ކްރިސްޓިއަން ބޭލް: އޭނާއަކީ ވަރަށް ވަރުގަދަ ރޯލްތައް ކުޅޭ އެކްޓަރެއް.
04 ޑިސެމްބަރ 2018 - 08:10
ބޮލީވުޑްގެ ފިލްމުތަކަކީ ލަވަތަކާއި ނެށުންތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ފިލްމުތަކަކަށްވާތީ، ބޮލީވުޑްގެ ފިލްމެއް ކުޅެން އެހާ ބޮޑު ޝައުގުވެރި ކަމެއް ނެތް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް ބުނެފި އެވެ.
އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ އަދި އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ފިލްމު "މޯގްލީ: ދަ ލެޖެންޑް އޮފް ދަ ޖަންގަލް" ޕްރޮމޯޓް ކުރަން އިންޑިއާ އަށް މިދިޔަ ހަފުތާގައި ކުރި ދަތުރުގައި ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި 44 އަހަރުގެ އެކްޓަރު ބުނީ އޭނާ ބޮލީވުޑް ފިލްމެއް ކުޅެފި ނަމަ އޭތި ވާނީ ޖޯކަކަށް ކަމަށެވެ.
"އަހަންނަކީ ލަވަކިޔަން އެނގޭ މީހެއް ނޫން. ނަށަން އެނގޭ މީހެއް ނޫން. އެހެންވީމާ ބޮލީވުޑް ފިލްމެއް ކުޅުމަކީ ވުމަށް ވުރެ ނުވުމާ ދުރުކަމެއް. އަހަރެން ހަގީގަތުގައި ބޮލީވުޑްގެ ފިލްމެއް ކުޅޭކަށް އެހާ ޝައުގުވެރި ކަމެއް ވެސް ނެތް މި ބުނި ސަބަބުތަކާ ހުރެ،" އޮސްކާ ވެސް ހާސިލުކޮށްފައިވާ ބޭލް ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "އެހެންވެ ބޮލީވުޑް ފިލްމެއް އަހަރެން ކުޅެފި ނަމަ ވާނީ ޖޯކަކަށްކަން ނޭނގޭ."
"އެމެރިކަން ސައިކޯ" އާއި "ދަ މެޝިނިސްޓް" އަދި "ޑާކް ނައިޓް" ސީރިޒްތަކުގެ ފިލްމުތައް ކުޅެފައިވާ ބޭލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނާ ހަމައަށް ދެން އެންމެ އަވަހަށް އަންނާނީ މި މަހުގެ 25 ގައި ރިލީޒް ކުރާ "ވައިސް" އެވެ.
އެޑަމް މެކޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެމެރިކާގެ ކުރީގެ ނައިބް ރައީސްކަން 2001-2009 އަށް އަދާ ކުރެއްވި އަދި އެމެރިކާގެ ތާރީހުގައި ވެސް ފެނުނު އެންމެ ނުފޫޒު ގަދަ ނައިބު ރައިސްގެ ގޮތުގައި ސިފަ ކުރާ ޑިކް ޗޭނީގެ ވާހަކަ ކިޔައިދޭ ބައޮގްރިފަކަލް/ކޮމެޑީ ޑްރާމާއެކެވެ. "ވައިސް" ގައި ޗޭނީގެ ރޯލް ކުޅެފައި ވަނީ ބޭލް އެވެ.
އަންނަ އަހަރު ރިލީޒް ވާން ހުރި ބޭލްގެ ފިލްމުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަނެއްކާ ވެސް ހަމަ ބައޮގްރަފިކަލް ޑްރާމާއެކެވެ. އެއީ ޖޭމްސް މެންގޯލްޑް ޑައިރެކްޓް ކުރާ "ފޯޑް ވާސަސް ފެރާރީ" އެވެ.
އަންނަ އަހަރުގެ ޖޫން 28 ގައި ރިލީޒް ކުރާ އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި މެޓް ޑޭމަން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީވުޑް
04 December 2018
އާނ ދެން އެކިމީހުން ސައުގު ހުއްނާނީ އެކި ކަންކަމަށްތާ ދޯ؟