އާލިއާ: އޭނާ ބުނީ 30 އަހަރުވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށް.
21 ނޮވެމްބަރ 2018 - 07:31
އުމުރުން އަދި ވީ އެންމެ 25 އަހަރު ކަމަށާއި ކައިވެނިކުރަން އަދި މާ އަވަސް ކަމަށް ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އޭނާ ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 30 އަހަރުވުމުގެ ކުރިން ކައިވެނިކޮށް އެތައް ބަޔަކު ސިއްސުވައިލާނެ އެވެ. މީޑިއާތަކުން ބުނާ ގޮތުގައި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އާލިއާ 2020 ގައި ކައިވެނި ކުރާނެ އެވެ. އެކަމަކު މި ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަކަށް މިހާތަނަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ.
އިންސްޓަގްރާމްގައި ފޭނުންނާ އެކު ކުރިއަށް ގެންދިޔަ ލައިވް އިންޓަރެކްޝަނެއްގައި އެންމެ ބޮޑަށް ފޭނުން ކުރިމަތި ކުރުވި ކައިވެނީގެ ސުވާލުތަކަށް ޖަވާބު ދެމުން އާލިއާ ބުނީ އަބަދު އެއް ސުވާލެއް ކުރާތީ އެކަމާ އޭނާ ހައިރާންވާ ކަމަށެވެ.
ރަންބީރާއި އޭނާގެ މަންމައާ އެކު އާލިއާ މިދިޔަ މަހު އެމެރިކާގައި.
"ކޮން އިރަކުންތޯ ކައިވެނި ކުރާނީ ކުރާ ސުވާލަށް ވަރަށް ގިނައިން މިހާތަނަށް ޖަވާބު ދެވިއްޖެ. އަހަރެން ބުނަން އޮތް ވާހަކައަކީ އަދި އުމުރުން އެންމެ ފަންސަވީސް އަހަރޭ. ކައިވެނި ކުރަން އަދި މާ އަވަހޭ،" ޕްރޮޑިއުސަރު/ޑައިރެކްޓަރު މަހޭޝް ބަޓްގެ ހަގު އަންހެން ދަރިފުޅު ބުންޏެވެ.
އާލިއާ ބުނި ގޮތުގައި އޭނާ ކައިވެނިކުރާނެ ދުވަހެއް ބުނަން ދައްޗެވެ. އަދި މި ވަގުތު ކައިވެންޏަކަށް ވުރެ ބޮޑަށް ފޯކަސް ހުރީ ކެރިއާ އަށް ކަމަށް ބުންޏެވެ.
ކައިވެނިކުރަން އަދި މާ އަވަސް ކަމަށް އާލިއާ ބުނެފައިވާ އިރު، ރަންބީރުގެ އާއިލާ އިން އަންނަނީ އޭނާ ކައިވެނި ކުރާލެއް ލަސްވެގެން އެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ބައްޕަ ރިޝީ ކަޕޫރު ދާދި ފަހުން ބުނި ގޮތުގައި ރަންބީރަށް މިހާރު 36 އަހަރުވެފައިވާ އިރު، މިއީ ކައިވެނިކޮށްގެން އޭނާ ދަރިން ހޯދަންވީ ވަގުތެވެ. އަދި މަރުވުމުގެ ކުރިން ރަންބީރުގެ ފަރާތުން ލިބޭ ކާފަ ދަރިންނާ އެކު މަޖާކޮށްލަން ބޭނުންވާ ކަމަށް ވެސް ރިޝީ ބުނެފައިވެ އެވެ.
"ބުރައްމަސްތުރާ" ގެ ސެޓުން ލީކްވެފައިވާ ފޮޓޯތަކެއް.
ރަންބީރާއި އާލިއާ މިހާރު އެކުގައި "ބުރައްމަސްތުރާ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ލީކްވެފައިވާ ފޮޓޯއެއްގައި ދެ މީހުން ތިބި ގޮތުން ގުޅުމުގައި މިހާރު ކުނި ޖެހިފައިވާ ކަމަށް ވެސް ބައެއް ވެސް ބައެއް މީހުން ވަނީ ޝައްކު ކުރަން ފަށައިފަ އެވެ. ފޮޓޯގައި ފެންނަނީ ރަންބީރު ފޯނާ ކުޅެން އިންނަ އިރު، އާލިއާ އެހާ ގަޔާނުވާ ކަހަލަ ގޮތަކަށް ފޫހިވެ، މޫޑް އޮފްވެފައި އިންދަ އެވެ.
މި ފޮޓޯ އަށް ކޮމެންޓް ކުރި ބައެއް މީހުން މަޖަލަކަށް ހަދާފައި ބުނީ ރަންބީރު އިނީ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގްގެ ކައިވެނީގެ ފޮޓޯތައް ބަލަން ކަމަށެވެ.
އަދި ފޮޓޯ އިން ފެންނަ ގޮތުގައި އާލިއާ އަށް ރަންބީރުގެ މާ ބޮޑު ޝައުގުވެރި ކަމެއް ނެތްކަން ދޭހަވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
21 November 2018
ކޮއްކޯ އެއްގޮތަކަށް ކައިވެނިކުރާނެކަމެއްނެތް. ގިނަ މީހުންގެ ހިތް ކަތިލެވޭނީ ހުއްސަރިބަޔަށް ހުރީމަ.