އެންގޭޖްވެ، މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ އަށް އޭނާގެ އެމެރިކާގެ ލޯބިވެރިޔާ، ހިތްގައިމު އަދި އަގު ބޮޑު ގެއެއް ގަނެދީފި އެވެ.
ޓީއެމްޒީން ބުނި ގޮތުގައި ލޮސް އެންޖެލިސްގެ އެންމެ ހިތްފަސޭހަ އަދި އެންމެ އަގު ބޮޑު އެއް ސަރަހައްދު ކަމަށްވާ ބެވަލީ ހިލްސް އިން ނިކް ޕްރިޔަންކާ އަށް ގަނެދިން ގޭގެ އަގަކީ 6.5 މިލިއަން ޑޮލަރެވެ. ފަސް ކޮޓަރީގެ މި ގެއަކީ އެންމެ މި ޒަމާނުގެ ޑިޒައިނަކަށް، ޕޫލަކާ ވެސް އެކު ފަރުމާކޮށްފައިވާ ވަރަށް ލަގްޒަރީ ގެއެކެވެ. ގޭގެ އެންމެ ހާއްސަ ކަމަކީ އިންޑޯ އާއި އައުޓްޑޯ ލައިފް ސްޓައިލަށް ގެ ޑިޒައިންކޮށްފައި ހުރުމެވެ. ގޭގެ ބައެއް ފޮޓޯތައް ވެސް މީޑިއާތަކުގައި ވަނީ ހިއްސާކޮށްފަ އެވެ.
ޓީއެމްޒީން ބުނި ގޮތުގައި މި ގެ ޕްރިޔަންކާ އަށް ނިކް ގަނެދިނީ މިދިޔަ ޖުލައި މަހުގެ 18 ގައި ފާހަގަ ކުރި ޕްރިޔަންކާގެ 36 ވަނަ އުފަން ދުވަހު ލަންޑަނުގައި އޭނާ އަށް ޕްރޮޕޯޒް ކުރުމުގެ ކުރިންނެވެ. ދެ ތަރިން ލަންޑަނުގައި އެންގޭޖްވި ނަމަވެސް، ރަސްމީކޮށް އެންގޭޖްމަންޓް އިއުލާން ކުރީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު މުމްބާއީގަ އެވެ.
މިހާރު ވެސް ނިއުޔޯކްގެ އަގު ބޮޑު އަދި ފެންވަރު ރަނގަޅު ލަގްޒަރީ އެޕާޓްމަންޓެއްގައި ދިރިއުޅެމުން އަންނަ ޕްރިޔަންކާ އަށް ވާން އުޅޭ ފިރިމީހާ ގަނެދިން ގެއަށް މިހާރު ވެސް ޒިޔާރަތްކޮށް ހަދާ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ މިހާރު ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް ވަނީ ޑިސެމްބަރު މަހުގެ 2 ގައި ކައިވެނި ކުރަން ނިންމައިފަ އެވެ. ނަމަވެސް މަސައްކަތްތަކުގައި ދެ މީހުން ވެސް މިހާރު ވަރަށް ބިޒީކޮށް އުޅެން ޖެހިފައިވާތީ ކައިވެނި އަންނަ ޖެނުއަރީ އަށް ފަސްކޮށްފައިވާ ކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.
ނަމަވެސް ކައިވެނި ކުރާނެ ތާރީހަކާ ބެހޭ ގޮތުން ޕްރިޔަންކާ އާއި ނިކް ވެސް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޕްރިޔަންކާ މިހާރު އަންނަނީ "ދަ ސްކައި އިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.