ކާޖޮލް، ފިރިމީހާ އަޖޭ އާއި ދެ ކުދިންނާ އެކު.
16 އޮކްޓޯބަރ 2018 - 07:21
މިހާތަނަށް ކާޖޮލް ކުޅުނު އެއްވެސް ފިލްމެއް އޭނާގެ ދެ ދަރިންނަށް ކަމުނުދާ ކަމަށާއި އެ ފިލްމުތައް ބަލަން އެ މީހުންގެ ޝައުގުވެރިކަމެއް ވެސް ނުހުންނަ ކަމަށް ބަތަލާ ކާޖޮލް ބުނެފި އެވެ.
ނޭހާ ދޫޕިއާ ހޯސްޓްކުރާ "ނޯ ފިލްޓާ ނޭހާ" ޝޯގައި ކާޖޮލް ބުނީ 15 އަހަރުގެ އަންހެން ދަރިފުޅު ނީސާ އާއި 8 އަހަރުގެ ޔުގް، އޭނާގެ ފިލްމުތައް ބަލަން ވަރަށް ފޫހިވާ ކަމަށެވެ.
"ދެ ކުދިން ވެސް ބުނާނެ މަންމަގެ ފިލްމުތައް ވަރަށް ފޫއްސޭ ބަލަން. ނުވެއޭ އެއްގޮތަކަށް ވެސް ބަލާ ހިތެއް،" މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރީ "ހެލިކޮޕްޓާ އީލާ" ގެ ބަތަލާ ބުންޏެވެ. "އަދި އަހަރެންގެ ފިލްމުތައް އެ މީހުން ނުވެސް ބަލާނެ."
ކާޖޮލް ދަރިފުޅު ނީސާއާ އެކު.
ކާޖޮލް ބުނި ގޮތުގައި ދަރިން އޭނާގެ ފިލްމުތައް ބަލަން ބޭނުން ނުވާ ކަމަށް ބުނާ މައިގަނޑު ސަބަބަކީ ފިލްމުތަކުގައި އޭނާ މާ ބޮޑަށް ރޯތީ އެވެ.
"ދެން އަހާނެ ކީއްވެގެން ހެއްޔޭ ބެލީމަ އުފާވާ ކަހަލަ ފިލްމުތައް މަންމަ ނުކުޅެނީ؟ އެހެންވެ އަހަންނަށް ހީވަނީ އަޖޭ [ފިރިމީހާ] ގެ ގޯލްމާލް ކަހަލަ ފިލްމުތައްހެން އަހަރެން ވެސް ކުޅެންވީ،" ކާޖޮލް ބުންޏެވެ.
ކާޖޮލްގެ ފިރިހެން ދަރިފުޅު ޔުގް.
މިހާރު ސިންގަޕޫރުގައި ކިޔަވަމުން އަންނަ ނީސާ ފިލްމީ ދާއިރާ އަށް ނުކުތުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކާޖޮލް ބުނީ ދަރިން ހިޔާރު ކުރާ ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދާން އޭނާ އަބަދު ވެސް ހިތްވަރު ދޭނެ ކަމަށެވެ. އެކަމަކު ވަކި ދާއިރާ އަށް ނަގަން އެއްވެސް ކުއްޖަކަށް މަޖުބޫރު ނުކުރާނެ ކަމަށް ބުންޏެވެ.
އަޖޭ ވެސް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވަނީ ނީސާ ފިލްމު ދާއިރާ އަށް ނުކުންނަން ޝައުގުވެރިކަން ހުރި ނަމަ ކުރިއަށް ދާން ހިތްވަރު ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
16 October 2018
މަންމަޖަހާ ސަކަރާތް ދަރިންނަށް ދައްކާނެކަމެއް ނެތް.
ނޭނގުނު ވާހަކަ
16 October 2018
ގޭތެރެއިންވެސް މަންމަ. ފިލްމުންވެސް މަންމަ. ދެން އެހެންވީމަ ބަލާހިތެއްވެސް ނުވާނެއްނު. އެހެންނޫނަސް އެކުދިންނަކީ ޒަމާނީކުދިން. އެކުދިންއުޅެބޮޑުވަނީ މުޅިން އެހެން މާހައުލެއްގާ. މާބޮޑަށް ގައިގޯޅި މަންޒަރުތަކާ އަވަލާފާ ތިބޭކުދިންނަކަށްވެސް ކާޖޮލްގެ ފިލްމުތައް ކަމަކު ނުދާނެ. އަދި އެފަދަ މަންޒަރެއް މަންމަ ކުޅެނިކޮށްވެސް ބަލާހިތެއްނުވާނެ. އެއީ މަންމަވީމަ.