އަންނަ އަހަރު ސިނަމާތަކަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" އަކީ ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. ސަބަބަކީ 2009 ގައި ރިލީޒް ކުރި "ކަމްބަކްތު އިޝްގް" އަށް ފަހު އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ ޖޯޑު އަލުން ސްކްރީނަށް އަންނާތީ އެވެ.
މި ދެ ތަރިން މީގެ ކުރިން ވަނީ އެކުގައި ވަރަށް ކާމިޔާބު އަދި ރީތި ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "އެއިތުރާޒް"، "ތަލާޝް"، "ތަޝަން" އަދި "ބޭވަފާ" ހިމެނެ އެވެ.
"ގުޑް ނިއުސް" ގައި ކަރީނާ އާއި އަކްޝޭގެ އިތުރުން ޒުވާން ދެ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި "އުޅުތާ ޕަންޖާބު" އާއި "ފިލޯރީ" ފަދަ ހިންދީ ފިލްމުތައް ކުޅެފައިވާ ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ. މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ.
"ގުޑް ނިއުސް" ގެ ޑައިރެކްޓަރަކީ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ދަޅަކް"ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާންގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރާޖް މެހެތާ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި، 19، 2019 ގަ އެވެ.
އަޔޫޝްމަންގެ އާ ފިލްމަކީ "ޑްރީމް ގާލް"
އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅޭ ކޮމެޑީ ފިލްމަށް "ޑްރީމް ގާލް" ގެ ނަން ދީފި އެވެ. އެކަން ފިލްމުގެ ޓީމުން ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.
"ޑްރީމް ގާލް" އަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް، ރާޖް ޝާންދަލިޔާ ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ ރާޖްގެ އަލަތު ޑައިރެކްޝަނެވެ. އޭނާ މީގެ ކުރިން ވަނީ ބައެއް ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔެފަ އެވެ. އޭގެ ތެރޭގައި އަނިލް ކަޕޫރުގެ "ވެލްކަމް ބެކް" އާއި ސޮހައިލް ހާންގެ "ފްރީކީ އަލީ" ގެ އިތުރުން ސަންޖޭ ދަތުގެ "ބޫމީ" ހިމެނެ އެވެ.
"ޑްރީމް ގާލް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މީގެ ކުރިން ވެސް އެ ނަމުގައި ވަނީ ވަރަށް މަޝްހޫރުވި ފިލްމެއް ހަދައިފަ އެވެ. އެއީ ހެމާ މާލިނީ އަށް ވަނަމެއްގެ ގޮތުގައި ވެސް ފަހުން ބޭނުން ކުރަމުން ދިޔަ 1977 ގެ ފިލްމު "ޑްރީމް ގާލް" އެވެ.
"ދިލްބަރު" އަރަބި ލަވަ ދައްކާލައިފި
ނޯރާ ފަތެހީގެ ފަރި ހަރަކާތްތައް ފެނިގެންދާ "ދިލްބަރު" ގެ އަރަބި ލަވައިގެ ވީޑިއޯ ދައްކާލައިފި އެވެ.
މިއީ މި އަހަރު އޮގަސްޓް މަހު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނުނު އަދި ޗާޓްތަކުގެ އެންމެ ކުރީގައި ރަނިކަން ކުރަމުން ދިޔަ "ދިލްބަރު" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ނޯރާ އޭނާގެ މެދުއިރުމަތީގެ ފޭނުންނަށް ހާއްސަކޮށްގެން ގެނެސް ދީފައިވާ ލަވައެކެވެ.
"ދިލްބަރު" ގެ ހިންދީ ލަވައާ އެއްގޮތަށް އަރަބި ވާޝަނުގައި ނޯރާގެ ފަރި އަދި ޖާދުވީ ނެށުންތައް ހިމަނާފައިވެ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ލަވައިން ނޯރާގެ އަޑު ވެސް އިވިގެން ދާތީ އެވެ. އޭނާއާ އެކު ލަވައިގައި ދެން ހިއްސާވެފައި ވަނީ މޮރޮކޯގެ ބޭންޑް ފޭންއެއާ އެވެ.
"ޔޫރީ" ގެ ޓީޒާ ދައްކާލައިފި
ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓްރެއިލާ ދައްކައިލާނީ މި މަހުގެ 5 ވަނަ ދުވަހު އެވެެ.
މިއީ ޓެރަރިސްޓުންގެ ބަޔަކު، އިންޑިއާގެ އަސްކަރިއްޔާގެ 19 އޮފިސަރަކު 2016 ގައި މަރައިލި މަޝްހޫރު ޔޫރީ އެޓޭކް ހާދިސާ އަށް ބިނާކޮށް ހަދާފައިވާ އެކްޝަން ތުރިލާކެވެ.
މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އަރަމުން އަންނަ އުންމީދީ އެކްޓަރު ވިކީ ކޯޝަލް އާއި ޔަމީ ގޯތަމް އެވެ. އަދި ފިލްމުގެ މުހިއްމު ރޯލްތަކުން ޕަރޭޝް ރާވަލް ،ކިރިތީ ކުލްހާރީ އަދި މަޝްހޫރު ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ފެނިގެން ދާނެ އެވެ.