ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލައިފި

މި އަހަރު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރިކުރަން މިއަދު ހުޅުވާލައިފި އެވެ.


އެވޯޑް ހަފުލާ އިންތިޒާމުކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ ފިލްމްތައް އެވޯޑްސްގައި ބައިވެރި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 30 ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޑިސެމްބަރު މަހު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމް އެވޯސްގައި ބައިވެރިކުރާނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކެވެ. މިދިޔަ އަހަރު ދިވެހި ސިނަމާ އަށް ޖުމުލަ 8 ފިލްމް އައެ އެވެ.

އެ ފިލްމްތަކަކީ މަލިކާ، ވިޝްކާ، އިލް ނޮއިސް، މީ ލޯތްބަކީ، ނޯޓީ 40، ހައްދު، ބޮސް އަދި ނޭދެން ވަކިވާކަށް އެވެ.

މިދިޔަ އހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސް ހާއްސަކުރީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކަށެވެ.

އެހެންވެ މި އަހަރު ބާއްވާ ނުވަ ވަނަ ފިލްމް އެވޯޑްސްވެގެން ދާނީ ރާއްޖޭގެ ފިލްމީ ތާރީހުގައި އެއް އަހަރެއްގެ ފިލްމަތަކަށް އެވޯޑް ދޭ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން އެވޯޑް ހަފުލާތައް ބާއްވަމުން ދިޔައީ ދެ ތިން އަހަރުގެ ފިލްމްތައް އެއްކޮށްލައިގެންނެވެ.

މިދިޔަ އަހަރު ބޭއްވި އެވޯޑްސްގައި 17 ފީޗާ ފިލްމާއި 7 ކުރު ފިލްމް ވާދަ ކުރި އެވެ. އަދި އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ 2016 ގައި ރިލީޒް ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އެވެ.