ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގައި ހިމެނޭ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރްގެ އާރްކޭ ސްޓޫޑިއޯ ވިއްކައިލަން ނިންމައިފި އެވެ.
މީގެ 70 އަހަރު ކުރިން އުފެއްދި އެ ސްޓޫޑިއޯއަކީ ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމަކާއި ވަރަށް ގިނަ ޓީވީ ޝޯތައް ވެސް ޝޫޓްކޮށްފައިވާ ތަނެކެވެ.
ބޮލީވުޑްގެ އެންމެ ނަން ހިނގާ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ އާރްކޭ ވިއްކައިލަން ކަޕޫރް އާއިލާ އިން ނިންމި އިރު، އެ ސްޓޫޑިއޯގައި މިދިޔަ އަހަރުގެ ފަހުކޮޅު އަލިފާނުގެ ބޮޑު ހާދިސާއެއްގައި ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ.
އާރްކޭ ސްޓޫޑިއޯއަކީ ރާޖް ކަޕޫރް ރަމްޒުކޮށްދޭ ބިނާއެއްގެ އިތުރުން، އޭނާ އިންޑިއާގެ ސިނަމާ އަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އެއް ނިޝާނެވެ.
މި ސްޓޫޑިއޯ ވިއްކައިލަން ނިންމުމަށް ފަހު، ރާޖްގެ ހަގު ފިރިހެން ދަރިފުޅު އަދި އެކްޓަރު ރިޝީ ކަޕޫރް ބުނި ގޮތުގައި މިއީ އާއިލާގެ ހުރިހާ މީހުން ބޭނުންވެގެން ނިންމި ނިންމުމެކެވެ. މީގެ ކުރިން ސްޓޫޑިއޯ ވިއްކައިލުމާ ދޭތެރޭ އާއިލާގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ.
"އެކަމަކު މިހާރު އަހަރެމެން ބޭނުން ވަނީ އެތަން ވިއްކައިލަން. އަލިފާނުގެ ހާދިސާ އަށް ފަހު، ތަނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހިފައި،" ރިޝީ ބުންޏެވެ. "ތަން ވިއްކާލައި ބޮޑު އިންވެސްޓްމަންޓެއް އެތަނަށް ކޮށްގެން ނޫނީ ކުރިއަށް އޮތް ތަނުގައި ސްޓޫޑިއޯގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފޭނެ."
އޭނާ ބުނި ގޮތުގައި މުމްބާއީގެ ޗެމްބޫރްގައި ބިނާކޮށްފައި ހުރި އާރްކޭ ސްޓޫޑިއޯ އަށް ކުރިމަގު އޮތީ އެތަން ވިއްކާލައިގެންނެވެ. އެގޮތުން ގަންނަ ބަޔަކު އެތަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފިލްމީ މަސައްކަތްތަކަށް އާ ދޮރުތަކެއް ހުޅުވައިދެވޭނެ ކަމަށް ރިޝީީ ބުންޏެވެ.
"އަހަރެމެން ވެސް ކުރިން ރޭވިން އެތަން ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރަން. ތަން އަނދައި އަޅިއަށްވީ ވެސް އެ ޕްލޭނުގެ ތެރޭގައި އުޅެނިކޮށް،" އޭނާ ބުންޏެވެ. "އަނެއްކޮޅުން އަހަރެމެންގެ ކުރިއަށް އޮތް ޖެނެރޭޝަނުން އާރްކޭ ސްޓޫޑިއޯ އަށް ހަދާނެ ގޮތަކާ ދޭތެރޭ ވެސް ސުވާލުތަކެއް ހުރީމަ އެތަން ވިއްކައިލުން އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނުނީ."
ރިޝީ ބުނި ގޮތުގައި ބައްޕަގެ ނަމާއި ހަނދާންތަކާ ގުޅިފައިވާ އާރްކޭ ސްޓޫޑިއޯ ވިއްކައިލުމަކީ އާއިލާ އަށް ޖަޒުބާތީ ކަމެއް ވެސް މެ އެވެ.
"އާރްކޭ" އިން އުފެއްދި މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ބަރުސާތު"، "އާގް"، "އާވާރާ"، "ޝްރީ 420"، "ޖިސް ދޭޝް މޭ ގަންގާ ބެހެތީ ހޭ"، "މޭރާ ނާމް ޖޯކަރް"، "ބޮބީ"، "ސަތިޔަމް ޝިވަމް ސުންދަރަމް" އަދި "ރާމް ތޭރީ ގަންގާ މޭލީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
އެ ސްޓޫޑިއޯއިން އެންމެ ފަހުން އުފެއްދީ އައިޝްވާރިޔާ ރާއީ އާއި އަކްޝަޔޭ ކަންނާ ހިމަނައިގެން ރިޝީ 1999 ގައި ޑައިރެކްޓް ކުރި "އާ އަބް ލޯޓް ޗަލޭ" އެވެ.
ރާޖް 1988 ގައި މަރުވުމުން އާރްކޭ ސްޓޫޑިއޯއާ ހަވާލުވެގެން ހުރީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަދި ބަތަލާ އިން ކަމަށް ކަރިޝްކާ ކަޕޫރާއި ކަރީނާ ކަޕޫރްގެ ބައްޕަ ރަންދީރު ކަޕޫރެވެ.