ސޮނީން މިހާރު އަންނަނީ "ކޮމެޑީ ސާކަސް" ގެ އާ ސީޒަނެއް ގެނެސް ދޭން ތައްޔާރުވަމުން.
19 ޖޫން 2018 - 07:50
އަހަރުތަކެއް ކުރިން ސޮނީ ޓީވީން ގެނެސްދިން މަޝްހޫރު ކޮމެޑީ ޝޯ "ކޮމެޑީ ސާކަސް" އަނެއްކާ ވެސް ބެލުންތެރިން ހެއްވައިލަން ތައްޔާރުވާން ފަށައިފި އެވެ.
ސޮނީން މިހާރު އަންނަނީ ޝޯގެ ޕްރޮމޯއެއް ވެސް ދައްކަމުންނެވެ. އެކަމަކު ޝޯ ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ކޮމެޑީ ސާކަސް" އަކީ މި ފަހުން އިންޑިއާގައިގައި ބޮޑު މަޝްހޫރު ކަމަކާއި މަގުބޫލު ކަމެއް ހޯދި ގިނަ ކޮމެޑީއަނުން އުފެއްދި ޝޯ އެވެ. އޭގެ ތެރޭގައި ކަޕިލް ޝަރްމާ، ބާރްތީ ސިންގް، ކްރުޝްނާ އަބިޝެކް، ސުދޭޝް ލެހެރީ އަދި އަލީ އަސްގަރް ފަދަ ފަންނާނުން ހިމެނެ އެވެ.
މި ފަންނާނުންގެ ތެރެއިން އާންމުންގެ ހިތްތަކުން އެންމެ ބޮޑަށް ޖާގަ ހޯދައި، އަމިއްލަ ނަމާ އެކު ކޮމެޑީ ޝޯތައް ގެނެސް ދިން ފަންނާނީ ކަޕިލް އެވެ.
މިދިޔަ ޖެނުއަރީ މަހު އޭނާ ހޯސްޓް ކުރަން ފެށި އާ ކޮމެޑީ ޝޯ "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ގެ ދައްކަން ފެށިތަނާ ކަޕިލްގެ ފަރާތުން ކުރިމަތިވި އެކިއެކި މައްސަލަތަކާ ހެދި ޝޯ ވަނީ ހުއްޓައިލަން ޖެހިފަ އެވެ. މި ޝޯގެ ކުރިން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ހުށަހަޅައި ދިން ސޮނީގެ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" އަކީ ވެސް ކަޕިލް އާއި އެ ޝޯގެ އެހެން ބައިވެރިންނާ ދޭތެރޭ މައްސަލަތައް ޖެހިގެން ހުއްޓައިލަން ޖެހުނު ޝޯއެކެވެ.
ނަމަވެސް "ކޮމެޑީ ސާކަސް" އެނބުރި އަންނަ އިރު، ކަޕިލް ޝޯ އިން ފެންނާތޯ އާއި ދެން ޝޯގައި ބައިވެރި ވާނީ ކޮން ބައެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ޝޯގެ ޖަޖްކަންކޮށްފައިވާ މީހުންގެ ތެރޭގައި އެކްޓަރު އަރްބާޒް ހާނާއި އޭނާގެ ކޮއްކޮ ސޮހައިލް ހާން، ޑައިރެކްޓަރު ރޯހިތު ޝެޓީ، ޝޭކަރް ސުމަން، އަރްޗަނާ ޕޫރާން ސިންގް، ސަތިޝް ޝާހް އަދި ޖޯނީ ލީވާ ހިމެނެ އެވެ.
ޖުމްލަ 18 ސީޒަނެއް ގެނެސް ދިން "ކޮމެޑީ ސާކަސް" ސޮނީން އެންމެ ފުރަތަމަ ގެނެސް ދެނީ 2007 ގަ އެވެ. އަދި މީގެ ފަހު ސީޒަން ގެނެސް ދިނީ 2014 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy