ކައިރި މުސްތަގުބަލެއްގައި ވެސް އިންޑިއާ އަށް ދާކަށް ޕްލޭނެއް ނެތް: އިރުފާން ހާން

އިންޑިއާ އަށް ކައިރި މުސްތަގުބަލެއްގައި ވެސް ދާން ޕްލޭންކޮށްފައި ނެތް ކަމަށާއި މިހާރު ހުރިހާ ވެސް ފޯކަސްއެއް އޮތީ ބައްޔަށް ފަރުވާ ހޯދަން ކަމަށް އިނގިރޭސިވިލާތުގައި މިހާރު ހުރި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރުފާން ޚާން ބުނެފި އެވެ.


ނާދިރު ބައްޔެއް ކަމަށްވާ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) އަށް މިދިޔަ މާޗް މަހުން ފެށިގެން ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރު މި މަހުގެ ތެރޭގައި އިންޑިއާ އަށް އެނބުރި އަންނާނެ ކަމަށާއި އޭނާ އަންނަނީ ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައިގެ ޝޫޓިން އަށް ކަމަށް ވެސް ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

އަދި މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ވަނީ މިދިޔަ މަހު ފާހަގަ ކުރި ދިވާލީއާ ދިމާކޮށް އިރުފާން އިންޑިއާ އަށް ކުރު ދަތުރެއްކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ނަމަވެސް 51 އަހަރު އެކްޓަރު ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފަރުވާގެ ކަންކަން ކުރިއަށްދާތީ ކައިރި މުސްތަގުބަލެއްގައި ވެސް އުފަން ގައުމަށް ދާކަށް ޕްލޭންކޮށްފައެއް ނެތެވެ.

އިރުފާންގެ ޓްވީޓެއް.

"އަހަރެން މި އަންނަނީ ފަރުވާ އަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީގެން ޓެސްޓްތަކާ އެއްޗެހި ހަދައި، ބަލީގެ ނަތީޖާތައް ރިވިއު ކުރަމުން. އަދި އިތުރަށް ވެސް ހަދަން ޖެހޭ ވަރަށް ގިނަ ޓެސްޓްތަކެއް އެބަހުރި،" ހޮލީވުޑްގައި ވެސް މަސައްކަތް ކުރާ އިފްރާން ބުންޏެވެ. "އެހެންވެ ކައިރި މުސްތަގުބަލެއްގައެއް ވެސް ނެތް އިންޑިއާ އަށް ދާން ޕްލޭންކޮށްފައެއް."

އޭނާ އަށް ބޮޑު ބައްޔައެއް ޖެހިފައިވާކަން މާޗް މަހު އިއުލާން ކުރީ ދީޕިކާ ޕަދުކޯންއާ އެކު ކުޅޭ ފިލްމެއްގެ ޝޫޓިން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް ފަރުވާ އަށް ގައުމުން ބޭރަށް ދިގު މުއްދަތަކަށް ދާން ޖެހުމުން އެ ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން ވެސް ބައްޔާ ގުޅިގެން އިރުފާނަށް ވަނީ ބައެއް ޕްރޮޖެކްޓްތައް ހުއްޓައިލަން ޖެހިފަ އެވެ.

އޭގެ ތެރޭގައި އޭނާ ޝޫޓިން ފަށާފައި އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ގޯމިންޓް" އިން ވެސް އިރުފާން ވަނީ ވަކިވެފަ އެވެ.

އެކަމަކު އޭނާ ލައްވައި ފިލްމުތައް ކުޅުވުން ކިޔޫގައި މިހާރު ވެސް ތިބި މީހުންގެ ތެރޭގައި ވިޝާލް ބަރަދްވާޖް، ދިނޭޝް އަދި ސުޖިތު ސިރްކާސް ހިމެނެ އެވެ.

އިރުފާން އެނބުރި އަންނަން ޕްލޭންކޮށްފައި ނެތް ކަމަށް ބުނެފައިވާތީ "ހިންދީ މީޑިއަމް" ދެވަނަ ބައި އަވަހަކަށް ބެލުންތެރިންނަށް ފެންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި އިރުފާންގެ ދަރިފުޅުގެ ރޯލް ކުޅެން ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާނަށް ވަނީ ހުށަހަޅައިފަ އެވެ.

ދިނޭޝް ޕްރޮޑިއުސްކޮށް، ސަކެޓް ޗައުދަރީ ލިޔެ، ޑައިރެކްޓް ކުރި "ހިންދީ މީޑިއަމް" އަކީ މިދިޔަ އަހަރު ރިލީޒްކޮށް އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. އަދި މި ފިލްމުން އިރުފާނަށް ވަނީ މި އަހަރުގެ އައިފާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ.

ފަރުވާ އަށް އިރުފާން އިނގިރޭސިވިލާތަށް ދިޔަ ފަހުން އޭނާގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ "ބްލެކްމެއިލް" އާއި "ކާރްވާ" އަދި ހޮލީވުޑްގެ ފިލްމު "ޕަަޒަލް" އެވެ.