"ޑޫބް" ގެ ޕޯސްޓަރެއް: މިއީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމެއް.
25 ސެޕްޓެމްބަރ 2018 - 08:15
އަންނަ އަހަރުގެ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ބަންގްލަދޭޝް އިން ހުށަހަޅާ ފިލްމަކަށް، ބޮލީވުޑްގެ އެކްޓަރް އިރްފާން ހާން ކުޅެފައިވާ ޑޫބް: ނޯ ބެޑް އޮފް ރޯސެސް: ހޮވައިފި އެވެ.
މި ފިލްމަކީ ބަންގާޅުގެ މަޝްހޫރު ޑައިރެކްޓަރު މުސްތަފާ ސަރްވާރް ފާރޫކީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އިރްފާނާ އެކު "ޑޫބް" ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ރޮކެޔާ ޕްރަޗީ، ނުސްރަތު އިމްރޯސް ޓިޝާގެ އިތުރުން އިންޑިއާގެ ބަތަލާ ޕަރްނޯ މިތުރާ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޑޫބް" އަކީ މޮސްކޯ ފިލްމު ފެސްޓިވަލްގައި ވާދަކޮށްގެން ބެސްޓް ފިލްމުގެ ޕްރައިޒް ވެސް ހާސިލުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި ކިޔައިދެނީ ޖާވިދު ހަސަން (އިރްފާން) ކިޔާ ކާމިޔާބު ފިލްމް ޑައިރެކްޓަރަކު އޭނާގެ އަންހެން ދަރިފުޅުގެ އެކުވެރިޔަކާ ކައިވެނި ކުރުމުން އެކަން ގައުމީ މައްސަލަކަށްވެގެން ހިނގާ ހާދިސާތަކެކެވެ.
އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑަށް "ޑޫބް" ހުށަހަޅަން ނިންމި އިރު، އިފްރާން އަންނަނީ ފިލްމީ މަސައްކަތްތައް ހުއްޓާލައި، މިދިޔަ މާޗް މަހުން ފެށިގެން އިނގިރޭސިވިލާތުގައި ކެންސަރުގެ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ.
ބަންގާޅުން އިންޑިއާގެ އެކްޓަރެއްގެ ފިލްމެއް އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ހުށަހަޅަން ނިންމި އިރު، ނޯވޭ އިން ވެސް އެ ކެޓަގަރީ އަށް ހުށަހަޅަން ނިންމާފައި ވަނީ އިންޑިއާގެ އެކްޓަރެއްގެ ފިލްމެކެވެ.
އެއީ "އިންގްލިޝް ވިންގްލިޝް" އާއި "އެޖެންޓް ވިނޯދް" ފަދަ ފިލްމްތައް ކުޅެފައިވާ އާދިލް ހުސައިން މުހިއްމު ރޯލެއް ކުޅެފައިވާ "ވަޓް ވިލް ޕީޕަލް ސޭ" އެވެ.
އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ ފެބްރުއަރީ، 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއއއިބްރާހިމް
25 September 2018
ތިޔަ ފިލްމު ބަލާލާ ހިތްވެއްޖެ