ޝަރުމީލާ އަދި ސާރާ މަންމަ އަމްރިތާއާ އެކު.
19 ޑިސެމްބަރ 2018 - 07:41
މި މަހުގެ 7 ގައި ރިލީޒްކުރި ފިލްމު "ކެދަރުނާތު" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ސާރާ އަލީ ހާން ފިލްމުގައި ދައްކުވައި ދީފައިވާ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. އޭނާގެ ބައްޕަ ސައިފް އަލީ ހާނާއި ދޮންމަންމަ ކަރީނާ ވެސް ބުނި ގޮތުގައި ފުރަތަމަ ފިލްމާ ބަލައިފައި ސާރާ ދެއްކި ހުނަރު ވަރަށް ފުރިހަމަ އެވެ.
އެކަމަށް އިޝާރާތްކޮށް ސައިފް ބުނެފައި ވަނީ އޭނާ ކުޅުނު ފުރަތަމަ ފިލްމުގައި ދެއްކި ހުނަރަށް ވުރެ މާ ރަނގަޅަށް ސާރާގެ ފުރަތަމަ ފުރަތަމަ ފިލްމުގައި ދައްކުވައި ދީފައިވާ ކަމަށެވެ. ސާރާގެ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރަށް ވެސް "ކެދަރުނާތު" ވަރަށް ކަމުދިޔަ އެވެ.
މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސާރާއާ ސުވާލު ކުރުމުން އޭނާ ބުނީ "މާމަ ހުރީ ފިލްމާ ދޭތެރޭ ވަރަށް ފަހުރުވެރިވެފައި" ކަމަށެވެ. އަދި ފިލްމު ބެލި މާމަގެ ގާތް ރައްޓެހިން ފިލްމަށް ތައުރީފުކޮށް ވަރަށް ގިނަ މެސެޖް ފޮނުވާފައިވާ ކަމަށް ބުންޏެވެ.
"މީގެ ތެރެއިން އަހަންނަށް އެންމެ ހާއްސަ ކަމަކަށްވީ މާމަ މަންމަ އަށް މެސެޖްކޮށްފައި އަހަރެންގެ މަސައްކަތަށް ތައުރީފު ކުރީމަ،" ސާރާ، 24، ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ކެދަރުނާތު" އަކީ އާއިލާގެ ގުޅުން ވެސް ބަދަހިވާން މަގުފަހިވި ކަމެކެވެ. ސައިފާއި ސާރާގެ މަންމަ އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގް ވަރިވި ފަހުން ޝަރުމީލާގެ އާއިލާއާ މާ ގާތް ގުޅުމެއް ނުބާއްވަ އެވެ. އަދި ވަރަށް މަދުން ނޫނީ އެ އާއިލާގެ މީހުންނާ އަމްރިތާ ބައްދަލެއް ވެސް ނުކުރެ އެވެ.
ސާރާގެ ފުރަތަމަ ދެ ފިލްމުގެ ޑައިރެކްޓަރުންނާ އެކު.
"އެންމެ އުފާވި ކަމަކީ ކެދަރުނާތުގެ ސަބަބުން އާއިލާގެ މެދުގައި ގުޅުން ބަދަހި ވާން މަގުފަހިވެފައިވާތީ. އަހަރެން ބުނާނީ ސިނަމާ ކަހަލަ މީޑިއަމްތަކަކީ އާއިލާތައް އެއްތަން ކުރުވައި ގުޅުން ބަދަހިކޮށްދޭން ވެސް ވަރަށް ރަނގަޅު ޕްލެޓްފޯމެކޭ،" ސައިފްގެ ދޮށީ އަންހެން ދަރިފުޅު ބުންޏެވެ. "މި ކަހަލަ ކަމެއްގެ ތެރެއިން އެންމެ ތިރީސް ސިކުންތުގެ ތެރޭގައި ވެސް އުފާވާ ކަހަލަ ކަމެއް މެދުވެރި ވެދާނެ. އަހަރެން ވަރަށް އުފަލުން މިހިރީ."
އަބީޝެކް ކަޕޫރް ޑައިރެކްޓް ކުރި "ކެދަރުނާތު" އަކީ ސާރާ ބޮލީވުޑަށް ނެރެން ސީދާ އަމްރިތާ ހޮވި ފިލްމެކެވެ. އެކަމަކު މި ފިލްމުގެ މަސައްކަތް ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް މިދިޔަ އަހަރުގެ ތެރޭގައި އެކި ކަހަލަ މައްސަލަތައް ދިމާވުމުން، ސައިފް ވަނީ އަމްރިތާގެ ހޮވުން އެހާ ރަނގަޅުން ނޫން ކަމަށް ބުނެފަ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް މި މަހުގެ 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އަކީ މި މައްސަލަގަނޑުގެ ތެރެއިން ސާރާ އަށް ފަހިވެގެން ދިޔަ ފުރުސަތެކެވެ. ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ދެވަނަ ފިލްމުގައި ކުޅެފައިވާ ކެރެކްޓާ ބަލައިލާ ހިތުން ކެތްމަދުވެފަ އެވެ.
"ކެދަރުނާތު" ރިލީޒް ކުރިތާ ކުރީކޮޅު ފިލްމުގެ ވިޔަފާރި އުންމީދު ކުރި ވަރަށް ވުރެ ދަށް ނަމަވެސް، ފަހުން ވަނީ ފިލްމުގެ ވިޔަފާރި ވަރަށް ބޮޑު ތަން ރަނގަޅުވެފަ އެވެ.
އިންޑިިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ފިލްމަށް އަންގާރަ ދުވަހާ ހަމައަށް ވަނީ 72.4 ކްރޯޑް ރުޕީސް ލިބިފަ އެވެ. އިންޑިއާ އިން އެކަނި ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 60 ކްރޯޑާ ގާތްކޮށްފަ އެވެ. އެހެންވެ މިއީ ހިޓެއްކަން މިހާރު ވެސް ވަނީ ކަށަވަރުވެފަ އެވެ.
"ކެދަރުނާތު" ހަދާފައި ވަނީ 35 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy