މޯދީގެ ގޮތުގައި ވިވެކް ދައްކާލައިފި.
08 ޖެނުއަރީ 2019 - 08:22
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
އިއްޔެ މުމްބާއީގައި ބޭއްވި ހަފުލާއެއްގައި، އޮމަންގް ކުމާރު ޑައިރެކްޓް ކުރާ މި ފިލްމުގެ ޕޯސްޓަރު ނެރެދެއްވީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު ދެވެންދުރަ ފަދްވަނިސް އެވެ. އޭނާ ވިދާޅުވީ މޯދީއާ ބެހޭ ގޮތުން ހަދާ ފިލްމު ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށާއި ފިލްމު ބަލައިލަން ކުރެވޭ އިންތިޒާރު ބޮޑު ކަމަށެވެ.
ވިވެކް ބުނީ މުޅި ދުނިޔޭގައި ވެސް އެތައް ބައެއްގެ ލޯބި ހޯދާފައިވާ ބޮޑުވަޒީރު މޯދީގެ ރޯލް ކުޅެން ލިބުމަކީ އެކްޓަރެއްގެ ގޮތުގައި ލިބޭނެ އެންމެ ބޮޑު ޝަރަފު ކަމަށާއި ފިލްމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
ބޮލީވުޑްގައި އެހާ ކާމިޔާބު ނޫން އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވިކެވް ބުނި ގޮތުގައި މޯދީގެ ފިލްމުގެ ދަތުރު ނިންމައިލާ އިރު އޭނާ އަށް ވަރަށް ގިނަ އެއްޗެހި ދަސްވެ، މިހާރަށް ވުރެ ރަނގަޅު މީހަކަށް ވާނެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުންމީދު ކުރެ އެވެ.
"މި މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ހުރިހާ އެންމެންގެ ހެޔޮ އެދުމާއި ދުއާ ވެސް ބޭނުން ވާނެ،" ވިވެކް ބުންޏެވެ. "އަހަރެން އުންމީދު ކުރަން ބެލުންތެރިން ފިލްމަށް އިންތިޒާރު ކުރާނެ ކަމަށް."
މީގެ ކުރިން ވެސް ދެ ބައޮގްރަފިކަލް ޑްރާމާ ހަދާފައިވާ އޮމަންގް ބުނީ މިއީ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ.
Vivek Anand Oberoi [Vivek Oberoi] to star in Narendra Modi biopic, titled #PMNarendraModi... The first look poster was launched in 23 languages by Maharashtra CM Devendra Fadnavis... Directed by Omung Kumar... Produced by Suresh Oberoi and Sandip Ssingh. pic.twitter.com/K0HdjhFVtj
— taran adarsh (@taran_adarsh) January 7, 2019
"ފުރަތަމަ ކަމަކީ މޯދީ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ފިލްމެއް ހެދުން ފަސޭހަ ކަމަކަށް ނުވާނެތީ. އެކަމަކު އަހަރެން ވަރަށް މަސައްކަތް ކުރާނަން މި ފިލްމު މޮޅު ރީތި އަދި ޝައުގުވެރި ފިލްމަކަށް ހަދަން،" އޭނާ ބުންޏެވެ. "މިއީ އަހަރެންގެ މެކްސިމަމް ދޭނެ ފިލްމެއް."
"ޕީއެމް ނަރެންދުރަ މޯދީ" ގެ ޕްރޮޑިއުސަރުންނަކީ ވިވެކްގެ ބައްޕަ އަދި އެކްޓަރު ސުރޭޝް އޮބެރޯއީ އާއި ސަންދީޕް ސިންގް އެވެ. ޖުމްލަ 23 ބަހަކުން އުފައްދާ ފިލްމުގެ ޝޫޓިން މި މަހުގެ މެދުތެރޭގައި ފަށަން ނިންމި ނަމަވެސް، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އިންޑިއާގެ މަޝްހޫރު އަންހެން ބޮކްސިން ތެޅުންތެރިޔާ މޭރީ ކޮމްގެ ވާހަކަ ކިޔައި ދިން 2015 ގެ ފިލްމު "މޭރީ ކޮމް" އާއި ޖާސޫސު ކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ޖަލެއްގައި 20 އަހަރު ހޭދަ ކުރި އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ސަރަބްޖީތު ސިންގްގެ ވާހަކަ ކިޔައި ދިން 2016 ގެ ފިލްމު "ސަރަބްޖީތު" އަކީ އޮމަންގް ޑައިރެކްޓަރެއްގެ ގޮތުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ ފިލްމެވެ. އެހެންވެ "ޕީއެމް ނަރެންދުރަ މޯދީ" އާ ދޭތެރޭ ވެސް ކުރެވޭ އުންމީދުތައް ބޮޑެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރީ 2017 ގައި ރިލީޒް ކުރި "ބޫމީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓްރޯ
09 January 2019
މޯދީ މީ މާ ގަދަ މީހަކީ ތަ އޭނަޔާ ބެހޭ ގޮތުން ފިލްމް ހަދަން! ޕިސް ޕިސް!
ތުނިޔަ
08 January 2019
ވިވެކްއާ މާބޮޑަށްވެސް މޯދީ ވައްތަރު!
ޔޫސޭ
08 January 2019
ގަމީސް އިސްތިރި ނުކޮށްލީމަ ހާދަ ހަޑިއޭ. މޯދީ އަބަދުވެސް ހުންނަވަނީ ވަރަށް ރިތިކޮށް އިސްތިރި ކުރައްވައިގެން. މިހާރު ހީވަނީ ގަމީސް ފެހިގޮތަށް ނުވެސް ދޮވެ ލައިގެން ހުރިހެން
ހަހަ
08 January 2019
އެފޮތީގެ ގޮތުންނޭ އެއީ. މި ދެން ބޮޑުވަރު
ކުޑަމަނިކު
08 January 2019
ރާއްޖޭގައި އެބައުޅޭ މޯދީ އާ ވަރަށް ވައްތަރު މީހުން!
ސިމީތާ
08 January 2019
ހާދަވައްތަރޭ! ގަމީސްވެސް