ރިޝީ ކަޕޫރަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނާތީ އާއިލާ ރުޅިގަދަވެފައި

ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މިހާރު އެމެރިކާގައި ފަރުވާ ހޯދަމުން އަންނަނީ ކެންސަރު ބައްޔަށް ކަމަށާއި އޭނާ ހުރީ އެ ބަލީގެ ތިން ވަނަ ސްޓޭޖްގައި ކަމަށް މީޑިއާތަކުން ބުނެފި އެވެ.


ފަރުވާ އަށް ރިޝީ، އަންހެނުން ނީޓޫ ސިންގް އާއި ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ރަންބީރާ ކަޕޫރާ އެކު އެމެރިކާ އަށް ފުރީ މިދިޔަ ހޮނހިރު ދުވަހު އެވެ. އޭނާ ފުރުމުގެ ކުރިން ކުރި ޓްވީޓެއްގައި ބުނީ މި ދަނީ ބޭސް ފަރުވާއަކަށް އެމެރިކާ އަށް ކަމަށާއި އެކަމާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށާއި ލޯބިވާ އެންމެންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށް ރިޝީ ބުންޏެވެ.

ނަމަވެސް އޭނާގެ ބައްޔާ ބެހޭ ގޮތުން ރިޝީ އާއި އާއިލާ އިން ވެސް އަދި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، މުއުތަބަރު ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ރިޝީ ފަރުވާ ހޯދަނީ ކެންސަރު ބައްޔަށް ކަމަށާއި އެމެރިކާގައި ދޮޅު މަހަކަށް ވުރެ ގިނަ ދުވަހު އޭނާ މަޑުކުރާނެ ކަމަށެވެ.

އެމެރިކާ އަށް ފުރުމުގެ ކުރިން ރިޝީ ކުރި ޓްވީޓް.

މިކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ރިޝީގެ ދޮށީ ބޭބެ ރަންދީރު ކަޕޫރް ވަނީ ބައްޔަކީ ކޮބައިކަން ރިޝީ އަށް ވެސް ނޭނގޭ އިރު، މީޑިއާތަކަށް އެކަން އެނގުނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ރިޝީ އަދި އުޅެނީ ޓެސްޓްތަކެއް ހެދުމުގެ މަރުހަލާގަ އެވެ. އެހެންވެ އޭނާ އަށް ވަކި ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ، މީޑިއާތަކުން ޒިންމާދާރުކަން ކުޑަކޮށް ހަބަރުތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ބުންޏެވެ.

"އަހަރެން އެންމެން ވެސް މި ތިބީ ރިޝީގެ ބައްޔަކީ ކޮބައިކަން އެނގެން ބޭނުންވެފައި. އަދި އެކަން އެނގުނުހާ އަވަހަކަށް މީޑިއާތަކަށް ވެސް އާއިލާ އިން އެކަން ހިއްސާ ކުރާނެ،" ކަރިޝްމާ އާއި ކަރީނާ ކަޕޫރްގެ ބައްޕަ ރަންދީރު ބުންޏެވެ.

ޖޫހީގެ ޓްވީޓެއް.

ރިޝީ ފަރުވާ އަށް ދިޔަތާ ދެ ދުވަސް ފަހުން އޭނާގެ މަންމަ ކްރިޝްނާ ކަޕޫރް ވަނީ ހާޓްއެޓޭކެއް ޖެހިގެން ހޯމަ ދުވަހު މަރުވެފަ އެވެ. އަދި ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ރިޝީ އަށް ލިބޭ ގޮތެއް ނުވި އެވެ.

ފިލްމީ ދާއިރާގައި 45 އަހަރު ހޭދަކޮށްފައިވާ އުމުރުން 66 އަހަރުގެ ރިޝީ ފަރުވާ އަށް އެމެރިކާ އަށް ފުރި އިރު، އޭނާ ގެންދިޔައީ ޖޫހީ ޗާވްލާއާ އެކު ކުޅޭ ފިލްމެއްގެ ޝޫޓިން ފަށަން ވެސް ތައްޔާރުވަމުންނެވެ. އެކަމަކު ރިޝީ އެނބުރި އަންނަންދެން އޭގެ މަސައްކަތް ވަނީ މަޑުޖައްސާލައިފަ އެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ އޮގަސްޓް މަހު ރިލީޒް ކުރި "މުލްކް" އެވެ. ރިޝީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މިި މަހުގެ 30 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރާ "ރާޖްމާ ޗާވަލް" އިންނެވެ.

ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދާ ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި އިރްފާން ހާން، ސޮނާލީ ބެންޑްރޭ އަދި އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން އަދި ލިޔުންތެރިޔާ ތާހިރާ ކެޝަޕް ހިމެނެ އެވެ.