އިމްރާން: އޭނާ ޑައިރެކްޓް ކުރި ކުރު ފިލްމް މި މަހުގެ 20 ގައި ދައްކައިލާނެ.
13 ސެޕްޓެމްބަރ 2018 - 07:11
ކުޅޭނެ ފިލްމެއް މިހާރު ނުލިބޭ ވޮލީވުޑްގެ އެކްޓަރު އިމްރާން ހާން ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމެއްގެ ޓްރެއިލާ ދައްކާލައިފި އެވެ.
ހުނަރުވެރި އަދި ކާމިޔާބު އެކްޓަރު އާމިރް ހާނަށް ބޮޑުބޭބެ ކިޔާ އިމްރާން ޑައިރެކްޓްކޮށްފައިވާ ފިލްމަށް ދީފައިވާ ނަމަކީ "މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" އެވެ. މި ފިލްމް ލިޔުނީ ވެސް އިމްރާނެވެ.
ފިލްމު ޕްރޮޑިއުސްކޮށްފައި ޗަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ހިންގާ ދަރްމާ 2.0 އިންނެވެ. އެއީ ޓީވީ އިޝްތިހާރުތަކާއި ކުރު ފިލްމުތައް އުފެއްދުމަށް ހާއްސަކޮށްގެން ކަރަން ހިންގާ ޑިވިޝަނެކެވެ.
"މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" އަކީ ޖޯނީ ވޯކާ ދަ ޖާނީ ކެމްޕޭންގެ ދަށުން ހަދާފައިވާ ފިލްމެކެވެ. މިއީ އިންޑިއާގެ ޖައްވީ ދަތުރަށް ހާއްސަ ކެމްޕޭނެކެވެ.
އިމްރާން ޑައިރެކްޓް ކުރި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޕްރަކާޝް ބެލަވާދީ އާއި އަބީޝެކް ސާހާގެ އިތުރުން ސޮނާލީ ސަޗަދޭވް އެވެ.
ފިލްމާ ބެހޭ ގޮތުން އިމްރާން ބުނީ އިންޑިއާ އިންޑިއާ އިން މާސް އަށް ހަމައަށް ދާން ފަށާފައިވާ ކާމިޔާބު މިޝަނަށް ހާއްސަ ފިލްމެއް ހަދަން މަގުދަހިވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ހިއްސާއެއްގެ ގޮތުގައި ފިލްމެއް ހަދަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.
"މިޝަން މާޝް: ކީޕް ވޯކިން އިންޑިއާ" ގެ ޓްރެއިލާ.
"މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" ވެބް ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ފިލްމް ޑައިރެކްޝަނަށް އިމްރާން ފައްކާވަމުން އަންނަ އިރު، 2008 ގެ ފިލްމް "ޖާނޭ ތޫ ޔާ ޖާނޭ ނާ" އިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމު ކުރިން ވެސް އިމްރާންގެ ޝައުގުވެރިކަން ހުރީ ޑައިރެކްޝަނެއް ކަމަށް ބުނެފައިވެ އެވެ. އަނެއްކޮޅުން އެކްޓަރެއްގެ ގޮތުގައި އޭނާ އަށް މިހާތަނަށް ބޮޑު ކުރިއެރުމެއް ހޯދިފައެއް ވެސް ނެތެވެ.
"ދިއްލީ ބެލީ"، "އައި ހޭޓް ލަވް ސްޓޯރީޒް"، "މޭރޭ ބްރަދާ ދާ ކީ ދުލްހަން" ފަދަ ފިލްމްތައް ކުޅުނު އިމްރާން، 35، އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2015 ގެ ފްލޮޕް ފިލްމް "ކައްޓީ ބައްޓީ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy