ދީޕިކާ އާއު ރަންވީރު: އަންނަ މަހު ކައިވެނި ކުރާނެ.
29 އޮކްޓޯބަރ 2018 - 07:11
ރަންވީރު ސިންގްއާ ކައިވެނި ކުރަން ނިންމުމުން އިހުސާސް ކުރެވެނީ އާ ފިލްމަކަށް ސޮއި ކުރުމުން ކުރެވޭ ކަހަލަ ވަރަށް އުފާވެރި އިހުސާސްތަކެއް ކަމަށް ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
ދެ ތަރިން އަންނަ މަހުގެ 15 ގައި ކައިވެނި ކުރާކަން ރަަސްމީކޮށް އިއުލާން ކުރީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި 32 އަހަރުގެ ބަތަލާ ބުނީ ރަންވީރުއާ ކައިވެނި ކުރެވޭތީ ވަރަށް އުފާވާ ކަމަށާއި ދެ މީހުން ބޭނުން ވަނީ ނަމޫނާ ދެމަފިރިންނަށް ވާން ކަމަށެވެ.
"ކައިވެނި ކުރަން ނިންމުމުން އިހުސާސް ކުރެވެނީ ހަގީގަތުގައި އަނެއްކާ ވެސް އާ ފިލްމަކަށް ސޮއި ކުރުމުން ކުރެވޭ ކަހަލަ އިހުސާސެއް. ވަރަށް އުފަލުން އަހަރެން މިހުރީ،" ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ އަންހެނަކީ އުފާވެރި ކައިވެންޏަކަށް އެދޭނެ މީހެކެވެ. އަދި ފިރިމީހާއާ އެކު، ރީތި ދިރިއުޅުމެއް އުޅެން ކޮންމެ އަންހެނަކު ވެސް ހުވަފެން ދެކޭނެ އެވެ. އެގޮތުން ކައިވެނީގެ ހަޔާތުގެ ދަތުރު ފަށައިގަންނަން ތައްޔާރުވާ އިރު، އޭނާގެ މައިންބަފައިންނަކީ ނަމޫނާއެއްގެ ގޮތުގައި ދެކޭ ކަމަށް ދީޕިކާ ބުންޏެވެ.
"އަހަރެން ގަބޫލެއް ނުކުރަން ކައިވެންޏަށް ފަހު އަހަންނާއި ރަންވީރުގެ ހަޔާތަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް. ޕްރޮފެޝަނަލީ އަހަރެމެން ކުރާ މަސައްކަތް ހަމަ ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ. މީގައި މުހިއްމު ކަމަކީ ކެރިއާ އާއި ޒާތީ ދިރިއުޅުން ބެލެންސް ކުރުން،" ކުރިން ރަންބީރު ކަޕޫރާ ވެސް ރައްޓެހިވި ބަތަލާ ބުންޏެވެ. "އަހަރެން ބުނާނީ އެ ނަޒަރުން ބަލާއިރު އަހަރެމެންގެ މައިންބަފައިންނަކީ އަހަންނަށް ވަރަށް ބޮޑު ނަމޫނާއެކޭ. އެ ދެ މީހުން ނަމޫނާއަކަށް ބަލައިގެން އަހަރެން އުޅެން ބޭނުން ވަނީ."
ދީޕިކާ އާއި ރަންވީރު އިވެންޓެއްގެ ތެރޭގައި.
ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ އާއި ރަންވީރު ލޯބީގެ ގޮތުން ގުޅުނީ ދެ ތަރިން އެކުގައި ފުރަތަމަ ކުޅުނު 2013 ގެ ފިލްމު "ރާމް ލީލާ" ގެ މަސައްކަތް ކުރި އިރު އެވެ. އޭގެ ފަހުން ދެ ތަރިން ވަނީ މިހާތަނަށް އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ.
ދީޕިކާ ބުނި ގޮތުގައި އޭނާއާ ރަންވީރު ފުރަތަމަ ބައްދަލުވި އިރު އެއީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަކަށް ވާނެ ކަމަކަށް ދުވަހަކު ހިއެއް ވެސް ނުކުރެ އެވެ. އަދި ރަންވީރާ މެދު ފުރަތަމަ ތަސައްވަރު ކުރެވުނީ "ހީ އިޒް ނޮޓް މައި ޓައިޕް" ގެ ގޮތުގައި ކަމަށް ބުންޏެވެ.
"އެކަމަކު ރަންވީރަކީ ވަރަށް ކެއަރިން، ވަރަށް ލޯބި އަދި ވަރަށް މަޖާ މިޒާޖެއްގެ މީހެއް،" ދީޕިކާ ބުންޏެވެ.
ދެ ތަރިންނާއި އެ މީހުންގެ އާއިލާތަކުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 14 އާއި 15 އަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ކަންކަން ދެ ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާ އިރު، 14 ވަނަ ދުވަހުގެ ހަރަކާތްތައް ބާއްވަނީ އިންޑިއާގެ ދެކުނު އާދަކާދަތަކާ އެއްގޮތަށެވެ. އަދި ރަސްމީކޮށް ކައިވެނީގެ ގޮށްޖަހާ 15 ވަނަ ދުވަސް ހާއްސަ ކުރާނީ އުތުރު އިންޑިއާގެ އާދަކާދަތަކާ އެއްގޮތަށެވެ.
ކައިވެނީގެ ހަފުލާތައް ބާއްވަން ހަމަޖެހިފައި ވަނީ އިޓަލީގެ ލޭކް ކޯމޯގަ އެވެ. މި ހަފުލާ އަށް ދައުވަތު ދެނީ ހޮވާލެވިފައިވާ މަދު އަދަދެއްގެ ބަޔަކަށެވެ.
Ranveer aai Deepikaa anna mahu kaiveni kuraan kashabarukoh dheefi
The most trusted news source in the Maldives
Mihaaru
ދީޕިކާ އާއި ރަންވީރުގެ ކައިވެނި އިއުލާން ކުރީ މި މަހުގެ 21 ގައި.
އެގޮތުން ބޮލީވުޑުން ދައުވަތު ދޭ ފަންނާނުންގެ ތެރޭގައި ހިމެނެނީ ދީޕިކާ 2007 ގައި ފިލްމު "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ނެރެދިން ޑައިރެކްޓަރު ފަރާ ހާނާއި ދެ ތަރިންނަށް ލޯބީގެ މާތައް ފޮޅުވަން ފަހިކޮށް ދިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ރަންވީރު 2010 ގައި ފިލްމު "ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ނެރެދިން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި އެކްޓަރު ޝާހްރުކް ހާނެވެ.
ކައިވެންޏަަށް ރަންވީރާއި ދީޕިކާ އިޓަލީ އަށް ފުރާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy