އައިޝްވާރިޔާ އާއި އަބީޝެކް: ދެ ތަރިން "ގުލާބްޖާމޫ" އިން ވަކިވެފައިވާ ކަމަށްވޭ.
09 ޖެނުއަރީ 2019 - 06:22
ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ ރާއީ އާއީ އަބީޝެކް ބައްޗަން އެކުގައި ކުޅެން ސޮއިކުރި ފިލްމު "ގުލާބް ޖާމޫ" އިން ދެ ތަރިން ވަކިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އެ ފިލްމުން ދެ މީހުން ވަކިވި ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. އެހެންވެ "ގުލާބް ޖާމޫ" ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މި ފިލްމަކީ މި ދެ ތަރިންނާ އެކު ހަދަން ކިޔާތާ މިހާރު ވަރަށް ގިނަ ދުވަސްވެފައިވާ ފިލްމެކެވެ. އެކަމަކު ފިލްމަށް އައިޝްވާރިޔާ އާއި އަބީޝެކް ސޮއިކުރީ އެ މީހުން ބޭނުންވި ބައެއް ބަދަލުތައް ސްކްރިޕްޓަށް ގެނައުމުން މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ފިލްމާ ބެހޭ ގޮތުން ދެ ތަރިން ވެސް ބުނެފައި ވަނީ "ގުލާބް ޖާމޫ" އަކީ ވަރަށް ލޯބި ސްކްރިޕްޓެއް ކަމަށާއި މިއީ ވަރަށް ވެސް ރީތި ފިލްމަކަށް ވާނެ ކަމަށެވެ.
މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ ސަރްވޭޝް މެވާރާ އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި އައިޝްވާރިޔާ އާއި އަބީޝެކް "ގުލާބް ޖާމޫ" އިން ވަކިވެފައިވާތީ، އެކަން ވަރަށް އަވަހަށް ފިލްމުގެ ޓީމުން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
އަބީޝެކާއި އައިޝްވާރިޔާ.
އައިޝްވާރިޔާ އާއި އަބީޝެކް އެންމެ ފަހުން އެކުގައި ކުޅުނީ 2010 ގެ "ރާވަން" އެވެ. ދެ ތަރިން އެކުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ގުރޫ (2007)، އުމްރާއޯ ޖާން (2006)، ދޫމް 2 (2006)، ކުޗް ނާ ކަހޯ (2003) އަދި ދާއި އަކްޝަރު ޕްރޭމް ކޭ (2000) ހިމެނެ އެވެ.
އައިޝްވާރިޔާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމު "ފަނޭ ހާން" އެވެ. "ގުލާބް ޖާމޫ" އިން އޭނާ ވަކިވުމުން މި ވަގުތު ސޮއިކޮށްފައި އޮތް އިތުރު ފިލްމެއް ނެތެވެ.
އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަންމަރުޒިޔާ" އެވެ. އޭނާ މިހާރު އަންނަނީ އަނޫރާގް ބާސޫގެ ފިލްމެއްގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ބްރީތު" ސީޒަން ދޭއްގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy