓަސް" އެވެ

މިދިޔަ އަހަރު މި ފެސްޓިވަލްގައި "ވިޝްކާ" ބައިވެރިކޮށްގެން އޭގެ ބަތަލާ އައިޝަތު ރިޝްމީ ވަނީ ސާކްގެ އެންމެ މޮޅު ބަތަލާގެ ބަތަލާގެ އެވޯޑް ރާއްޖެ އަށް ގެނެސްފަ އެވެ. އެހެންވެ މި ފަހަރު ރާއްޖޭން ފާހަގަކޮށްލެވޭ ކަހަލަ ވަނައެއް ގެންނާނެ ކަމަށް ބެލެވުނެވެ. ހާއްސަކޮށް ފީޗާ ފިލްމް ކެޓަގަރީގައި ވާދަ ކުރި "ހައްދު" އާއި "4426" އަކީ ރާއްޖޭގައި ވަރަށް ކާމިޔާބު އަދި ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަގެ މޮޅު އެކްޓިން ވެސް ފެނިގެން ދިޔަ ދެ ފިލްމަަށްވާތީ އެވެ.

މި މަހުގެ 22-27 އަށް ބޭއްވި މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ ވަނަތަކަށް ބަލާ އިރު އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ "ބަންގްލަދޭޝްގެ "ހަލްދާ" އެވެ. އެންމެ މޮޅު ކުރު ފިލްމަކީ އިންޑިއާގެ "ޖީއައި" އެވެ.

އިތުރު ވަނަތައް:

* އެންމެ މޮޅު ޑައިރެކްޓަރު: ޕްރައްސައްނާ ޖަޔަކޯޑީ (28/ސްރީ ލަންކާ)

* އެންމެ މޮޅު އެކްޓަރު: މަހެންދުރަ ޕެރޭރާ (28/ސްރީލަންކާ)

* އެންމެ މޮޅު ބަތަލާ: ވައިޝްނަވީ ތަންގްޅޭ (ދަ ހޮރައިޒަން/އިންޑިއާ)

* އެންމެ މޮޅު ސްކްރީންޕްލޭ: ޕްރަޝާންތު ޕާންޑޭ/ޝްރެޔޭ ދޭވް ވަރްމާ (ޕޫރްނާ)

* އެންމެ މޮޅު ސިނަމޮޓޯގްރަފީ: އެނަމުލް ހައްގު ސޮހެއިލް (ހަލްދާ/ބަންގްލަދޭޝް)

* އެންމެ މޮޅު އެޑިޓިން: އަމިތު ދޭބްނާތު (ހަލްދާ/ބަންގްލަދޭޝް)

* އެންމެ މޮޅު އޮރިޖިނަލް ސްކޯ: (ހަލްދާ/ބަންގްލަދޭޝް)

މި އަހަރު ސްޕެޝަމް ޖޫރީ އެވޯޑް ވަނީ ދެ ފަންނާނަކަށް ދީފަ އެވެ. އެއީ ލަންކާގެ ފިލްމް "ދި އަންޑިސައިޑެޑް" އިން މަލަކާ ދޭވަޕްރިޔާ އާއި "ދަ ހޮރައިޒަން" އިން މަނޯޖް ކަދާމް އެވެ.

މި އަހަރުގެ ފެސްޓިވަލްގެ ޓްރެއިލާ.

ރާއްޖޭން 2016 ގައި ވެސް ދެ ފިލްމް ބައިވެރިކޮށް، ފެސްޓިވަލް ނިންމައިލަމް ޖެހުނީ ހުސްއަތާ އެވެ. އެ ފަހަރު ވާދަކުރީ އަލީ ސީޒަންގެ "އަހްޝަމް" އާއި ރަވީ ފާރޫގްގެ "މިކޮއެ ބައްޕަ ބައޭ ބައޭ" އެވެ.

ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 2014 ގަ އެވެ. އެ އަހަރު ފިލްމް "އިނގިލި" އިން އެކްޓަރު އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި "އިނގިލި" އިން ބްރޯންޒް އެވޯޑް އުފުލައިލި އެވެ.