މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އަނެއްކާ ވެސް އެ ބައްޔަށް ފަރުވާ ހޯދަން ފަށައިފި އެވެ.
ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި 26 އަހަރުގެ ލަވަކިތުންތެރިޔާ ކެލިފޯނިއާގެ އޮރެންޖް ކައުންޓީގެ ޓްރީޓްމަންޓް ސެންޓަރެއްގައި ފަރުވާ ހޯދަން ފަށާފައި ވަނީ، ނަފުސާނީ މައްސަލަތައް ބޮޑުވެގެން މީގެ ހަފުތާތަކެއް ކުރިން ލޮސް އެންޖެލިސްގެ ސިޑާޒް-ސިނައި މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް ދީފައި ވަނިކޮށެވެ.
އެ ނޫހުން ބުނި ގޮތުގައި މި ފަހަކަށް އައިސް ސެލީނާ އަށް ވަނީ ޑިޕްރެޝަނާއި އެންޒައިޓީގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެ އެވެ.
މި ބަލިތަކަށް އޭނާ އަލުން ފަރުވާ ހޯދަން ފެށި އިރު، ރީތި ލަވަތަކެއް އެހުންތެރިންނަށް ގެނެސް ދީފައިވާ ސެލީނާ ގެންދިޔައީ އާ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
ނަމަވެސް އޭނާ މި ފަހަރު ފަރުވާ ހޯދަން ކިހާ މުއްދަތެއް ނަގާނެކަން އަދި ނޭނގޭތީ، އަލްމަބްގެ މަސައްކަތަށް ވާނެ ގޮތެއް ނޭނގެ އެވެ. ސެލީނާ ބުނެފައިވާ ގޮތުގައި އަލްބަމް ވަރަށް އަވަހަށް ރިލީޒް ކުރާނެ އެވެ.
މިދިޔަ އަހަރު ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ހަދާފައިވާ ސެލީނާ އެންމެ ފަހުން ނަފުސާލީ ބައްޔަށް ފަރުވާ ހޯދީ 2016 ގަ އެވެ. އަދި 2014 ގައި ވެސް ފަރުވާ ހޯދާފައިވެ އެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސެލީނާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2015 ގަ އެވެ. އެއީ "ރިވައިވަލް" އެވެ. އޭނާގެ އަޑު އިވިގެން ދިޔަ އެންމެ ފަހުގެ ލަވައަކީ މިދިޔަ މަހު ނެރުނު "ޓަކި ޓަކި" އެވެ. ފްރާންސްގެ މިއުޒިޝަން ސްނޭކްގެ މި ލަވައަށް ފީޓްކޮށްފައިވާ ފަންނާނުންގެ ތެރޭގައި ސެލީނާ އާއި ކާޑީ ބީ އަދި އޮޒޫނާ ހިމެނެ އެވެ.
ލަވަކުޔުންތެރިޔާ ޖަސްޓިން ބީބާއާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ސެލީނާގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "އަ ރެއިނީ ޑޭ އިން ނިއުޔޯކް" އާއި "ދަ ޑެޑް ޑޯންޓް ޑައި" ހިމެނެ އެވެ.