"ނިވައިރޯޅި" ގެ ޓީމް އެންމެ ފަހުން ޝޫޓިން އަށް އިނގުރައިދު އަށް ހިނގައްޖެ

ކުރިން ރޭވި ގޮތަށް ޝޫޓިން ނުފެށި ލަސްވަމުން ދިޔަ، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޝޫޓިން އަށް އެންމެ ފަހުން ރ. އިނގުރައިދު އަށް އިއްޔެ ހިނގައްޖެ އެވެ.


މިއީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އަދި މިއީ 2011 ގައި ރިލީޒް ކުރި "ލޫދިފާ" އަށް ފަހު އޭނާ ހަދާ ފުރަތަމަ ފިލްމެވެ.

"ނިވައިރޯޅި" ރަސްމީކޮށް އިއުލާންކުރީ ނިއުމާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ފުރުން ފާހަގަ ކުރުމަށް ނެރުނު "ސެލެބްރޭޓިން 20" ވީޑިއޯ ލަވަ އަލްބަމާއި އޭނާގެ ރިޓަޔާމަންޓް އިއުލާން ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ގައި ފާހަގަ ކުރި 40 ވަނަ އުފަން ދުވަހާ އެކު ބޭއްވި ހާއްސަ ހަފުލާގަ އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒް ކުރާނެ ކަމަށް ބެލެވޭ "ނިވައިރޯޅި" ޓީމް ޝޫޓިން އަށް ފުރި އިރު، ކާސްޓުންގެ ތެރޭގައި ނިއުމާގެ އިތުރުން ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ ހިމެނެ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

ނިއުމާ ބުނި ގޮތުގައި އިނގުރައިދޫގެ ޝޫޓިން އަށް ހޭދަ ވަނީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހެވެ. އެ ރަށުގައި ނަގަން ހަމަޖެހިފައި ވަނީ ފިލްމްގެ އިންޑޯ މަންޒަރުތަކެކެވެ. ބާކީ މަންޒަރުތައް ނަގާނީ މާލޭގަ އެވެ.

"ނިވައިރޯޅި" ގެ ޓީޒާ.

"ނިވައިރޯޅި" އަކީ ސީދާ ކޮން ކަހަލަ ހާދިސާއެއް ކިޔައިދޭ ފިލްމެއް ކަމަށް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކަމަކު ނިއުމާ އެ ފިލްމް ސިފަ ކުރަނީ ހުރިހާ ރަހައެއް ހިމެނޭނެ ކޮކްޓެއިލެއްގެ ގޮތުގަ އެވެ.

މީގެ ޓީޒާ ވެސް ދައްކާލައިފައިވާ އިރު، އޭގައި ފެންނަނީ ނިއުމާ އަނިޔާގެ ނިޝާންތަކަކާ އެކު ބިއްލޫރިގަނޑެއްގައި ބޯ ތަޅާ ތަނެވެ.

"ނިވައިރޯޅި" އަކީ ނިއުމާ ބޮޑު ސްކްރީނުން ފެންނާނެ ފަހު ފިލްމަށްވާތީ ވަރަށް ގިނަ ބަޔަކު އަންނަނީ މިހާރު ވެސް މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

އަދި މި ފިލްމަކީ މޫމިން އެނބުރި އަނެއްކާ ވެސް އަންނަ ފިލްމަށްވާތީ، ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ބޮޑެވެ.