ކަރިޝްމާ: އޭނާ އެންމެ ފަހުން ކުޅުނީ 2012 ގެ "ޑޭންޖަރަސް އިޝްގް".
11 އޯގަސްޓް 2018 - 07:32
ވެބް ސީރީޒްތަކަށް މިހާރު ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު ބޮލީވުޑްގެ އޭ ލިސްޓް ތަރިން ވެސް މިހާރު އެފަދަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާކަށް ފަހެއް ނުޖެހެ އެވެ.
ނެޓްފްލިކްސް އިން ގެނެސްދިން، ސައިފް އަލީ ހާންގެ "ސެކްރެޑް ގޭމްސް" އަށް ލިބުނު ބޮޑު ތަރުހީބާ އެކު، އޭނާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ވެސް ވަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ވެބް ސީރީޒެއްގައި މަސައްކަތްކޮށްފާނެ ކަމަށް ބުނެފަ އެވެ.
ޑީއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރީނާގެ ދައްތަ އަދި ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް ދެން މާ ލަސްތަކެއް ނުވެ ވެބް ސީރީޒަކުން ފެނިދާނެ އެވެ. އެ ނޫހުން ބުނި ގޮތުގައި އެކްތާ ކަޕޫރްގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީން ވަނީ ވެބް ސީރީޒަކަށް މިހާރު ކަރިޝްމާގެ ސޮއި ހޯދައިފަ އެވެ.
އެ ޕްރޮޖެކްޓާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު، އޭގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ޑީއެންއޭ އިން ބުންޏެވެ. ޓީވީ ޗެނެލްތަކުން ސިލްސިލާތައް ގެނެސް ދީގެން އެކްތާ ރަނިކަން ކުރަމުން އަންނަ އިރު، އޭނާގެ އޯލްޓާ ބަލާޖީއަކީ މިހާރު އިންޑިއާގައި އެންމެ ހިނގާ ޑިޖިޓަލް ޕްލެޓްފޯމެވެ.
އެކި ކަހަލަ ކޮންސެޕްޓްކަށް ހަދާފައިވާ ވެބް ސީރީޒްތައް އޯލްޓް ބަލާޖީން އަންނަނީ ސްޓްރީމް ކުރަމުންނެވެ.
ކައިވެނިކޮށް ދަރިން ލިބުނު ފަހުން ކަރިޝްމީ، 44، ފިލްމް ކުޅުމާ ދުރުވި ނަމަވެސް، އޭނާ ފަހުން ވަނީ 2012 ގައި "ޑޭންޖަރަސް އިޝްގް" ކިޔާ ފިލްމެއް ކުޅެފަ އެވެ. އެކަމަކު އެ ފިލްމަށް ލިބުނު ފިނި ތަރުހީބާ އެކު، އޭނާ ފަހުން އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ.
"ރާޖާ ހިސްދުންދާނީ" އާއި "ދިލް ތޯ ޕާގަލް ހޭ" އަދި "ފިޒާ" އާއި "ޒުބޭދާ" ގެ އިތުރުން ވެސް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ކުރިން ވަނީ އޭނާގެ ނަން ދީފައިވާ ޓީވީ ސިލްސިލާއެއް ވެސް ކުޅެފަ އެވެ.'
ބޮޑު ސްކްރީނާ ދުރުގައި ހުއްޓަސް ދެ ކުދިންގެ މަންމައަކީ ދޭތެރެ ދޭތެރެ ޓީވީ އިޝްތިހާރުތަކުން ފެންނަ ބަތަލާއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy