ވިދިޔާ ބާލަންގެ ފިރިމީހާގެ ރޯލަށް ސަންޖޭ ކަޕޫރު

މިހާރު ވެސް ގިނަ ތަރިންތަކެއް ސޮއިކޮށްފައިވާ އަކްޝޭ ކުމާރުގެ ފިލްމު "މިޝަން މަންގަލް" ގެ ރޯލަކަށް ސަންޖޭ ކަޕޫރު ވެސް ސޮއިކޮށްފި އެވެ.


އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ، 53، "މިޝަން މަންގަލް" ގައި ފެނިގެން ދާނީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާގެ ރޯލުންނެވެ. އޭނާ ވަނީ ފިލްމަށް ސޮއިކުރިކަން ކަށަވަރު ކޮށް ދީފަ އެވެ.

"ރާޖާ" އާއި "ސިރުފް ތުމް" ފަދަ ފިލްމުތައް ކުޅެފައިވާ ސަންޖޭ ބުނީ ވިދިޔާއާ އެކު މަސައްކަތްކޮށްލަން ލިބުމުން ވަރަށް އުފާވެފައިވާ ކަމަށެވެ.

"އަހަހަރެން ވަރަށް ކުރީއްސުރެ ވެސް ވިދިޔާ ދަންނަން. އަނެއްކާ އަހަރެމެން ދެ މީހުން ނިސްބަތް ވަނީ މުމްބާއީގެ ޗެމްބޫރަށް. އަހަރެން ވަރަށް އުފާވެއްޖެ ފިލްމެއްގައި ވިދިޔާއާ އެކު މަސައްކަތްކޮށްލަން ލިބުނީމަ،" މި އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގައި މުހިއްމު ރޯލެއް ކުޅުނު ސަންޖޭ ބުންޏެވެ. "ދެ މީހުންނަށް ފިލްމެއްގައި ދެމަފިރިންގެ ރޯލް ކުޅެން ލިބުނީމަ ވަރަށް ޖޯކު ވެސް ޖަހާ ހަދައިފިން އަހަރެމެން."

އޭނާ ބުނި ގޮތުގައި އަކްޝޭއަކީ ވެސް ވަރަށް ގާތް ރައްޓެއްސެކެވެ. އެހެންވެ އޭނާއާ އެކު މަސައްކަތްކޮށްލުމަކީ ވަރަށް އުފާވެރި ތަޖުރިބާއަކަށް ވާނެ ކަމަށް ބުންޏެވެ.

"މިޝަން މަންގަލް" ގެ އިތުރު ކާސްޓުން އަކްޝޭއާ އެކު.

"މިޝަން މަންގަލް" އަކީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި ފޮކްސް ސްޓާ އިންޑިއާ ގުޅިގެން ހަދާ ފިލްމެކެވެ. މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ޝަރުމަން ޖޯޝީ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ އަދި ސައުތުގެ ބަތަލާ ނިތިޔާ މެނެން ހިމެނެ އެވެ.

"މިޝަން މަންގަލް ގެ ޑައިރެކްޓަރަކީ "ޕެޑްމޭން" އާއި "ޕާ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު އާރް ބަލްކީއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޖަގަން ޝަކުތީ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.

މިދިޔަ އަހަރު "މުބާރަކަން" ސަޕޯޓިން ރޯލެއް ކުޅުނު ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާ އަށް ބޮޑުބޭބެ ކިޔާ ސޯނަމް ކަޕޫރުގެ ބައްޕަގެ ރޯލް ކުޅޭ ފިލްމު "ޒޯޔާ ފެކްޓާ" ވެސް ހިމެނެ އެވެ. އެއީ އަންނަ އަހަރުގެ މެއި 18 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.