ޕްރިޔަންކާ އަދި ސޮނާލީ ވިގެއް ޖަހައިގެން.
07 ސެޕްޓެމްބަރ 2018 - 07:27
އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަން ފެށުމާ އެކު، ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ ވަނީ އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލައިފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ހުރީ ތަލަކޮށެވެ.
ފޮޓޯތައް ވެސް ސޮނާލީ ވަނީ އެއްވެސް ޖެހިލުމެއް ނެތި އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ބެލެވޭ ގޮތުން ކީމޯތެރަޕީ ފަރުވާ ދޭން ފެށުން އިސްތަށި އެއްކޮށް ފޭބީ އެވެ. ނުވަތަ އިސްތަށި ފައިބާނެކަން އެނގޭތީ ބޯ ބޭލީ އެވެ.
ނަމަވެސް ސޮނާލީ މިހާރު ހުރީ ވިގެއް ޖަހައިގެންވެ. ވިގަކާ އެކު ގެނައި މި މޭކްއޯވާއަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ އިރުޝާދުގެ ދަށުން ކުރި ކަމެކެވެ. ސޮނާލީ އިންސްޓަގްރާމައި ހިއްސާކޮށްފައިވާ ވީޑިއޯކޮޅެއް ވަނީ އޭނާގެ ބޮލަށް އައި ބަދަލު ވެސް ދައްކާލައިފަ އެވެ. އަދި އެ ވީޑިއޯ އެކު ބައެއް ޝުއޫރުތައް ވެސް އޭނާ ހާމަ ކުރި އެވެ.
ސޮނާލީގެ ވީޑިއޯއެއް.
ސޮނާލީ ބުނި ގޮތުގައި ވިގެއް ޖަހައިގެން އުޅުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫނެވެ. އަދި ބޭނުން ނަމަ ބޮލުގައި ސްކާފެއް އަޅައިގެން ނޫނީ ސީދާ ތަލަ ބޮލާ އެކު އާންމުންގެ ތެރެއަށް ނުކުމެ އުޅޭކަށް ވެސް އޭނާ ޖެހިލުމެއް ނުވެ އެވެ.
"ވިގެއް ޖެހުމުގެ ކުރިން އަހަރެން ދެވަނަ ވިސްނުމަކަށް ވެސް ދިޔައިން. އަދި މިއީ އަހަންނަށް ކުރަން ފެނިގެން ކުރި ކަމެއް. އަދި މިއީ ކޮންމެހެން ރީތިކޮށް ހުންނަން ވެގެން ކުރި ކަމެއް ވެސް ނޫން،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ސޮނާލީ އެކުވެރިންތަކަކާ އެކު.
ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން މިހާރު 12 އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި ސޮނާލީ ބުނި ގޮތުގައި އޭނާ ކުރާނީ އަމިއްލަ އަށް އުފާވާ ކަންކަމެވެ.
"އެހެންވީމާ ތިއީ ގޯހެކޭ މިއީއޭ ރަނގަޅު ގޮތަކީ ބުނުމުގެ ހައްގެއް ވެސް އެއްވެސް މީހަކަށް ނޯންނާނެ،" އޭނާ ބުންޏެވެ. "އެ މީހަކަށް ރަނގަޅު ވާނެ ގޮތެއް އެނގޭނީ އެ މީހަކަށް. އަހަންނަކީ ފުރުސަތުތައް ނަގައިލާ މީހެއް ނޫން."
ސޮނާލީ ދަރިފުޅު ރަންވީރްއާ އެކު.
ސޮނާލީ ވަނީ ޕްރިޔަންކާގެ އެހީއާ އެކު ގެނައި މޭކްއޯވާ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
"ހަމް ސާތު ސާތު ހޭ" އާއި "ދިލްޖަލޭ" އަދި "ސަރްފަރޯޝް" ފަދަ ފިލްމްތައް ކުޅެފައިވާ ސޮނާލީ ކެންސަރަށް ފަރުވާ ހޯދާކަން އިއުލާން ކުރީ ޖުލައި މަހުގެ 4 ވަނަ ދުވަހު އިންސްޓަގްރާމްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy