އަނެއްކާވެސް ޑާކްރެއިންގެ ފިލްމެއް އިއުލާނުކޮށްފި

ސިންގަޕޫރާއި މާލޭގައި މަންޒަރުތައް ނަގާ ލޯބީގެ ފިލްމެއް "ނޮވެމްބަރު" ނަމުގައި އުފައްދަން ޑާކް ރެއިން އެންޓަޓައިމަންޓުން ނިންމައިފި އެވެ.


ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ އެ ފިލްމްގެ ޝޫޓިން ފަށާނީ ރޯދައިގެ ކުރިން އެ ސްޓޫޑިއޯ އިން ޝޫޓިން ފަށާފައި އޮތް ކޮމެޑީ ފިލްމް "މާމުއި" ގެ މަސައްކަތް ނިންމުމަށް ފަހު ކަމަށެވެ.

އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކުރާ އެ ފިލްމަކީ އެޕްރީލް، 5، 2019 ގައި ރިލީޒް ކުރަން ތާވަލްކޮށްފައި އޮތް ފިލްމެކެވެ. މޮގާ ބުނީ ޗިއްޕެ ޑައިރެކްޓް ކުރާ "ނޮވެމްބަރު" ސިނަމާ އަށް ގެންނާނީ އަންނަ އަހަރުގެ ރޯދައިގެ ފަހުން ކަމަށެވެ.

މި ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމް "ހުޅުދާން" އިން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ގެންދިޔަ އަދި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި މަރިޔަމް ނަދްރަތު އެވެ.

މޮގާ ބުނި ގޮތުގައި އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ "ނޮވެމްބަރު" އަކީ ވަރަށް ވެސް ރީތި އަދި ފުރިހަމަ ލޯބީގެ ފިލްމަކަށް ވާނެ އެވެ.

"މީގެ ކާސްޓުން އަދި ފައިނަލެއް ނުކުރަން،" މި އަހަރު "ވަކިން ލޯބިން" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ.

"ނޮވެމްބަރު" ވެގެން ދާނީ ސިންގަޕޫރްގައި ޝޫޓް ކުރާ ދެވަނަ ދިވެހި ފިލްމަށެވެ. އަދި މިއީ ޑާކް ރެއިންގެ ފިލްމެއް ރާއްޖޭން ބޭރުގައި ޝޫޓް ކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މީގެ ކުރިން ސިންގަޕޫރްގައި މަންޒަރުތައް ނަގާފައިވާ ފިލްމަކީ ހުސައިން (މަހުމާ ހުސައިން) ރަޝީދު ޕްރޮޑިއުސްކޮށް، ހާމިދު އަލީ 90 ގެ އަހަރުތަކުގައި ޑައިރެކްޓް ކުރި "ދެފިރިން" އެވެ. އެ ފިލްމްގެ ތަރިންނަކީ ޖަމްޝީދާ އަހުމަދާއި އައްސަދު ޝަރީފެވެ.

ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު އެއް ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިނުން މިދިޔަ މާޗް މަހު ގެނެސް ދިން ފެމިލީ ޑްރާމާ "ވަކިން ލޯބިން" އަށް ފަހު، މި އަހަރުގެ ޑިސެމްބަރުގައި އެ ސްޓޫޑިއޯގެ "ގޮށްރާޅު" ވެސް ސިނަމާ އަށް ގެންނަން ވަނީ ނިންމައިފަ އެވެ.

މިއީ އަހުމަދު ޝިނާން ޑައިރެކްޓް ކުރާ ކްރައިމް ތުރިލާއެކެވެ.