އައިޝްވާރިޔާ ރާއީގެ "ފޭން ހާން" ރިލީޒްކުރުން ފަސްކޮށްފި

އަންނަ މަހުގެ 13 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރްގެ ފިލްމް "ފޭން ހާން" ފަސްކޮށްފި އެވެ.


ފިލްމް ފަސްކުރިކަން ޓީ ސީރީޒުން ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު ސަބަބެއް ހާމައެއް ނުކުރެ އެވެ.

ޓީ ސީރީޒުން ބުނި ގޮތުގައި "ފޭން ހާން" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް މަހުގެ 3 ގަ އެވެ. މި ފިލްމަކީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، އައިޝްވާރިޔާ ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ފިލްމަށް ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ސަބަބަކީ ޒަމާންގަނޑަކަށް ފަހު އައިޝްވާރިޔާ އާއި އަނިލް އެއް ފިލްމަކުން ފެނިގެން ދާތީ އެވެ. އެ ދެ ތަރިން ކުރިން އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ތާލް (1999) އާއި ހަމާރާ ދިލް އާޕްކޭ ޕާސް ހޭ (2000) ހިމެނެ އެވެ.

ޓީ ސީރީޒްގެ ޓްވީޓް.

އަތުލް މަންޖްރޭކަރު ޑައިރެކްޓްކޮށްފައިވާ "ފޭން ހާން" ގެ މުހިއްމު ރޯލަކުން ޒުވާން އެކްޓަރު ރާޖްކުމާރް ރާއޯ ވެސް ފެނިގެން ދާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ފެނިގެން ދާނީ އައިޝްވާރިޔާގެ ލޯބިވެރިޔާގެ ރޯލުންނެވެ.

"ފޭން ހާން" ރިލީޒް ކުރުން ފަސް ކުރުމާ އެކު، މި ފިލްމް ދެން ބޮކްސް އޮފީހުގައި ވާދަ ކުރަން ޖެހޭނީ އިރްފާން ހާންގެ "ކަރްވާން" އެވެ. ކުރިން އޮގަސްޓް 10 ގައި ރިލީޒް ކުރަން އޮތް ފިލްމް މިހާރު ވަނީ އޮގަސްޓް 3 އަށް އަވަސްކޮށްފަ އެވެ.

ވައިއާރްއެފްގެ ޓްވީޓެއް.

ރިލީޒް ކުރާ ތާރީހަށް ބަދަލު ގެނައި ފިލްމްތަކުގެ ތެރޭގައި ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) ގެ "ސަންދީޕް އޯތް ޕިންކީ ފަރާރް" ވެސް ހިމެނެ އެވެ. ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށް، އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލް ކުޅެފައިވާ ފިލްމް މިހާރު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. ކުރިން އެ ފިލްމް ސިނަމާތަކަށް ގެންނަން އޮތީ އޮގަސްޓް 3 ގަ އެވެ.

ނަމަވެސް ވައިއާރްއެފުން އިއުލާންކޮށްފައިވާ ގޮތުގައި "ސަންދީޕް އޯރް ޕިންކީ ފަރާރް" ސިނަމާ އަށް އަންނާނީ މާޗް، 1، 2019 ގަ އެވެ. މި ފިލްމް އަންނަ އަހަރަށް ލަސްކޮށްލި ނަމަވެސް، އަރްޖުން އާއި ޕަރިނީތީގެ ޖޯޑު އެކުގައި ފެނިގެންދާ އެހެން ފިލްމެއް މި އަހަރު ސިނަމާ އަށް އަންނާނެ އެވެ.

އެއީ ވިޕުލް ޝާހް ޑައިރެކްޓްކޮށް، އޮކްޓޯބަރު 18 ގައި ރިލީޒް ކުރާ "ނަމަސްތޭ އިންގްލެންޑް" އެވެ. މި ފިލްމްވެގެން ދާނީ 2012 ގައި އަރުޖުން ބޮލީވުޑަށް ތައާރަފުވި ފިލްމް "އިޝަގްޒާދޭ" އަށް ފަހު، ޕަރިނީތީ އާއި އޭނާގެ ޖޯޑު ސްކްރީނުން ފެނިގެންދާ ދެވަނަ ފިލްމަށެވެ.