ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ކާބިލް" އަށް ފަހު، ރިތިކް ރޯޝަންގެ ފޭނުން ތިބީ އޭނާގެ އާ ފިލްމެއްގެ އިންތިޒާރުގަ އެވެ. އެގޮތުން އޭނާ ކުޅެފައިވާ ބައޮގްރިފަކަލް ޑްރާމާ "ސުޕަ 30" އަންނަ އަހަރު ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރާނެ ކަމަށް ބުނެ ވަނީ ރަސްމީކޮށް އެކަން އިއުލާން ވެސް ކޮށްފަ އެވެ.


އެކަމަކު އެ ތާރީހުގައި އެ ފިލްމު ރިލީޒްކޮށްފާނެ ކަމާ ދޭތެރޭ ވަނީ ސުވާލުތަކެއް ވެސް އުފެދިފަ އެވެ. ސަބަބަކީ ފިލްމުގެ ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އޭނާ މަސައްކަތުން އެއްފަރާތް ވެސްކޮށްލުމެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސުޕަ 30" ގެ އެޑިޓިން އާއި ޑަބިިން ފަދަ މަސައްކަތްތައް އެކަމާ ހުރެ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެހެންވެ ޖެނުއަރީ 25 ގައި "ސުޕަ 30" ސިނަމާތަކަށް ނައިސް، ރިތިކްގެ ފޭނުންނަށް ދިގު އިންތިޒާރީއެއް ކުރަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ރިތިކާއި ޓައިގާގެ ފިލްމު ނިންމާލައިފި

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް އެކީގައި ކުޅޭ ވަރުގަދަ އެކްޝަން ފިލްމުގެ ޝޫޓިން ނިންމާލައިފަ އެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް ސިދާތު އާނަންދު ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޝޫޓިން ނިންމާލައި އުފާ ފާޅު ކުރަނީ.

މި ފިލްމުގެ މަންންޒަރުތައް ޔޫރަޕްގެ އެކި ގައުމުތަކުގެ ހިތްގައިމު ލޮކޭޝަންތަކުގައި ނަގަމުން އަންނަތާ މިހާރު ވަނީ ހަތަރު މަހެއްހާ ދުވަސްވެފަ އެވެ. ސިދާތާއި ފިލްމުގެ ޓީމުން ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، އެކަން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ރިތިކާއި ޓައިގާއާ އެކު ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ވާނީ ކަޕޫރާއި ދިޕާތިނާ ޝަރުމާ ހިމެނެ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު، 2، 2019 ގަ އެވެ.

"މިޝަން މަންގަލް" ގެ ޝޫޓިން މި މަހު

ޖައްވީ ފިލްމު "މިޝަން މަންގަލް" ގެ ކާސްޓުން ރަސްމީކޮށް ދައްކާލައިފި އެވެ.

އިންޑިއާ އިން މާސް އަށް ކު ވާސިލުވާން ހިންގާ މިޝަން މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އަކްޝޭ ކުމާރު، ވިދިޔާ ބަލަން، ސޮނާކްޝީ ސިންހާ، ޝަރްމަން ޖޯޝީ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ އަދި ބޮލީވުޑަށް ތައާރަފުވާ ސައުތުގެ ބަތަލާ ނިތިޔާ މެނަން ހިމެނެ އެވެ.

ފޮކްސްގެ ޓްވީޓެއް.

"ޕެޑްމޭން" ފަދަ ފިލްމުތައް ގެނެސް ދިން އާރް ބަލްކީގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ "މިޝަން މަންގަލް" ގެ ޝޫޓިން މި މަހު ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމަކީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ހޯޕްސް އާއި ފޮކްސް ސްޓާ ސްޓިއޯސް ގުޅިގެން އަންނަ އަހަރު ތިން ފިލްމު ގެނެސް ދޭން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހަދާ ފުރަތަމަ ފިލްމެވެ.

"މިޝަން މަންގަލް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ކެދަރުނާތުގެ" ފުރަތަމަ ލަވަ މިއޮތީ

ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ކެދަރުނާތު" ގެ ފުރަތަމަ ލަވަ "ނަމޯ ނަމޯ" ދައްކާލައިފި އެވެ.

"ނަމޯ ނަމޯ" ލަވަ.

މި ލަވައަކީ އަމިތު ތުރިވޭދީ މިއުޒިކް ހަދައި އޭނާ ކިޔާފައުވާ މަޑުމައިތިރި ލަވައެކެވެ. ލަވައިގެ ޅެދން ހަދާފައި ވަނީ އަމީތާބް ބަޓަޗާރިއާ އެވެ. ލަވައިން ސާރާއެއް ނުފެނެ އެވެ. މުޅި ލަވަ އޮތީ ފިލްމުގެ އެކްޓަރު ސުޝާންތުި ސިންގް ރާޖްޕޫތަށް ހާއްސަކޮށް އެވެ. އަންނަ މަހުގެ 7 ވަނަ ދުވަހު ރިލީޒް ކުރާ "ކެދަރުނާތު" އަކީ އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ކިޔައި ދޭނީ އިންޑިއާގެ އުއްތަރުކަންދު އަށް 2013 ގައި ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ ހިނގި ހާދިސާގެ ތެރެއިން ފައްކާވާ ހިޔާލީ ލޯބީގެ ވާހަކައެކެވެ.

އަރުޖުން އާއި މަލައިކާގެ ކައިވެނި އެޕްރީލްގައި

ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ އަންނަ އަހަރުގެ އެޕްރީލްގައި ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ މީހުންގެ ކައިވެނީގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުން ދިޔަ ނަމަވެސް، ރައްޓެހިވެގެން އުޅޭ ކަމަކަށް މިހާތަނަށް އެއްބަހެއް ނުވެ އެވެ. މިއީ ބޮލީވުޑް ތަރިންގެ އާންމު އުސޫލެވެ. ނަމަވެސް 33 އަހަރުގެ އަރުޖުން އާއި 45 އަހަރުގެ މަލައިކާއާ ދެމެދު ވަރަށް ހާއްސަ ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

އަރްޖުން އާއި މަލައިކާ ރައްޓެހިންތަކަކާ އެކު.

މަލައިކާއަކީ ސަލްމާންގެ ހާންގެ ކޮއްކޮ އަރުބާޒް ހާންގެ ކުރީގެ އަނބިމީހާ އެވެ. އެ ދެ މީހުންގެ ކައިވެނި ރަސްމީކޮށް މިދިޔަ އަހަރު ނިމުމަކަށް އައި އިރު، ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ 15 އަހަރުގެ އަރްހާން ހާނެވެ.